ދިރިއުޅުމުގަ ފައިދާކުރާނީ ބައިވެރިޔާ ބޭނުންވާ ކަންކަމާ ގޮތް ދަސްކޮށް އެގޮތަށް ކަންކަން ކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދިރިއުޅުމުގަ ފައިދާކުރާނީ ބައިވެރިޔާ ބޭނުންވާ ކަންކަމާ ގޮތް ދަސްކޮށް އެގޮތަށް ކަންކަން ކުރީމަ!

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ބޭނުންވާ ކަންކަން ތަފާތުވާނެއެވެ. ކަންކަން ބޭނުންވާ ގޮތްވެސް ތަފާތުވާނެއެވެ. ލޯބިވެރިންގެ މެދުގައިވެސް އަދި ޙަޔާތުގެ ބައިވެރިންގެ މެދުގައިވެސް އެކަންކަން އޮންނާނީ ހަމައެގޮތަށެވެ.  

ވީމާ ފުރަތަމަ ކަމަކަށް އަނެކާ ރަނގަޅަށް ދަސްކުރާށެވެ. މިބުނަނީ އޭނާ ބޭނުންގޮތާއި ބޭނުންވާ ކަންކަން ދަސްކުރާށެވެ! އަމިއްލައަށް ދަސްކުރަން އުނދަގޫވާނަމަ އަހައި އޮޅުންފިލުވައިގެންވެސް ދަސްކުރާށެވެ. މާތް ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައިވެސް އަނެކާ ރުހޭ ގޮތަށް ކަންކަން ކުރާށެވެ! އެފަދަ ކަންކަމުގައި ކުރީގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާއާއި އަޅުވައި ކިޔަން މަސައްކަތް ނުކުރާށެވެ! ދެމީހުންނަކީ މުޅިންތަފާތު ދެމީހުން ކަމުގައިވާތީއެވެ.  

ޚާއްޞަކޮށް ކާތަކެތި ތައްޔާރުކުރުމުގަ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. އަނެކާއަށް މީރު އެއްޗެތި ތައްޔާރުކުރުމަކީ ޖެހޭ ކުދިކުދި މައްސަލަތައް ވަރަށް ބޮޑުތަނުން މަދުވެގެންދާ ކަމެކެވެ.   

ކަންކަން ކުރުމުގައި އަނެކާ ބޭނުންވާ ގޮތަށް ދޫކޮށްލުމަކީ ނުވަތަ އަނެކާ ރުހޭނެ ގޮތަށް ކަންކަން ކުރުމަކީ ތިމާގެ ކޮޅު ދެރަވާ ކަމެއް ނޫނެވެ. ތިމާއަށ އެކަމަކުން ދެރައެއް ނުލިބޭނެ އެއްވެސް ކަމެއްގައި ތިމާ ބޭނުންވާ ގޮތަށް އެކަންކުރަން އުޅުމަށްވުރެ ފައިދާކުރާނީ އަނެކާ ބޭނުންވާ ގޮތަށް އެކަމެއް ކުރުމުންނެވެ.  

ގުޅުންހުރި ލިޔުމެއް:   

އަންހެން ދަރިފުޅުގެ އަލަތު ކައިވެނީގައި ދިރިއުޅުނީ ވަރަށް އުފަލުގައެވެ. ކައިވެންޏަށް 3 އަހަރުގައި ފިރިމީހާ ނިޔާވުމުން ދެވަނަ ކައިވެންޏެއް ކުރިއެވެ. ކުރީގެ ފިރިމީހާއަށް ކުރި ފަދައިން ޚިދުމަތް ކުރުމުންވެސް ކުރީގެ ފިރިމީހާގެ ކިބައިން ލިބުނުފަދަ އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެހެންވެ އެކަމުގެ ޝަކުވާ ބައްޕައަށް ހުށަހެޅިއެވެ.  

ބައްޕަ ކުރިކަމަކީ 3 ތެއްޔަށް ފެންފޮދެއް އަޅާފައި އުނދުނަށް އުދީއެވެ. އަދި އެއް ތެއްޔަށް ލީ ކުކުޅު ބިހެކެވެ. އަނެއް ތެއްޔަށްލީ ކެރެޓެކެވެ. އަނެއް ތެއްޔަށް އެޅީ ކޮފީ ކޮޅެކެވެ. އިރުކޮޅަކު ކެއްކުމަށްފަހު 3 އުނދުންވެސް ނިއްވައިލިއެވެ.  

އަދި ހިހޫވުމުން ދަރިފުޅު ލައްވައި ކެރެޓާއި ބިސް ތެލިން ނެންގުވިއެވެ. ބުންޏެވެ. "ކުރީ އެއްކަމެކެވެ. އެކަމަކު ކެރެޓް ތިއައޮތީ މަޑުވެފައެވެ. ބިސް ތިއައޮތީ މާބޮޑަށް ކެކި ހަރުވެފައެވެ. މީހުންގެ މިޒާޖަކީވެސް ތަފާތު އެއްޗެކެވެ. ކޮންމެ މީހަކަށްވެސް "ޓްރީޓްކުރަން" ޖެހޭނީ ތަފާތުކޮށެވެ. އެއްގޮތަކަށް ކަންކަން ކޮށްގެން ރަނގަޅެއް ނުވާނެއެވެ."  

ބައްޕަ ދިން މެސެޖު އަޑުއިވުމުން ހިނިއައިސްގެންހުރެ ދެން ކޮފީއަށްމިވީ ކިހިނެއްތޯ ސުވާލުކުރުމުން ބުންޏެވެ. ކޮފީއަށް އަބަދުވެސްވާނެ ގޮތަކީ ވިރިގެންދިއުމެވެ. އަދި އަބަދުވެސް ވާނީ ސިކުނޑި ތާޒާކޮށްދޭ، އެންމެ މީރު ބުއިމަށެވެ." 

ދޭން ބޭނުންވާ މެސެޖަކީ ކޮންމެ މީހަކާއިމެދުވެސް އެމީހެއްގެ ރުހުން ހޯދޭނެ ގޮތަށް ޢަމަލުކުރާށެވެ! އެގޮތް ހޯދަން އުނދަގޫވެދާނެއެވެ. ނަމަވެސް މަސައްކަތްކުރުމުން ފެންނާނެއެވެ. 

މިއަދު އޮންލައިން