ފަތިސްނަމާދުގެ ވަޤުތުގަ ފަތިސްނަމާދުނުކުރާ މީހުން ދީނުގެ ވާހަކަތަކާ ދީންމަތިވެރިކުރުމުގެ ވާހަކަތައް ދައްކަން ލަދުގަންނަން ޖެހޭނެ! އެކުރެވެނީ ފުރައްސާރައެއް ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ފަތިސްނަމާދުގެ ވަޤުތުގަ ފަތިސްނަމާދުނުކުރާ މީހުން ދީނުގެ ވާހަކަތަކާ ދީންމަތިވެރިކުރުމުގެ ވާހަކަތައް ދައްކަން ލަދުގަންނަން ޖެހޭނެ! އެކުރެވެނީ ފުރައްސާރައެއް ނޫންތަ؟

އަހުރެން މިހެން ބުނާތީ ބައެއް މީހުން ކަންބޮޑުވެ ސުވާލުވެސް ކުރެއެވެ. އެކަމަކު އަހުރެން ބުނާނީ ކަންކަން އޮތް ގޮތަށެވެ. ޙައްޤުބަހެވެ. ސުވަރުގޭގެ ވާހަކަ ދައްކަންވީ ސުަވރުގެ އެދިގެން މަސައްކަތްކުރަމުންނެވެ. ދީނުގެ ވާހަކަ ދައްކަންވީ ދީނަށް ޢަމަލުކުރަމުންނެވެ.

ސަބަބަކީ ސުވަރުގެ ވައްދަވާނީ އެކަމަށް އެދިގެން ވާހަކަދެއްކުމުގެ އިތުރުން އެކަމަށް އެދިގެން މަސައްކަތްކުރާ މީހުން ކަމަށްވާތީއެވެ. ދީނުގެ ވާހަކަތައް ދެއްކުމުގައިވެސް އޮތީ ހަމަ އެގޮތެވެ. ދީނުގެ ވާހަކަ ދެއްކިކަމުގެ ފައިދާކުރާނީ ދީނަށް ޢަމަލުކުރާ މީހުންނަށެވެ. ނޫނީ ވާނީ ތަޅާ ހުސްއަނގައަށެވެ. ހުސްއަނގަތެލުމަކީ ފައިދާކުރާނެ ކަމެއް ނޫނެވެ. ލިބޭނީ ގެއްލުމެވެ.

މީސްތަކުންނޭވެ! ތިމާއަށް ފައިދާކުރާނެ ޤުރްބާނީއަކީ ﷲ ތަޢާލާގެ މަގުގައި ކިޔަމަންތެރިކަމާއިއެކު ސާބިތުވުމަށް އެމީހަކުވާ ޤުރްބާނީއެވެ. އެހެންކޮންމެ ޤުރްބާނީ އަކީ އެމީހަކާއި ވަކިވެގެންދާނެ ކަންކަމެވެ. ތިމާ އާއިއެކު ދާއިމަށް ދެމިހުންނާނީ އަދި އާޚިރަތް ދުވަހުވެސް ތިމާ ސަލާމަތްކޮށްދޭނެ ޤުރްބާނީއަކީ ﷲ ތަޢާލާގެ މަގުގައިވާ ޤުރްބާނީއެވެ.

އެންމެ މަތިވެރިވެގެންވާ ޤުރްބާނީ އަކީ ކޮބައިކަމާއިމެދު ސުވާލުކޮށްފިނަމަ ޖަވާބުގައި އެއީ ﷲ ތަޢާލާއަށްޓަކައިވާ ޤުރްބާނީ ކަމަށް ބުނެލަން ވަރަށް ފަސޭހައެވެ. ނަމަވެސް އަހަރެންގެ ސުވާލަކީ އެ ޤުރްބާނީ ތައްޔާރަށް ތިބީ ކިތަށް މީހުން ހެއްޔެވެ؟ އެ ޤުރްބާނީ ވާން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ؟

ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. އަހަރެމެންގެ ތެރެއިން ކިތައް މީހުން ފަތސް ނަމާދު ޖަމާޢަތުގައި ކުރަން މަސައްކަތްކުރަމުހެއްޔެވެ؟ ހޭލެވޭހައި ވަގުތު ލައިގެން ނިދަނީ ކިތައް މީހުން ހެއްޔެވެ؟ ގަޑިސޯނާކޮށް، ފޯނު އެލާމްކޮށްގެން ނިދަނީ ކިތައް މީހުން ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ ސޯނާވުމުން ހޭލެވުނު ނަމަވެސް އަރާމު ނިދި ދޫކޮށްލައި ތެދުވެ ޖަމާއަތުގައި ނަމާދުކުރަން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ؟

އެންމެ ކުޑަމިނުން މިވަރުކޮށްނުލެވޭ މީހާ ﷲ ތަޢާލާގެ މަގުގައި ޤުރްބާންވުމުގެ ވާހަކަ ނުދައްކާށެވެ! ކޮންމެ ގޮތަކުން ނަމަވެސް ގަޑި ނުޖެހި އޮފީހަށް ދާން މަސައްކަތްކުރާ މީހުންނާއި ކޮންމެ ގޮތަކުން ނަމަވެސް ގަޑި ނުޖެހި ސްކޫލަށް ކުދިން ފޮނުވަން މަސައްކަތްކުރާ މީހުންނަކީ ދުނިޔެއަށްޓަކައި ޤުރްބާންވާ މީހުންނެވެ. އެމީހުން ދައްކަންވާނީ ދުނިޔެއަށްޓަކައި ޤުރްބާންވުމުގެ ވާހަކައެވެ. ދީނުގެ ވާހަކަ ދައްކަން ނުހަދާށެވެ! އެއީ ދީނަށް ކުރެވޭ ފުރައްސާރައަކަށްވެދާނެ ކަމަށްޓަކައެވެ.

ﷲ ތަޢާލާއަށްޓަކައި ނުވަތަ ﷲ ތަޢާލާގެ މަގުގައި ޤުރްބާންވުމަކީ ﷲ ތައާލާއަށް އެންމެ ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ. އެހެން ހުރިހާ ކަންކަން އެއިގެ ފަހަތުން ގެނައުމެވެ.

--ޝައިޚް ޢަބްދުލަމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން