ތަޖުރިބާއާއިއެކު ބުނަމެވެ. މައިންބަފައިން ނަމާދަށް ސަމާލުކަންދީގެން ނަމާދުކުރާތަން ފެންނަނަމަ ނަމާދުކުރަން ދަރިން ޝައުޤުވެރިވާނެއެވެ. ކުޑަވީމާ މިސްކިތަށް ނުގެންދެވޭ ޢުމުރުގެ ކުދިންނަށް ބައްޕަ ބަންގިގޮވީމާ މިސްކިތަށްދާތަން ފެންނާނެއެވެ. މަންމަ ގޭގައި ނަމާދުކުރާތަންވެސް ފެންނަންވާނެއެވެ. އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކޮށްލާނަމެވެ.
އެއްވެސް ސަބަބެއް މެދުވެރިވެގެން ޖަމާޢަތަށް މިސްކިތަށް ނުދެވޭނަމަ ދަރިން ފަހަތުގައި ބައިތިއްބައިގެން ގޭގައި ދެމަފިރިން އެކުގައި ނަމާދުކުރާށެވެ! މަންމަ އާއި ބައްޕަ ސަމާލުކަންދޭ ކަންކަން ކުރަން ދަރިން ބޭނުންވާނެއެވެ. އެއީ ކުދިންގެ ޠަބީޢަތުގައި ހުންނަ ކަމެކެވެ.
ޤަވާއިދުން މިސްކިތުގެ ޖަމާޢަތަށް ދިއަ ނަމަވެސް ސުންނަތް ނަމާދު ގޭގައި ކުރަން މަސައްކަތްކުރާށެވެ. ދަރިންނަށް ދައްކައިގެންކުރާށެވެ. ޖަމާޢަތުގައި ކުރެވޭ ސުންނަތް ނަމާދުތައް ދަރިން ފަހަތުގައިލައިގެން ކުރާށެވެ. އެކަނި ނަމާދުނުކުރެވޭ ޢުމުރުގެ ކުދިން ގޮވައިގެން ހުރިހާ ސުންނަތް ނަމާދުތަކެއްވެސް ކުރެވޭނެއެވެ.
ދަރިން ގޮވައިގެން ނަމާދުކުރުމަކީ ދަރިންގެ ހިތުގައި ނަމާދުކުރަން ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ.
ލޮބުވެތި މައިންނޭވެ! ވަޤުތުވާ ވަރަކުން ނަމާދަށް ދަރިން ޒީނަތްތެރިކުރުވާށެވެ! އެއީ ނަމާދުގެ މުހިންމުކަން ކުދިންނަށް ވިސްނޭނެ ކަމެކެވެ. ގޭގައި ނަމާދުކުރުވިނަމަވެސް ޒީނަތްތެރިކުރުވާށެވެ. ވަޤުތު ޖެހުމުގެ ކުރިން ވަޤުތު ކައިރިވާކަމުގެ ވާހަކަވެސް ބުނަންވާނެއެވެ. އެއީވެސް ނަމާދުގެ މުހިންމުކަން ކުދިންނަށް ވިސްނަން ފަސޭހަވާނެ ކަމެކެވެ.
އަދިވެސް ވަރަށް މުހިންމު ކަމެއް ބުނެލާނަމެވެ. ދަރިން ކިތަންމެ ވަރަކަށް އުނދަގޫކުރިނަމަވެސް ދޮރުތަޅުލައިގެން ނަމާދުނުކުރާށެވެ. ދަރިން ކުރާ އުނދަގުލަށް ނުވިސްނާށެވެ! ސަޖިދައަށް ދިއައިމަ ބޯމަތީގަ އިށީނަސް، އިށީނދެ އަސްދުއްވިޔަސް އަޅައިވެސް ނުލާށެވެ. ކިތަންމެ ގިނައިރަކު އިނަސް ކުއްޖާ ވެއްޓި އަނިޔާވާފަދަ ގޮތަކަށް ނުތެދުވާށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އުންމަތަށް ނަމޫނާ ދައްކަވައިދެއްވަވާފައިވަނީ އެގޮތަށެވެ. ވީމާ ސުންނަތުގައި އޮތީ އެގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން