މިއަދު ޢާއިލާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެކަކު އަނެކަކަށް ހެޔޮދުޢާ ނުކުރުމުގެ މައްސަލައެވެ. އިޚްލާޞްތެރިކަމާއިއެކު އެކަކު އަނެކަކަށް ހެޔޮދުޢާ ކުރަމުން ގެންދާނަމަ މައްސަލަތަކެއް ނުޖެހޭނެއެވެ. ރުޅިވެރިކަމެއް އަދި ޙަސަދަވެރިކަމެއްވެސް ނުއޮންނާނެއެވެ. އެއިގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިނުވުމުގެ މައްސަލަތަކެއްވެސް ނުއޮންނާނެއެވެ.
އަހުރެން ﷲ ތަޢާލާއަށް ޙަމްދުކޮށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުމަށްފަހު ދުޢާއަކުން ވާހަކަކޮޅު މިފެށީ ޢާއިލާގެ އެންމެން، ދަރިން މައިންބަފައިންނަށް އަދި މައިންބަފައިން ދަރިންނަށް އަދި ދެން ތިބި އެންމެންވެސް އެކަކު އަނެކަކުގެ މައްޗަށް ހެޔޮދުޢާކުރުމުގެ މުހިންމުކަން ބަޔާންކުރުމަށެވެ.
ދުޢާކުރުން ހަމައެކަނި ޢާއިލާ އާއިހަމައިންވެސް ނިންމައިނުލާށެވެ! އެންމެންވެސް އެކަކު އަނެކަކަށްޓަކައި އިޚްލާޞްތެރިކަމާއިއެކު ހެޔޮދުޢާކުރަމުން ގެންދާށެވެ! ބައްދަލުވުމުންވެސް އަދި ވާހަކަދައްކާއިރުވެސް އެކަކު އަނެކަކަށް ހެޔޮދުޢާކުރަމުން ގެންދާށެވެ! އެކަންވާނީ ކުރެވޭ އަޅުކަމަކަށެވެ. އެކަމުގެ ދަލީލަކީ މުސްލިމުން އެކަކު އަނެކަކަށް ބައްދަލުވުމުން ކުރާ ސަލާމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުން އަނެކާއަށް ރަޙްމަތާއި ބަރަކާތް ލެއްވެވުން އެދިގެން ކުރާ ދުޢާއަކަށްވާތީއެވެ.
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން