ކައްވަޅުން ކުރިމަތިވާނެ ސުވާލުކުރުމުގެ މަރުޙަލާއަށް މިއަދު ތައްޔާރުވާ މީހުންނަށް ހުރި އުފާވެރި ޚަބަރުތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކައްވަޅުން ކުރިމަތިވާނެ ސުވާލުކުރުމުގެ މަރުޙަލާއަށް މިއަދު ތައްޔާރުވާ މީހުންނަށް ހުރި އުފާވެރި ޚަބަރުތަކުގެ ވާހަކަ-

ކައްވަޅެވެ ބުނީމާ ގިނަބައަކަށް ސިފަވާނީ ސަންދޯއް ވަޅުލަން ކޮނެފައި ހުންނަ ވަޅުގަނޑެވެ. ލޮލަސް ފެންނަ ވަޅުގަނޑަކީ އެއީ ނަމަވެސް އެވަޅުގަނޑަށް ފަސްލައި ފޮރުވަނީ މީސްތަކުންގެ ލޯމަތީގައެވެ. އެހިސާބުން އެވަޅުގަނޑު ބަންދުވީއެވެ. ޙަޤީޤީ ކައްވަޅަކީ އަދި އެއީ ނޫންކަން އެނގެނީ ވަޅުލައި ނިމުމުން ދެން ކަންކަން ހިނގައިދާ ގޮތުންނެވެ.

ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. ވަޅުލައި ނިމުމުން ބިންގަނޑު އެހަށިގަނޑު ފިއްތައިލާނެއެވެ. މޭގެ ކަށިތައް އަނެއް ފަރާތުން ބޭރަށް ނުކުންނަހައި ބާރުމިނުގައެވެ. އެކަން އެމީހަކަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާ ޢަދަދަކަށް ހިނގާނެއެވެ. އެކަމަކު ކަމެއް ދިމާވެގެން 2،3 ދުވަސް ފަހުން ކޮނެގެން ޤަބުރު ނަގާއިރުވެސް އެކަން ހަށިގަނޑުން ފެންނާކަށް ނުހުރެއެވެ.

މިވަނީ ކިހިނަކުން ހެއްޔެވެ؟ އެކަން އޭނާއަށް ކުރިމަތިނުވަނީހެއްޔެވެ؟ ހަަމހިލާ އެހެންނަކުން ނުވާނެއެވެ. މިކަމުން އެނގެނީ މަރުވެ ވަޅުލެވުމުން އެމީހަކާއިމެދު ކައްވަޅުގައި ކަންކަން ހިނގާނެ ގޮތް އިންސާނުންނަށް ނުވެސް ވިސްނޭނެ ކަމެވެ. ދެން އަޑުއަހާށެވެ!

ކޮންމެ މީހަކަށްވެސް އިވޭނެ އެންމެ އުފާވެރިއަޑު އިވިގެންދާނީ މަރުވެ ވަޅުލެވުމުން ކައްވަޅުންނެވެ. މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބު ދެވުމުންނެވެ. އެކަން ހިނގާ ގޮތް މިކިޔައިދެނީއެވެ. ރަނގަޅަށް އަޑުއަހައި ތިބޭށެވެ.

މީހާ މަރުވެ ކައްވަޅުގައި ވަޅުލެވުމުން 2 މަލާއިކަތުން ވަޑައިގެން 3 ސުވާލުކުރައްވަވާނެކަން އެބަ އެނގެއެވެ. އެ 3 ސުވާލުވެސް އެނގެއެވެ. މައްސަލަ އުފެދެނީ އެ 3 ސުވާލުގެ ޖަވާބު ރަނގަޅަށް ދިނުމުންނެވެ.

އެހެނީ އެ 3 ސުވާލުގެ ޖަވާބު ދިނުމުން އެކަންކަން އެނގުނު ގޮތަކާއި ބެހޭގޮތުން ސުވާލުކުރަވަވާނެތީއެވެ. ފުރިހަމަ މުސްލިމެއްގެ ޖަވާބަކަށްވާނީ "އަހުރެން ﷲ ތަޢާލާގެ ފޮތް (ކީރިތި ޤުރްއާން) ކިޔަވައި އުޅުނީމެވެ. އަދި އެފޮތުގައިވާ ކަންކަން ތެދު ކަމުގައި ޤަބޫލުކޮށް އެކަމަށް ހެކިވާ މީހަކުކަމުގައިވަމެވެ."

އެހިނދު ސުވަރުގެއިން އަޑެއް އަންނާނެއެވެ. "އޭނާ ތެދުހަދައިފިއެވެ!" އެއަޑާއިއެކު އޭނާ އެވަނީ ކައްވަޅުގެ އިމްތިޙާންތަކުން ފާސްވެފައެވެ. އޭނާގެ ނަން މުއުމިނުންގެ ލިސްޓުގައި ލިޔުއްވެވުމަށް މަލާއިކަތުންނަށް ﷲ ތަޢާލާ ދެވަނަ ފަހަރަށް އަންގަވާނެތެވެ.

ދެން ވިސްނައިލަންޖެހޭ ކަމަކީ ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދެވޭނީ ތިމާއަށް އެނގިފައިވާ ޢިލްމަކުން ނޫންކަމެވެ. ޢަމަލުކުރި ގޮތުން ކަމެވެ. އެހެނީ މަރުވުމުން ކާފިރުންނަށްވެސް ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކީ ﷲ ތަޢާލާކަން އެނގޭނެއެވެ. ނަމަވެސް ދުނިޔޭގައި ހުރިއިރު ޢަމަލު ނުކުރާތީ ޖަވާބު ނުދެވެނީއެވެ. މުސްލިމުންގެ ތެރެއިންވެސް ޢަމަލުނުކުރާ މީހުންނަށް ޖަވާބެއް ނުދެވޭނެއެވެ.

އެހިސާބުން ސުވަރުގޭގެ ފޭރާން އޭނާއަށް ދެއްވުމަށާއި ސުވަރުގޭގެ ކައުޘަރު ދެއްކެވުމަށާއި ސުވަރުގެއިން އޭނާއަށް ލިބޭނެ މަޤާމް (ދަރަޖަ) ދެއްކެވުމަށް ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ.

މީސްތަކުންނޭވެ! ޤަބުރު ވަޅުލުމަށްފަހު މަހާނަ ކައިރީގައި ތިބެގެން "މިހާރު އެބަ 2 މަލާއިތުން ވަޑައިގަންނަވައޭ! ކުރައްވާ ސުވާލުތަކަށް މިވެނި އެވެނި ޖަވާބު ދޭށޭ" ކިޔައިގެން ކިތަންމެ ގިނަ ބައަކު ގޮވި ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މައްޔިތާއަށް ޖަވާބުދެވޭނީ އޭނާ ދުނިޔޭގައި ހުރިއިރު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. މިފަދަ ބަސްތައް ބުނުމަކީ "ރަތް ރޮނގުން" ގޮވާ މީހާ ބޭރުވާނެ ކަމެކެވެ. ވީމާ ކުރަން އޮތް ހަމައެކަނި ކަމަކީ ދުނިޔޭގައި އުޅެން ލިބޭ މުއްދަތުގައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ!

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން