އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެން އެންމެ ބޮދަށް ފަރުވާތެރިވާންޖެހޭނީ ނަމާދުތަކަށެވެ. ނަމާދުގެ ވަޤުތުޖެހުމުން ކުރަން އެއަސްވުރެ މުހިންމު އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ވީމާ ތިބާގެ ނަމާދަށް ހުރަސްއެޅޭގޮތަށް ހަމައެކަކަށްވެސް ވަޤުތު ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ ޝައިޠޯނާ ތިބާއަށްދޭ ވަރުގަދަ ޙަމަލާއެކެވެ!
އެއީ މީހަކާ ބައްދަލުކުރުން ކަމަށްވީނަމަވެސް ފޯނުން ވާހަކަދައްކަން ނަމަވެސް ޗެޓްކުރުން ކަމުގައިވީނަމަވެސް ނަމާދުގެ ވަޤުތު ޖެހުމުން އެކަން އަވަހަށް ހުއްޓައިލާށެވެ! ނަމާދަށް އަވަސްވެގަންނާށެވެ! ވަޤުތު އަދި ކުރިއަށް އެބަ އޮތްކަމަށް ބަލައި ނަމާދުކުރުން ފަސްނުކުރާށެވެ! އެގޮތަށް އެކަންކުރެވޭނީ ތިބާގެ އެންމެ ގާތް އެކުވެރިއަކީ ﷲ ތަޢާލާ ކަމަށް ހަދައިގެންނެވެ. ކުރަން އެންމެ އިސްކަންދޭ ކަމަކީ ނަމާދުކުރުން ކަމަށް ހަދައިގެންނެވެ.
އެހެން މީހުންނަށްވެސް ވަޤުތުދޭށެވެ. ނަމަވެސް އެމީހުންނަށް ފަސޭހަވާނެހައި ވަޤުތެއްގައެއް ނޫނެވެ. ތިބާއަށް ފަސޭހަވާނެ ވަޤުތުގައެވެ.
އެކުވެރިންގެ ވާހަކަ ދެއްކުނީތީ އިތުރު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ތިބާގެ ކިބައިން މީހަކު އެދުނުކަމެއް ކޮށްދެވެން ނެތް ޙާލުގައި އެވާހަކަ ތެދަށްބުނީމާ ފޫހިވެ މޫނުހަދާ މީހުންނަކީ އެކުވެރިންކަމުގައި ނުގެންގުޅޭށެވެ. އެއީ ތިބާގެ ކިބައިން ކަންކަމަށް ބޭނުންވެގެން ތިބާއާއިއެކުގައި އުޅޭ މީހުންނެވެ. އެއީ ޙަޤީޤީ އެކުވެރިންނަމަ އެޙާލަތުގައި ތިބާއަށް ކުރާނީ ހެޔޮދުޢާއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން