ގިނަ ފިރިހެނުންނަށް ކުރެވޭ އެންމެ ބޮޑު ކުށަކީ ހެޔޮލަފާ ބައިވެރިއެއް ލިބުމުން އޭނާގެ އަގުވަޒަން ނުކުރެވޭ ކަމެކެވެ. ގިނައިން ކަންކަމު ކިޔައި އުނދަގޫނުކުރާނަމަ އަނބިމީހާއާއިމެދު ފަރުވާކުޑަކުރެވޭކަމެވެ. އެބާވަތުގެ ފިރިންނަށް ވިސްނެނީ މާބޮޑު ސަމާލުކަމެއް ނުދިނަސް އަނބިމީހާ ފުދިގެން އަބަދުވެސް އިންނާނެ ކަމަށެވެ.
މީގެ އިތުރުން އަނބިމީހާ ކަންކަމު އެދެނީ ނަދުންނަމަ އޭނާއަކީ ކަންކަމަށް ބޭނުން މީހަކުކަމަށްވެސް އެބަދެކެއެވެ. މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ކޮންމެ އަންބަކުވެސް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. ނުލިބުނީމާ ދެރަވާނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. ކާޅެއްހެން ފިރިމީހާގެ ބޮލުގައި ކޮށަން ބޭނުންނުވަނީއެވެ.
އަހުރެން އެއްވެސް ފިރިއެއްގެ ގާތުގައި އެމީހަކަށ ނުލިބޭވަރަކުން އަނބިމީހާއަށް ކަންކަން ކޮށްދޭކަށް ދުވަހަކުވެސް ނުބުނަމެވެ. އަބަދުވެސް މިބުނަނީ ލިބޭ މިންވަރަކުން ވީހާގިނަ ކަންކަން ކޮށްދިނުމަށެވެ.
މިހިސާބުން ކުދަކުޑަ ވާހަކައެއް ބުނެލާނަމެވެ. އެދެމަފިރިންނަކީވެސް ވަޒީފާ އަދާކޮށް އާމްދަނީ ހޯދާ ދެމީހުންނެވެ. ދެމަފިރިންވެސް ޚަރަދުކުރަނީ އެއް އެކައުންޓަކުންނެވެ. ބޭނުންކުރަނީ އެއް ކޭޝްކާޑެކެވެ. ވީމާ އަނބިމީހާއަށް ބޭނުންވާ އެއްޗެއް ގަތުމަކަށް އެއްވެސް ހުރަހެއް ނުއޮވެއެވެ.
އެއަނބިމީހާ އޭނާގެ ފިރިމީހާ އޭނާދެކެ ލޯބިވާވަރާއި އޭނާއަށް ސަމާލުކަންޑޭވަރު ބުނެދެމުން ބުނީ އަހުރެން ޢާންމުކޮށް ބޭނުންކުރާ އެއްޗެއް ގަންނާކަށް އަހުރެންނަކަށް ނުޖެހެއެވެ. ހުސްވާން ކައިރިވާއިރަށް ގަނެގެން ގެނެސްދެއެވެ.
މިވާހަކަކޮޅުން މިއެނގެނީ ފިރިމީހާގެ ވިސްނުން ރަނގަޅުކަމެވެ. އޭނާ ގަނެ ނުދިންނަމަ އަނބިމީހާ ގަންނާނެއެވެ. ޚަރަދުވާނީ އެއްވަރަކަށެވެ. އޭނާ ގަނެދިނުމުން ކުރާ ފައިދާއަކީ އަނބިމިހާއަށް ސަމާލުކަންދޭވަރު ވިސްނި ލޯބިއިތުރުވުމެވެ. އެކަމުގެ ސަބަބުން އޭނާއަށް ލިބޭ އުފާވެރިކަން ދާނީ އިތުރުވަމުންނެވެ.
އަހުރެން ބުނާނީ އަނބިންވެސް އަދި ފިރިންވެސް މިވިސްނުމުގައި އަނެކާއަށް ކަންކަން ކޮށްދޭނަމަ ލޯބިދާނީ އިތުރުވަމުންނެވެ. ޖެހޭ މައްސަލަތައް ވަރަށް މަދުވާނެއެވެ. ދެމީހުންނަށްވެސް އުފަލުގައި އުޅެވޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން