ގަޑިކިޔާފަ ފަރުވާކުޑަކުރާ މީހަކާ ގުޅެން ހެޔޮނުވާނެ! ކައިވެންޏަށްފަހު މާބޮޑަށް ފަރުވާކުޑަކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ގަޑިކިޔާފަ ފަރުވާކުޑަކުރާ މީހަކާ ގުޅެން ހެޔޮނުވާނެ! ކައިވެންޏަށްފަހު މާބޮޑަށް ފަރުވާކުޑަކުރާނެ!

ކައިވެނީގެ ކުރިން ލޯބިވެގެން އުޅޭ ދުވަސްވަރުގައިވެސް ބައެއް މީހުންގެ ކިބައިން މިބުނި ސިފަ ފެނެއެވެ. ގަޑިއަށް ފަރުވާކުޑަކުރެއެވެ. އަނެކާއަށް އިންތިޒާރުކުރުވަން ޖައްސުވައެވެ. އަދި ބައެއް ފަހަރު ބައްދަލުވުން ކެންސަލްވެސް ކުރެއެވެ. އެފަދަ މީހަކާ ގުޅި ކައިވެނިކޮށްފިނަމަ ފަރުވާކުޑަކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ.  

ހަމައެއާއެކު ފަރުވާތެރިވާންޖެހޭނެ ކަމެއް އެބަ އޮތެވެ! އެއީ ލޯބިވެގެންއުޅޭ ދުވަސްވަރު ލޯބިވެރިޔާގާތުގައި ބުނާ ގަޑިއަށް ސަމާލުކަން ދީފައި އެހެން ކަންކަމުގައި ފަރުވާކުޑަކުރާ މީހުންވެސް ވަރަށް ގިނައެވެ. ވީމާ މީހަކާއި ގުޅުމުގެ ކުރިން އޭނާ ވަޤުތަށް ސަމާލުކަންދޭ މިންވަރު ރަނގަޅަށް ބަލަންވާނެއެވެ.  

މީގެ އިތުރުން ވަޒީފާގައި އުޅޭއިރު ގިނައިން ގަޑިޖެހޭ، ގިނައިން ސަލާންބުނާ މީހުންނަށްވެސް ސަމާލުވާށެވެ! އެމީހުންނަކީވެސް ހަރުދަނާކަމެއް ނެތް މީހުންނެވެ. ކަންނެތް މީހުންނެވެ. 

އަހުރެން ބުނާނީ އެމީހެއްގެ ކިބައިގައި މިސިފަތައް ހަރުލާފައި ހުންނަ މީހަކާއި ކައިވެނިނުކުރުމަށެވެ. ސަބަބަކީ އެސިފަ ހުންނަ މީހަކީ ހަރުދަނާ މީހަކަށް ނުވާނެތީއެވެ. ހަރުދަނާ ކަމެއް ނެތް މީހަކާއި ކައިވެނިކޮށްގެން އުފާވެރި ޒަވާޖީ ޙަޔާތެއް ނުލިބޭނެތީއެވެ. 

އިންސާނާގެ ހަޔާތުގައި އެންމެ މުހިންމު އެކައްޗަކީ ވަޤުތެވެ. ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވެން އޮތީ ވަޤުތަށް ޙުރުމަތްތެރިކޮށްހިތިވަރަކުންނެވެ.  

ހަމައެކަނި ނަމާދުކުރުމަށް ބަލައިލި ނަމަވެސް މިބުނި ބަހުގެ ދަލީލު ލިބިގެންދާނެއެވެ. ވަޤުތު ޖެހުމުގެ ކުރިން މިސްކިތަށް ގޮސްހުރުމުންނާއި ޖަމާޢަތުގައި ބައިވެރިވުމުން ދެއްވަވާ ޘަވާބު އެތައް ގުނައަކަށް އިތުރުކުރައްވަވާތީއެވެ.  

ފާހަގަމިކުރީ ކުޑަކޮށް ތަފާތު ކަމެކެވެ. ކަންކަމުގައި ފަރުވާކުޑަކަމުންގޮސް އެންމެ ބޮޑަށް ބޮއްސުންލާފައި އޮތް އެއް ކަމަކީ ވަޤުތަށް ޙުރުމަތްތެރިކޮށް ހިތުމެވެ. މީހުންނަށް ގަޑިކިޔާފައި ގަޑިއަށް ހާޒިރުނުވުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ.  

ކިތަންމެ ބޮޑަށް ޢާންމުވެފައި އޮތްކަމެއް ނަމަވެސް އެއީ ވަރަށް ނުބައި އާދައެކެވެ. އެއާދަ އެމީހެއްގެ ކިބައިގައި ހުރިނަމަ އަންގައިދެނީ އެމީހަކީ އެއްވެސް ހަރުދަނާ ކަމެއް ނެތް ދޯދިޔާ މީހަކު ކަމެވެ. އެމީހުންގެ އެހެން ޢަމަލުތަކުގައިވެސް އެއްވެސް ހަރުދަނާކަމެއް ނުހުންނާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން