ކިތަންމެ ފަޤީރަސް ހިތްފުރިގެން ހުރެވިދާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ކިތަންމެ ފަޤީރަސް ހިތްފުރިގެން ހުރެވިދާނެ ގޮތް!

ތަނަވަސްކަން ކުޑަޔަސް ހިތްހަަމޖެހިގެން އުފަލުގަ ހުންނަން ބުނެފައިވާ ވާހަކަތައް ވަރަށް ގިނައިން އަޑުއިވެއެވެ. އަޅުގަނޑުގެ ސުވާލަކީ ތަނަވަސްކަން ކުޑަނަމަ ހިތްހަމަޖެހިގެން ހުރެވޭނެ ގޮތަކީ ކޮބައިތޯއެވެ؟

ކިޔުންތެރިޔާއެވެ! ފުރަތަމަ ކަމަކަށް ތަނަވސް ކުޑަވުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! ﷲ ތަޢާލާގެ މިންވަރުފުލަށް ރުހިގެން ހުރީމާ މިއުޅެވީ ތަނަވަސްކަން ކުޑަކޮށް ކަމަކަށް އިޙްޞާބެއް ނުކުރެވޭނެއެވެ. ދެވަނަ ކަމަކަށް ތިމާއަށްވުރެ ތަނަވަސް މީހުންނަށް ނުވިސްނާށެވެ! ތިމާއަށްވުރެ ނިކަމެތި ޙާލުގައި އުޅޭ މީހުންނަށް ވިސްނާށެވެ. އެއިރުން ހުރެވޭނީ އުފަލުގައެވެ.  

ފިލާވަޅެއްގެ ގޮތުން ތިރީގައިވާ ލިޔުންވެސް ވިޑާޅުވެލައްވާށެވެ!  

އެއީ ވަރަށް ފަޤީރު ޢާއިލާއެކެވެ. ދިރިއުޅެމުން ދިއައީ ވަރަށް ފަޤީރު ޙާލުގައެވެ. ޖިފުޓިއެއްގައެވެ.  

އެއްދުވަހަކު ދަރިފުޅަށް ގޮވާލާފައި ނަޞޭޙަތެއް ދިނެވެ. އެ ނަޞޭޙަތަކީ އަބަދުވެސް 3 ކަމެއްގައި ހިފެހެއްޓުމެވެ. ފުރަތަމަ ކަމަކީ އެންމެ މީރު ކާނާ ނޫނީ ނުކެއުމެވެ. ދެވަނަ ކަމަކީ އެންމެ އަރާމު އެނދުގައި ނޫނީ ނުނިދުމެވެ. 3 ވަނަ ކަމަކީ އެންމެ ހިތްހަމަޖެހޭ ގެއެއްގައި ނޫނީ ނުއުޅުމެވެ. 

ބައްޕަގެ މިނަޞޭޙަތް އަޑުއަހާފައި ދަރިފުޅަށް ވަރަށް ބޮޑު ސިހުމެއް ނުވަތަ ޙައިރާންކަމެއް ލިބުނެވެ. އެހެންވެ ސުވާލުކުރިއެވެ. "ބައްޕާއެވެ! މިހައި ފަޤީރު ޙާލުގައި އުޅެމުން ތިއަކަންކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟"  

ބައްޕަ ބުންޏެވެ. "ލޯބިވާ ދަރިފުޅާއެވެ! ބަނޑުހައިވުމުން ނޫނީ ނުކާށެވެ! އެއިރުން ކެވޭނީ އެންމެ މީރު ކާނާއެވެ. މަސައްކަތް ކޮށްކޮށް ވަރުބަލިވުމުން ނޫނީ ނުނިދާށެވެ! (ކޮންމެ ދުވަހަކުވެސް ކުރެވުނުހައި ގިނަ މަސައްކަތެއް ކުރާށެވެ!) އެއިރުން ނިދޭނީ އެންމެ އަރާމު އެނދުގައެވެ. މީހަކަށް ހެޔޮކަމެއް ކޮށްދޭން ލިބޭ ކިތަންމެ ކުޑަ ފުރުޞަތެއްވެސް ދޫކޮށް ނުލާށެވެ! މީސްތަކުންގެ ހެޔޮ ދުޢާ ލިބޭމީހާގެ ގޭގައި އޮންނާނީ ހިތްހަމަޖެހުމެވެ. އެހެނީ މިސްތަކުންނަށް ހިތްހަމަޖެހުން ހޯދައިދޭ މީހާއަށް ﷲ ތަޢާލާ ހިތްހަމަޖެހުން ދެއްވަވާނެތެވެ. އިން ޝާ ﷲ"  

މިއީ އަޅުގަނޑަށް ވީޑިއޯއަކުން ފެނުނު ވާހަކަކޮޅެކެވެ. މި ވާހަކަކޮޅުގައި ހިމެނޭ 3 ނަޞޭޙަތަކީވެސް ވަރަށް ފައިދާހުރި ކަންކަން ކަމަށް ޤަބޫލުކުރެވުނީމާ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީއެވެ.

 

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން