އަހުރެންގެ މިވާހަަކކޮޅު ހަދިޔާ މިކުރަނީ ކުށެއް ކުރެވުމުން އެހިސާބުން ތިމާ ފޭލްވެއްޖެކަމަށް ބަލައި ގިނަ ބައަކު މާޔޫސްވާތީ އެމީހުންނަށް އެހީތެރިވުމަށެވެ! އެމީހުންނަށް ލިބޭ މާޔޫސްކަމުން އަރައިގަތުމަށް މަގުފަހިކޮށްދިނުމަށެވެ.
ކޮންމެ މީހަކީވެސް ކުށެއް ކުރެވިދާނެ މީހެކެވެ. ތިބާއަށްވެސް އަދި އަހުރެންނަށްވެސް ކުށެއް ކުރެވިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި އެއީ އެހައި ބޮޑުކަމެއް ކަމުގައި ނުދެކޭށެވެ. މައްސަލައަކަށްވާނީ ކުރިން ކުރެވުނު ކުށުން ނުވަތަ ކުށްތަކުން ޢިބްރަތް ޙާޞިލުނުކޮށް ކުށްތައް ކުރަމުން ގެންދާނަމައެވެ.
މީހަކަށް ކުށެއް ކުރެވުމުން އެކަމަސް ފާޑުކިޔާ ގިނަ މީހުންނަށްބަލާށެވެ! އެމީހުންނަށް ކުރެވިފައިވާ ކުށްތައް މާގިނަވާނެއެވެ. އެކަން އެމީހުންނަށް ނުވިސްނެނީއެވެ. ނުވަތަ ޤަބޫލުނުކުރެވެނީއެވެ.
ބުއްދިވެރިންގެ ގޮތަކީ ތިމާއަށް ފާޑުކިޔާ މީހުންނަށް ސަމާލުކަމެއް ނުދިނުމެވެ. ސަމާލުކަންދީ އަމިއްލަ ދިފާޢުގައި މާގިނަ ވާހަކަތައް ދައްކަން ފަށައިފިނަމަ ބުނެގެން ނުވާނެ ބަސްތައް ބުނެވުން އޮންނާނީ ދާދިގާތުގައެވެ. އެކަމުން ކުރިމަތިވާ މައްސަލަތައް މާގިނަވާނެއެވެ.
ވީމާ ބުއްދިވެރިންގެ ގޮތަކަށްވާންޖެހޭނީ މާގިނަ ވާހަކަތައް ނުދައްކައި ތިމާ ކުރިއަށްދާން މަސައްކަތްކުރުމެވެ. ކުރާ މަސައްކަތުން ރަނގަޅު ކުރިއެރުމެއް ލިބުމުން އެކަން އެންމެންނަށްވެސް އެނގޭނެއެވެ. އެކަމުން ކުރާ ފައިދާ 100 ގަޑިއިރު ވަންދެން ދައްކާ ވާހަކަތަކަށްވުރެ މާބޮޑުވާނެއެވެ!
ދުނިޔޭގައި އެންމެ ކާމިޔާބު މީހުންނަކީ ކުށެއް ނުކުރެވޭ މީހުންނެއް ނޫނެވެ. ކުށެއް ކުރެވިއްޖެކަން އެނގުމުން އެހިސާބުން އެކަން ނިންމާލައި ލިބުނު ދެރަ އުފާވެރިކަމަށް ބަދަލުކުރަން މަސައްކަތްކޮށް އެކަމުގައި ކާމިޔާބީ ހޯދާމީހުންނެވެ. ވީމާ މިކިޔައިދިން ވާހަކަތަކަށް ޢަމަލުކުރާށެވެ! އެއިރުން ތިބާއަށް ކުށެއްކުރެވުނުކަންވާނީ ލިބުނު ކުރިއެރުމަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން