ކެންސަރުބައްޔަކީ މިއަދު ފަސޭހަކުރެވޭ ބައްޔެކެވެ. ބަލިމީހާގެ ހިތްވަރުހުރެފައި ރަނގަޅު ފަރުވާއެއް ލިބިއްޖެނަމަ ގިނަ ބައަކަށް ބަލިން ސަލާމަތްވެވެއެވެ. އެންމެ މުހިންމު ކަމަކީ ބަލީގެ ކުރީކޮޅު ފަރުވާ ލިބިގަތުމާއި ބަލިޖެހިދާނެކަމަށް ބެލެވޭ ކަންކަމާއި ދުރުހެލިވެހުރުމެވެ.
ބައިވެރިޔާގެ ހިތުގައި ފާރުތަކަށްވެސް އޮތީ ހަމަ މިގޮތެވެ. ފުރަތަމަ ކަމަކީ ބައިވެރިޔާ ހިތްދަތިވާނެ ކަންކަން ނުކުރުމެވެ. ދެވަނަ ކަމަކީ ކަމެއް ކުރެވުނަސް މާފަށް އެދި ބަދަލުގައި ހެޔޮ ކަންކަން ކޮށްދީ ހެޔޮކޮށް ހިތައިގެން ހިތަށް ލިބުނު އަނިޔާ ފިލުވައިލަން މަސައްކަތްކުރުމެވެ. އެކަން ހިތުފާރަށް ބަދަލުވެއްޖެނަމަ ދޭނެ ފަރުވާއެއް ނުއޮންނާތީއެވެ. ޢުމުރަށް އެކަން ދެމިގެންދާތީއެވެ.
ވީމާ މިބުނާ ކަންކަމަށް ފަރުވާތެރިވާށެވެ!
ލޯބީގެ ގުޅުމެއް ނަމަވެސް އަދި ކައިވެންޏެއް ނަމަވެސް ރޫޅިގެނަދާއިރު އެމީހެއްގެ ކިބައިގައި ހުރި، ނުވަތަ އެމީހަކަށް ކުރެވުނު ކުށްތައް ވަރަށް ރަނގަޅަށް ދެނެގަންނަންވާނެއެވެ. ދެވަނަ ގުޅުމެއްވެސް ކާމިޔާބުކުރެވޭނީ އެއިރުންނެވެ.
ހަމައެފަދައިން އަނެކާގެ ކިބައިން ތިމާއަށް ލިބުނު އަނިޔާތައްވެސް ދެނެގަންނަންވާނެއެވެ. އެކަންކަމަށް ކިޔަންޖެހޭނީ ހިތުގައި ޖެހި ފާރުތަކެވެ. އެފާރުތަކަށް ވަރަށް ރަނގަޅަށް ފަރުވާކުރަންވާނެއެވެ.
އެފާރުތައް ފަސޭހަވާވާފަހުން ދެވަނަ މީހަކާއި ގުޅުނު ނަމަވެސް އެމީހަކަށް އެއްވެސް ކަމެއް ސިއްރުކޮށްގެންނުވާނެއެވެ. ހިތުގައި ޖެހި ފާރުތަކުގެ ވާހަކަތައް ކިޔައިދޭންޖެހޭނެއެވެ. އަދި އެފަދަ އަނިޔާއެއް ނުދޭނެކަމުގެ ޔަޤީންކަން ހޯދަންޖެހޭނެއެވެ.
ގިނަފަހަރަށް ދިމާވާ ގޮތަކީ ކުރީގެ ފިރިމީހާގެ ނުވަތަ އަނބިމީހާގެ ކިބައިން ލިބުނު އަނިޔާތަކުގެ ވާހަކަ ނުދެއްކެނީއެވެ. އެއީ އަނެކާ ބަދުނާމުކުރުން ކަމަށްވެދާނެތީ ދައްކަން ބޭނުންނުވަނީއެވެ. އެހެންކަމަށްވާނަމަ ބައިވެރިޔާ އާއި ނުގުޅުވައިވެސް އެކަންކަމުގެ ވާހަކަ ދައްކަންވާނެއެވެ. އެފަދަ ކަންކަން ނުކުރުން ޝަރުޠުކުރުވަންވާނެއެވެ.
ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ދެރަވާ ކަންކަންވެސް ތަފާތުވާނެއެވެ. ވީމާ އެމީހަކު ދެރަވާ ކަންކަން އަނެކާގެ ގާތުގައި ރަނގަޅަށް ބުނެނުދެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ޑޮކްޓަރަކަށް ދައްކާއިރުވެސް ތިމާއަށް ވަމުންދާ ގޮތް ބުނެނުދޭނަމަ ފަރުވާދޭން ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ ޓެސްޓް ހަދަން ފަސޭހަވާނީވެސް ޝައްކުކުރެވޭ ބަލި އެނގިގެންކަމަށްވާތީއެވެ.
ދިރިއުޅުމުގައިވެސް ޢަމަލުކުރަން އޮތީ ހަމަ އެގޮތެވެ. އެކުގައި ދިރިއުޅޭއިރުވެސް ތިމާ ދެރަވާ ޒާތުގެ ކަންކަން ކުރިމަތިވާނަމަ އެކަމުގެ ވާހަކަ ދައްކަންޖެހޭނެއެވެ. ބައިވެރިޔާއަކީ ރަނގަޅު މީހަކު ނަމަ އެކަންކަން އިޞްލާޙްކުރާނެއެވެ.
ހިތުފާރު އުމަގުވެ ކެންސަރަށް ބަދަލުވެ ޒަވާޖީޙަޔާތް ފޭލްވެގެންދާ އެންމެ ބޮޑު ސަބަބަކީ ފާރުގަނޑު ޖެހުމުން ފަރުވާ ކުރުން ލަސްކުރާތީއެވެ. ހިތުގައި ފާރުކޮޅެއް ޖަހައިފާނެ ފަދަ ކަމަކަށް ޝައްކުކުރެވުނަސް ބައިވެރިޔާގެ ސަމާލުކަމަށް އެކަން ގެންނަންވާނެއެވެ. ފާރުކޮޅު ޖަހައިފިނަމަ ފަރުވާ ހޯދަން އަވަސްވެގަންނަންވާނެއެވެ.
ފަރުވާދޭން ބައިވެރިޔާ އެއްބަސްނުވާނަމަ، ނުވަތަ ފަރުވާ ނުދީފިނަމަ ފާރުކޮޅު ބޮޑުވެ އުމަގުވެ ކުރެވޭނެ ފަރުވާއެއް ނެތް ޙާލަތަށް ދިއުމުގެ ކުރިން ޙައްލު ހޯދަންވާނެއެވެ. އެއީ ދެމީޙުން ވަކިވުން ކަމުގައިވީނަމަވެސްމެއެވެ. އެހެން ނޫންނަމަ ދިރިއުޅުމާއިމެދު މާޔޫސްވެ މުޅި ޢުމުރަށް އެކަމުގެ ވޭނުގައި އުޅެންޖެހިދާނެއެވެ.