ދިރިއުޅުމުގައި ދެމަފިރިންކުރެ އެކަކަށްވެސް ކެތްތެރި ނުވެވޭނެ 2 ކަމެއް ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެއީ އަނިޔާވެރިކަމާއި ބަސްމަގު ނުބައިވުމެވެ. އަނެކާއަށް އަބަދު ނުބައި ބަސްތައް ބުނުމެވެ. އެޢިލްމްވެރިންނަށް އަހުރެން ތާއީދުކުރަމެވެ.
ދެމަފިރިން އެކުގައި ދިރިއުޅެން މަސައްކަތްކުރާއިރު އަނިޔާވެރިވުމާއި ނުބައި ބަސްތައް ބުނުން ހުއްޓާލަންޖެހޭނެއެވެ. މި 2 ސިފަ ހުރިނަމަ އެމީހަކާއިއެކު ލޯބިން ދިރިއުޅުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ދެން އެހެން ގޮތެއް ނެތިގެން މަޖުބޫރު ޙާލަތުގައި އެކުގައި ދިރިއުޅަނަސް ލޯތްބެއް ނުވެވޭނެއެވެ. ދިރިއުޅެވޭނީ ފުރާނަހުރި ޤަބުރެއް ދިރިއުޅޭ ފަދަ ގޮތަކަށެވެ.
ވީމާ އަހުރެންނަށް ފެންނަ އެންމެ ރަނގަޅު ޙައްލަކީ މި 2 ސިފައިން ސިފައެއް ހުރިނަމަ، އެފަދަ މައްސަލައެއް ކުރިމަތިވާނަމަ ކައިވެނި ރޫޅާލަން ޖެހޭނެ ކަމުގެ ބިރު ދެމީހުންނަށްވެސް އޮތުމެވެ. އެއީ ބާއްވަންޖެހޭނެ ބިރެކެވެ.
މި 2 ސިފަ ހިމެނެނީ ރިވެތި އަޚްލާޤުގެ ތެރެއިންނެވެ. ރިވެތި އަޚްލާޤެއް ނެތް މީހަކަށް ޤަދަރުކުރާނެ މީހަކު ނުހުންނާނެއެވެ. އިސްލާމް ދީނުގައި ރިވެތި އަޚްލާޤަށް އެހައިބޮޑު ސަމާލުކަމެއް ދީފައި އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ.
- އިސްލާމީ ތިލަަފތުގެ ދަރުސަކުން