އަހުރެންނަށް ވިސްނޭ ގޮތުން ރީތި ކޮންމެއެއްޗެއް ރީތިވުމަށް މުއްދަތެއް އޮވެއެވެ. އެމުއްދަތު ހަމަވުމުން އެއެއްޗެއްގެ ރީތިކަން ކެނޑިގެންދެއެވެ. މިކަން އެންމެ ފަސޭހައިން އެނގޭނެ އެއްކަމަކީ ހޯދާ ރީތި ފޭރާމެވެ. ލާންފަށާތާ ދުވަސްކޮޅެއްގެ ތެރޭގައި ރީތި އެހެން ފޭރާމެއް ފެންނައިރަށް ހޯދަން ބޭނުންވެއެވެ. ކުރިންލީ ފޭރާމުގެ ރީތިކަން ކުޑަވެ ބާކީވެގެންދެއެވެ.
ރީތީގެ ފަހަތުން ދުވުމަކީ ހަމަ މިފަދަ ކަމެކެވެ. ރީތި އަބަދުވެސް ދާނީ ބަދަލުވަމުންނެވެ. ވަރަށް ރީތިވެގެން ހަމައެކަނި އޭނާގެ ރީތިކަމަށް ބަލައިގެން ކުރާ ކައިވެނިތައް އެހާއަވަހަށް ރޫޅިގެންދާ ސަބަބަކީ ފޭރާމާއިމެދު ހާމަމިކުރި ސަބަބެވެ. މާރީތި އެހެން މީހަކު ފެނުމުން ކުރިން ރީތިވިމީހާ ބާކީވަނީއެވެ.
ރީތިކަން ލިބިފައިވާ ގިނަ އަންހެނުންނަށް ރަނގަޅު ބައިވެރިން ނުލިބެނީ ނޫނީ ލަނޑު ލިބުން ގިނަވަނީ ކީއްވެގެން ކަމާއިމެދު ވިސްނައިލަމާ ހިނގާށެވެ! މިކަމަށް ވިސްނާނަމަ އުފެދޭނެ ސުވާލުތަކާއި ދެވިދާނެ ޖަވާބުތައްވެސް ވަރަށް ގިނައެވެ. އަހުރެން މިބުނަނީ އަހުރެންގެ ވިސްނުމެވެ.
އަންހެނަކު ރީތިނަމަ އޭނާގެ ވަށައިގެން އެނބުރޭ މީހުންގެ ޢަދަދު ގިނަވާނެއެވެ. އެއިގެ ތެރޭގައި ގިނަވާނީ ހުވަފެން ދައްކާ މީހުންނެވެ. ދޮގުހަދާ މީހުންނެވެ. ވަޢުދުތައްވުމަށްފަހު ނުފުއްދާނެ މީހުންނެވެ. އެހެންވެ ނުބައި މީހުންނާއި ގުޅެވެނީއެވެ. ކައިވެނިކުރުމުން ޙަޤީޤަތް އެނގެން ފަށައެވެ. ކުރެވުނު މޮޔަ ކަންތައް ވިސްނޭއިރު އޮންނަނީ ދެރަ ލިބި ނިމިފައެވެ.
އަހުރެން ދަންނަ ރީތި އަންހެނުންގެ ތެރޭގައި ގިނައީ ތަނަވަސް މީހުންނާއިއެކު ދިރިއުޅެން މަސައްކަތްކޮށް އެކަން ކާމިޔާބު ނުކުރެވިގެން މެދުމިނުގެ މީހުންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނެވެ. އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބު ވެސް ބުނެލާނަމެވެ.
އަހުރެންގެ އެކުވެރިންގެ ތެރެއިން ސިފަހުތުރު އަންހެނުންގެ ޒަވާޖީ ޙަޔާތް މާކާމިޔާބެއެވެ. ސިފަހުތުރު ގިނަ އަންހެނުންގެ ކައިވެނި ރޫޅުން މަދުކަން ފާހަގަކުރެވެއެވެ. ސަބަބެއް ކަމަށް އަހުރެންނަށް ޤަބޫލުކުރެވެނީ ސިފަހުތުރު އަންހެނުންނާއި ކައިވެނިކުރަނީ ދިރިއުޅުމުގެ ނިޔަތުގައި ކަމަށްވާތީއެވެ. އަނބިމީހާގެ ބޭރުފުށުގެ ސިފަރީތިވުމަށްވުރެ އޭނާގެ ކިބައިން ލިބޭނެ ލޯތްބާއި އަޅައިލުމާއި ވަފާތެރިކަމަށް ބަލައިގެން ކައިވެނިކުރާތީއެވެ.
ވީމާ އަހުރެން ބުނާނީ ކާމިޔާބު އުފާވެރި ޒަވާޖީ ޙަޔާތެއް ބޭނުންނަމަ ރީތީގެ ރާނީންގެ ފަހަތުން ދުވުމެއް ނެތެވެ. ފަތުން ދުވަންވީ އަޚްލާޤް ރީތި ރާނީންގެއެވެ.
މިއީ އަހުރެންނަށް ކުރެވިފައިވާ ދިރާސާތަކަށް ބަލައި އަހުރެންގެ ވިސްނުމެވެ. އެހެން މީހުންގެ ވިސްނުން ތަފާތުވެސް ވެދާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން