ކުޑަކުދިން ފޯނު ނުވަތަ ޓެބްލެޓް ފަދަ ތަކެތި ގެންގުޅުމާއި ސްކްރީން ބަލައިގެން ގޭމްކުޅުން ފަދަ ކަންކަން ކުރުމަކީ މައްސަލައެއްތޯ؟
މިއީ މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމަކާއި ގުޅިގެން ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލެކެވެ. ޖަވާބުގައި ބުނަން ޖެހެނީ ކޮންމެ ކަމެއްވެސް އިމެއްގެ ތެރެއިން ކުރެވޭނަމަ އެއީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް އިންތަކުން ބޭރުވެގެންދާނަމަ އެއޮތީ މައްސަލައަކަށްވެފައި ކަމަށެވެ.
ބައަކަށް މިކަން މިއަދު ފާހަގަކުރެވިގެން އުޅުނަސް މިމައްސަލައަކީ ވަރަށް ކުރީންސުރެ މިއަދުނޫހުން ފާހަގަކުރަމުން އަންނަ މައްސަލައެކެވެ.
ކުޑަކުދިން ސްކްރީންތަކާއެކު ހޭދަކުރާ ވަޤުތު ގިނަވުމުން ލިބޭ ބޮޑެތި ގެއްލުންތަކަށް ބެލެނިވެރިންގެ ސަމާލުކަން އިތުރުކުރަންޖެހޭ ސަބަބުތައް ވަރަށް ގިނަކަން ތިރީގައިވާ ލިޔުމުންވެސް ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ.
ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ މި ޒަމާނުގައި ގިނަ ބެލެނިވެރިން އެމީހުންގެ ދަރިން މަޑުން ބެހެއްޓުމަށްޓަކައި ސްކްރީންއާއިގެން ވަގުތައް ހޭދަކޮށްލުމަށްޓަކައި ދޫކޮށްލެވެއެވެ. ސްކްރީންތަކުން ކުޑަކުދިންގެ ސަމާލުކަން ހިފަހައްޓަމުންދަނީ އެހެން އެއްވެސް ކަމަކަށް އެކުދިންގެ ސަމާލުކަށް ނުދާ ފަދަ ގޮތަކަށެވެ. ބެލެނިވެރިން އެހެން ކަންތައްތަކާއި މަޝްއޫލުވެގެން އުޅޭ ވަގުތު ދަރިން މަޑުމައިތިރިކަމާއިއެކު ބަސްއަހައިގެން ބެލެނިވެރިން ކުރާ މަސައްކަތްތައް ނިމެންދެން ސްކްރީންއަށް ބެލުމުގައި ވަގުތުތައް ހޭދަކުރެއެވެ. ނަމަވެސް ސްކްރީންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދަރިންގެ ސިކުނޑިތަކަށް ކުރާ އަސަރަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެންގެ ދަރިންނަށް ކުރަނީ ރަނގަޅު އަސަރު ހެއްޔެވެ؟
ސްކްރީން ޓައިމް މާ ގިނަވުމުގެ އަލާމާތްތައް:
ނިދަން އުނދަގޫވެ ނިދުމަށް ބުރު އެރުން:
ޑޮކްޓަރ ޝްވާޓްޒް ވިދާޅުވާ ގޮތުގައި ބޮޑުވަމުން އަންނަ ކުދިންނަށް ނިއްޖަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ސްކްރީންތައް ވަނީ ނިއްޖަށް ހުރަހަކަށް ވެފައެވެ. ހާއްސަކޮށް އެނދު ކައިރީގައި ބޭނުންކުރާ ނަމައެވެ. ނިދާ ގަޑިއާއި ކައިރިކޮށްފަ ކުދިންނަށް ސްކްރީން ދެއްކުން ހުއްޓުވަން ޖެހެއެވެ. ނިދި ގެއްލުމަކީ އޭގެ ސަބަބުން ވަރުބަލި ކޮށްލާ ކަމެކެވެ.
އަނިޔާ ކުރުމަކީ އާދައިގެ ކަމެއް ކަމުގައި ދެކެވުން:
ޓީވީ އަދި ވީޑިއޯ ގޭމްސްތަކުގެ ސަބަބުން ކުދިން މާރާމަރީއަށް އެކްސްޕޯޒްވެގެން ދެއެވެ. މިކަމުގެ ސަބަބުން ކުދިން އަނިޔާއަށް އަހުލުވެރިވެގެން ދެއެވެ. މިއީ އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެން ނުރައްކާރެތި ކަމެކެވެ. މިކަމުގެ ސަބަބުން ކުދިން މައްސަލަތައް ހައްލުކުރުމަށް އަނިޔާއާއި މާރާމަރީ ހިންގުން އެކަށީގެންވެއެވެ.
ބިހޭވިއަރަލް މައްސަލަތައް:
ދުވާލަކު ދެ ގަޑިއިރަށް ވުރެ ގިނައިރު ޓީވީ ބެލުމާއި ވީޑިއޯ ގޭމް ކުޅުމާއި ކޮމްޕިއުޓަރު ނުވަތަ ސްމާޓްފޯނު ބޭނުން ކުރުމުގައި ހޭދަކުރާ އެލިމެންޓަރީ ދަރިވަރުންނަށް ނަފްސާނީ އަދި އިޖުތިމާއީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިސާލަކަށް ކުދިންނަށް އެހެން މީހުންނާއި މުއާމަލާން ކުރާނެ ގޮތް ނޭނގުން އަދި ކުދިންގެ އަމިއްލަ އިހްސާސްތައް ކިޔައިދޭން ނޭނގުން ހިމެނެއެވެ. މީގެ އިތުރުން ވީޑިއޯ ގޭމްސްތަކަށް އެކްސްޕޯޒްވުމަކީ ކުޑަކުދިން އެހެން ކަންތައްތަކަށް ދޭ ސަމާލުކަށް ކުޑަކޮށްލާ ކަމެކެވެ.
އޮބެސިޓީ ( މާ ބޮޑަށް ފަލަވުމަށް މަގުފަހިވުން ):
މާގިނަ ވަގުތު ސްކްރިންއާއިއެކު ހޭދަކުރެވޭނަމަ ކުދިން މާބޮޑަށް ފަލަ ވުމުގެ ފުރުސަތު ބޮޑެވެ. ހެލިފެލިވެ ނޫޅެ ސްކްރީން ކައިރީގައި ވަގުތުތައް ހޭދަކުރުމުން އެއްވެސް ކަސްރަތެއް ކުދިންނަށް ނުލިބޭނެއެވެ. އަދި ޓީވިތަކުގެ އިޝްތިހާރުތަކުގައި ދައްކާ ކުޑިކެއުންތައް ކުދިން ކާހިތްވެ، އެއެއްޗެހި ކެއުމުގެ ސަބަބުން ބަރުދަށް އިތުރުވެ އޮބޭސްވުމަށް މަގުފަހިވެގެން ދެއެވެ.
ތުއްތު ކުދިން އެންމެ ބޮޑަށް ދަސްކުރަނީ އިންސާނުންގެ މުޢާމަލާތްތަކުން:
ތުއްތު ކުދިންގެ ސިކުނޑިއަށް ސްކްރީންތަކުން ކުރާ އަސަރު ދިރާސާކުރައްވާ ސިކުނޑީގެ ސައިންސްވެރިން ދެކެލައްވާ ގޮތުގައި ބެލެނިވެރިން ކުދިންނަށް ސްކްރީނުން ބޭރުން ތަޖުރިބާތައް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެކެވެ. އޭރުން ކުދިން ކަންތައްތައް ދަސްކޮށް، ކުދިންގެ އިޖްތިމާއީ އަދި ވިސްނުމުގެ ހުނަރުތައް ތަރައްގީ ކުރާނެއެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ސިކުނޑީގެ ސައިންސްވެރިއެއް ކަމަށްވާ ޕެޓްރީޝިއާ ކުހްލް ކުރެއްވި ދިރަސާތަކުގެ އަލީގައި ސައިސްވެރިޔާ ދަންނަވަނީ އަހަރެއް ނުވާ ތުއްތު ދަރުފުޅު މެޝިންއެއްގެ ފަރާތުން އެއްޗެހި ދަސްނުކުރާނެކަމަށެވެ. މިހެން ދަންނަވާ ސައިސްވެރިޔާ އެ އިޝާރާތް ކުރައްވަނީ ކޮމްޕިއުޓަރގަ ހުންނަ ގިނަ ސިކުނޑީގެ ސްކޭންތަކަށެވެ. ސައިސްވެރިޔާ އިތުރަށް ދަންނަވަނީ ކުދިންނަށް އެއްޗެއް ދަސްކޮށްދިނުމަށްޓަކައި ކިތަންމެ ހިތްގައިމުކޮށް ތައްޔާރު ކޮށްފައިވާ ވީޑިޔޯއެއް ދެއްކުމަށްވުރެން ބޮޑަށް ކުދިންނަށް އެއްޗެހި ދަސްވާނީ ދިރިތިބި އިންސާނުންގެ ކައިރިން ކަމަށެވެ. މިއީ އަހަރެއް ނުވާ ތުއްތު ދަރިފުޅަށް ސްކްރީން ދައްކާ ބެލެނިވެރިން ހަދާނުގައި ބަހައްޓާލުން މުހިއްމު ނުކުތާއެކެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެކި ލިޔުންތަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ޞިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫނެވެ.
ލިޔުނީ: އުންމު ނަވާރު
މައުލޫމާތު ނެގީ
Babies need humans, not screens UNICEF Parenting.
Jill Christensen, C.N.P. (2022) Children and too much screen time, Mayo Clinic Health System.
Team, C.H. (2022) How much screen time for kids is too much?, Cleveland Clinic.