ކައިވެނި ނުކޮށް ހުންނަ ކޮންމެ އަންހެނަކީ އުނި އަންހެނެއް ކަމަށް ނުވަތަ ކައިވެނިކުރާނެ ފިރިހެނަކު ނުލިބިފައި ހުރި އަންހެނެއް ކަމަށް ނުދެކޭށެވެ. އޭނާއަކީ މާވިސްނުންތެރި، މާހަރުދަނާ، މާފުދުންތެރި އަންހެނަކަށްވެސްވެދާނެއެވެ. ބއްދިވެރިން ކަންކަން ކުރާނީ ރަނގަޅަށް ވިސްނައި އެކަމުގެ އެންމެ ރަނގަޅު ވަޤުތުގައެވެ.
ފުދުންތެރި ކަމަށް މިބުނަނީ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ! ފުދުންތެރިއަކަށްވުމަކަށް ކޮންމެހެން ތަނަވަސްކަން ބޭނުމެއް ނުވާނެއެވެ! އަމިއްލަ ނަފްސް ކޮންޓްރޯލްކޮށް މާތް ﷲ ގެ މަގުގައި ޘާބިތުވެގެން ހުރެވުމަކީވެސް ހަމަ ފުދުންތެރިންގެ ސިފައެކެވެ.
ވިސްނުންތެރި އަންހެނަކު ނަމަ ފެންނަހައި ފިރިހެނަކަށް ޝައުޤުވެރިއެއް ނުވާނެއެވެ. ލިބޭހައި ދަޢުވަތުތަކެއް ޤަބޫލެއްވެސް ނުކުރާނެއެވެ. ދޭހައި ހަދިޔާތަކެއްގައި ނުހިފާނެއެވެ. ނަތީޖާ ނެރެވޭނެ ކަމުގެ އުންމީދު ނެތް މީހުންނާއި ވާހަކަދައްކަން އޭނާގެ އަގުހުރި ވަޤުތުތައް ބޭކާރެއްވެސް ނުކުރާނެއެވެ.
"ސްމާޓް" ޒަވާޖީ ޙަޔާތަކަށް އުންމިދުކުރާ އަންހެނަކު ނަމަ ކައިވެނި ކުރެވުން ލަސްވެގެނެއް ނުއުޅޭނެއެވެ. ކެތްތެރިވެލައިގެން ހުރެ މަސައްކަތްކުރާނީ އޭނާ އުންމީދުކުރާ ފަދަ ބައިވެރިއަކު ލިބުމަށެވެ.
މިއަދުގެ ސްމާޓް އަންހެނުންނަކީ ފައިސާކޮޅެއް ދިއްކޮށްލާއިރަށް، ކޮފީއަކަށް ދަޢުވަތުދޭއިރަށް، ހަދިޔާއެއް ދިއްކޮށްލާއިރަށް ނަފްސް ވިއްކައިލާނެ ބައެއް ނޫނެވެ. އަދި ނަފްސް ނީލަން ކިޔާނެ ބައެއްވެސް ނޫނެވެ. ސަބަބަކީ ޙަލާލް މަސައްކަތް ކޮށްގެން، ވަޒީފާ އަދާކޮށްގެން އާމްދަނީ ހޯދުމުގައި އަންހެނުންނަށްވެސް މިއަދު ފުރުޞަތު އޮތްކަމެވެ. ފިރިހެނުންނާއި ތަފާތެއް ނެތް ކަމެވެ.
ދެން ބަލައިލަންވީ ވަޒީފާ އަދާނުކުރާ، އަމިއްލަ މަސައްކަތުން އާމްދަނީ ނުހޯދޭ އަންހެނުންނަށެވެ. އަންހެނުންގެ ތެރޭގައި ތަޤްވާވެރިކަމުގެ ގޮތުން އެންމެ މަތީ ހަރުފަތުގައި ތިބި އަންހެނުންވެސް މަދެއް ނޫނެވެ. އިސްލާމް ދީނަށް ޢަމަލުކޮށް ދީނަށް ނަޞްރުދޭން މަސައްކަތްކުރަމުން ގެންދާ އަންހެނުންގެ ޢަދަދަށް ބަލައިލުމުން އެކަން ފެނިގެންދާނެއެވެ.
ވީމާ ކެތްތެރިވެލައިގެން އިނދެ އެމީހަކު ހިތް އެދޭފަދަ، ތަޤްވާވެރިކަން ހުރި ބައިވެރިއަކު ދެއްވެވުން އެދި ދުޢާކުރަމުން ގެންދާ އަންހެނުންވެސް ތިބޭނެއެވެ. އެފަދަ އަންހެނުންނަކީ ކޮންމެ ކޮންމެ ފިރިހެނަކާއި ކައިވެނިކުރާނެ ބައެއް ނޫނެވެ. އަދި ފައިސާއަށް ވިކޭނެ ބައެއްވެސް ނޫނެވެ.
ވީމާ ކައިވެނިކުރާ ޢުމުރުގެ އަންހެނަކު ކައިވެނިނުކޮށް މަޑުކޮށްލައިގެން ހުރުމަކީ އޭނާއަށް ފާޑުކިޔަންޖެހޭ ސަބަބެއް ނޫނެވެ. އޭނާ އެއިންތިޒާރުކުރަނީ އޭނާ ބޭނުންވާ ޒާތުގެ ބައިވެރިއަކަށެވެ. އޭނާގެ އަތުގައި ހިފައިގެން އޭނާ ގޮވައިގެން ސުވަރުގެދާނެ ބައިވެރިއަކަށެވެ. ވީމާ އޭނާއަށް ފާޑުކިޔައި މަލާމާތްނުކުރާށެވެ! އޭނާއަކީ ތަޤްވާވެރިކަމުގެ ގޮތުންނާއި އެހެން ވެސް ގޮތްގޮތުން މާމަތީ ފެންވަރުގައި ހުރި އަންހެނަކަށްވެސް ވެދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން