ކުރަން އެންމެ ފައިދާހުރި އެކަމަކު ކުރަން ގިނަ ބައަކަށް އުނދަގޫވާ 3 އަޅުކަން ކުރުމަށްވުރެ މާ ފަސޭހައިން ކުރެވެން އޮތް ކަމަކުން އެ 3 އަޅުކަންކުރުމަށްވުރެވެސް ގިނަ ޘަވާބު ލިބެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކުރަން އެންމެ ފައިދާހުރި އެކަމަކު ކުރަން ގިނަ ބައަކަށް އުނދަގޫވާ 3 އަޅުކަން ކުރުމަށްވުރެ މާ ފަސޭހައިން ކުރެވެން އޮތް ކަމަކުން އެ 3 އަޅުކަންކުރުމަށްވުރެވެސް ގިނަ ޘަވާބު ލިބެން އޮތް ކަމެއް!

އިސްލާމް ދީނުގައި ކުރަންހުރި އަޅުކަމަށްބަލާއިރު ކުރަން ބޭނުންވާ މީހަކަށް ކުރަން އުނދަގޫވާނެ އެއްވެސް އަޅުކަމެއް ނެތެވެ. ނަމަވެސް ގިނަ ބައަކަށް މިއުޅެނީ ފަރުޟްތައްވެސް އަދާނުކުރެވިގެންނެވެ ކޮންމެ ދުވަހަކު ކުރަންޖެހޭ 5 ނަމާދުވެސް ނުކުރެވިގެންނެވެ. 

ސުންނަތް ނަމާދުކުރުމާއި ސުންނަތް ރޯދަހިފުމާއި އަދި ޞަދަޤާތް ދިނުމުގެ ހުރި މަތިވެރިކަމާ ދެއްވަވާ ޘަވާބު އެންމެންނަށްވެސް އެނގޭނެއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ! މި 3 ހެޔޮ ޢަމަލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ދެން އަޑުއަހާށެވެ! 

ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގިއްޖެނަމަ އެއްބައަކު ބަލަނީ އެކަން އިތުރަށް ހޫނުކުރެވޭތޯއެވެ! ދެމީހުންގެ މެދުގައި މައްސަލަ އިތުރަށް ގޯސްކުރެވޭތޯއެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ އެއީ އުފަލެއް ކަމަށް ދެކޭ ބައަކުވެސް އެބައުޅެއެވެ. 

އެކަމަކު އެނގޭހެއްޔެވެ؟ ދެ އަޚުންގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުވައި ޞުލްހަވެރިކުރުވުމަކީ ސުންނަތް ނަމާދުކުރުމާއި ސުންނަތް ރޯދަހިފުމާއި އަދި ޞަދަޤާތް ދިނުމަށްވުރެވެސް މަތިވެރި އަޅުކަމެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

އެއްވެސް ޙާލެއްގައި އަހުރެން ހިތްވަރު މިދެނީ ސުންނަތް ނަމާދުނުކޮށް ސުންނަތް ރޯދަ ނުހިފައި އަދި ޞަދަޤާތްނުދީ ދެމީހުން ޞުލްޙަކުރަމުން ހިނގާކަށް ނޫނެވެ. މަސައްކަތް މިކުރަނީ ދެމީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމުން ދެއްވަވާނެ ޘަވާބު ގިނަކަމާ އެކަމުގައި ހުރި މަތިވެރިކަން ބަޔާންކުރުމަށެވެ. 

ދެމީހަކު ޞުލްޙަވެރިކުރުވަން ކުރެވޭ މަސައްކަތަށް ދެއްވަވާ ބޮޑު ދަރުމަ ނިކަން ދެކި ބަލާށެވެ! ޢާއިލާއެއްގެ ތެރޭގައިވެސް އަދި އެކުވެރިންގެ މެދުގައިވެސް، އަވަށްޓެރިންގެ މެދުގައިވެސް އަދި އެއީ ކޮންމެ ދެމީހެއްގެ މެދުގައިނަމަވެސް އެއްވެސް މައްސަލައެއް ޖެހިގެން އުޅޭކަން އެނގިއްޖެނަމަ އެކަމެއް ޙައްލުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ދޮގުބުނުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވަވާފައިވާ ކަމެކެވެ. އެކަމަކު ދެމީހެއްގެ އުފެދިފައިވާ މައްސަލައެއް ޙައްލުކުރަން މަސައްކަތްކުރުމުގެ ތެރެއިން ދޮގުބުނުންވެސް ވަނީ ހުއްދަކުރައްވަވައިފައެވެ. 

ގިނަ ބައަކަށް މިއުޅެނީ ސުންނަތް އަޅުކަން ނުކުރެވިގެންނެވެ. ސުންނަތް ރޯދަހިފުމާއި ސުންނަތް ނަމާދުކުރުން ފަދަ އަޅުކަން ނުކުރެވިގެންނެވެ. ޞަދަޤާތެއް ކޮށްނުލެވިގެންނެވެ. އެހެންކަމަށްވާއިރު މިހައި ގިނަ ޘަވާބު ލިބެން އޮތް ޢަމަލެއް ނުކޮށް ދޫކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން 

ގުޅުންހުރި ލިޔުމެއް: 

https://islamqa.info/en/answers/65500/ruling-on-disputes-and-the-virtue-of-reconciling-between-two-disputing-parties

 

މިއަދު އޮންލައިން