ބައްޕައިންގެ ޝަކުވާއަކީ ވަރިކުރުމަށްފަހު ދަރިން ފޮރުވައިގެން ގެންގުޅުމެވެ. އަނބިންގެ ޝަކުވާއަކީ ދަރިން ބަަލން އިންދައިވެސް ނުދޭކަމާއި ދީފައި ޚަރަދުނުކުރާ ކަމެވެ. މިފަދަ ތަފާތު މައްސަލަތައް ދެމީހުންގެ ކިބައިންވެސް ލިބެއެވެ. އެހެންވެ ނަޞީޙަތުގެ ގޮތުން ބައެއް ވާހަކަ ބުނެލާނަމެވެ. އިން ޝާ ﷲ
ކައިވެނިތައް ރޫޅޭނެއެވެ. ވަރިވާނެއެވެ. ވަރިކުރާނެއެވެ. އަދި އެއީ އެމީހެއްގެ ހަޔާތުގެ ނިމުމެއް ނޫނެވެ. ޙަޔަތުގެ މާއުފާވެރި އައުބާބެއްގެ ފެށުމަކަށްވެސް ވެދާނެއެވެ.
އެކުވެރިންނޭވެ! ވަރިކުރުން އޮތީ ދެން އެހެން ގޮތެއް ނެތުމުންނެވެ. ދެން އެހެން ގޮތެއް ނެތުމުން ވަރިކުރި ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ވަރިކުރާށެވެ! އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ!
ޚާއްޞަކޮށް ދަރިން ތިބިނަމަ މައިންނާއި ދަރިން ވަކިނުކުރާށެވެ! އަނބިމީހާއަކީ ގޮތެއް ނެތް ނިކަމެތި އަންހެނަކު ނަމަ ޤާނޫނީ ގޮތުން ދަރިފުޅު ބެލުމުގެ ޙައްޤު ގެއްލިވެސްދާނެއެވެ. އެހިނދު އޭނާ ދަރިފުޅު ދޫކޮށްލާފައި ދުރަސްދާނީ ރޮއި ކަރުނައަޅަމުންނެވެ.
އެކަމުގެ ނަތީޖާ ފެންނާނެ ގޮތް އެނގޭހެއްޔެވެ؟ މައިމީހާ އާއި ދަރިފުޅު ވަކިކޮށްފިނަމަ އެމީހަކު އެންމެ ލޯބިވާ މީހަކާއި (މީހުންނާއި) ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ވަކިކުރައްވަވާނެތެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.
މައިމީހާ އާއި ދަރިން ވަކިކުރުން ހުއްދަވެގެންވަނީ ޚާއްޞަ ޙާލަތުތަކެއްގައެވެ. އޭނާގެ ކިބައިގައި ހުންނަ ނުބައި އަޚްލާޤެއްގެ ސަބަބުން، ދީންވެރިކަން ނެތުން ފަދަ މައިމީހާ އަށް ދަރިފުޅު ޙަވާލުކޮށްފިނަމަ ދަރިފުޅަށް ގެއްލުން ލިބިދާނެ ޙާލަތުގައެވެ. އަދި މިނުންވެސް މިފަދަ ސަބަބުތައް ހުރިނަމައެވެ. މިޘާލަކަށް ދެވަނަ ކައިވެނިކޮށް ދަރިފުޅަށް ދޭންޖެހޭ ސަމާލުކަން ނުދިނުން ފަދަ ޙާލަތުގައެވެ.
ދަރިފުޅު ބަލާނެ ތަނަވަސްކަން މައިމީހާގެ އަތުގައި ނެތުމަކީ އޭނާގެ އަތުން ދަރިފުޅު އަތުލަންޖެހޭ ސަބަބެއް ނޫނެވެ. އެހެނީ ދަރިފުޅަށް ޚަރަދުކުރުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. ބައްޕަގެ މައްޗަށް އޮތް ވާޖިބެކެވެ. ވީމާ މައިމީހާގެ ޙަވާލުގައި ދަރިފުޅު ބަހައްޓައިގެން ދަރިފުޅަށް ޚަރަދުކުރާށެވެ. އަދި ދަރިފުޅުގެ ކަންކަން ގާތުން ބަލަމުން ގެންދާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
ހަމައެޢާއިއެކު ބުނެލާނަމެވެ. ދެމަފިރިން ވަކިވެ ދަރިފުޅު ބަލަނީ މަންމަކަމަށްވުމަކީ ބައްޕައަށް ދަރިފުޅު ނުދައްކައި ފޮރުވައިގެން ގެންގުޅުން ހުއްދަވާނެ ސަބަބެއް ނޫނެވެ. ދަރިފުޅާއި ބައްޕަގެ މެދުގައި އޮންނަންޖެހޭ ގުޅުމަށް ހުރަސްއަޅައިގެން ނުވާނެއެވެ. އޭނާގެ ކިބައިން ނުބައި ކަމެއް ނުފެންނަނަމަ އޭނާއަށް ހެޔޮކޮށް ހިތުމަކީ ދަރިފުޅަށްޓަކައިވެސް ކުރަން ވަރަށް ފައިދާހުރި ކަމެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން