ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! ކޮންމެ ނިޢްމަތެއް ލިބެނީވެސް އަދި ކޮންމެ ދަތިކަމެއް ކުރިމަތިވަނީވެސް އެކަމަކަށް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވުމުންނެވެ. މިއީ ކޮންމެ މުސްލިމަކަށްވެސް ޤަބޫލުކުރަންޖެހޭނެ ކަމެކެވެ.
މިކަން ޤަބޫލުކުރާކަމަށް ދުލުން ބުނި ނަމަވެސް ޤަބޫލުކުރާކަން ޢަމަލުން ދެއްކެނީ މަދުމީހަކަށެވެ. މުސްލިމުންނަށް މިއަދު ދަތިތަކާއި ކުރިމަތިލާން ޖެހެމުން މިދަނީ ދަތިތައް ކުރިމަތިވުމުން ހައްލު ހޯދަން ކުރިއަށް ދާން ޖެހޭ މަގު ދޫކޮށް އިތުރަށް ދަތިތައް ކުރިމަތިވާނެ މަގުތަކުން ކުރިއަށް ދާން މަސައްކަތްކުރެވޭތީއެވެ.
އެއްވެސް މީހަކީ އަބަދު ހިތް ފުރިގެން ހުންނާނެ މީހެއް ނޫނެވެ. ފައިސާ އަތުގައި ނެތިގެން ދަތިވެފައި ހުރިނަމަ އެކަން އޮންނާނީ ތިމާއަށެވެ! ދަތިތައް އަބަދުވެސް ދާނީ ކުރިމަތިވަމުންނެވެ! އަދި އަބަދަކު އެކަން އެއްގޮތަކަށްވެސް ނުއޮންނާނެއެވެ. ދާނީ ލުއިތައްވެސް ލިބެމުންނެވެ.
މިއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ. އެހެންކަމުން މުސްލިމުންނަށް އޮތީ ކެތްތެރިވުމެވެ. ކެތްތެރިކަމާއިއެކު ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުވެ ހުރެ ދަތިކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމެވެ. އެކަންވެސް ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ.
މުސްލިމުންނަށް އޮތީ ނިޢްމަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. ހަމަ އެފަދައިން ދަތިކަމެއް ކުރިމަތިވި ނަމަވެސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ވީމާ ކޮންމެ ޙާލަތެއްގައި ނަމަވެސް އޮތީ ތަޤްވާވެރިކަން އިތުރުކުރުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް މިއަދު މިވަނީ މިކަން ވަރަށް ބޮޑަށް އޮޅިފައެވެ. މާލީ ގޮތުން ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ ދުއްވައިގަނެވެނީ ރިބާ ހިމެނޭ ގޮތަށް ފައިސާ ހޯދުމަށެވެ. ރައްޓެއްސެއްގެ ގާތުގައި ފައިސާކޮޅަކަށް އެދޭއިރުވެސް މިބުނަނީ ދިންވަރަށްވުރެ އިތުރަށްވެސް ދޭނެ ކަމަށެވެ.
ކޮންމެވެސް މަކަރެއް ހަދައިގެން ފައިސާ ހޯދަން އަވަސްވެގަންނަ މީހުންވެސް މަދެއްނޫނެވެ. ބައެއް މީހުންނަށް ވައްކަންވެސް ކުރެވެއެވެ. މިހުރީ ކުރެވޭ ބޮޑެތި ފާފަތަކެވެ. އެއިރުން ފައިސާ އެހޯދެނީ ޙަރާމް ގޮތުގައެވެ.
މިފަދަ ގޮތަކުން ފައިސާ ހޯދުމުން އެމީހެއްގެ ބޭނުން ވަގުތީ ގޮތުން ފުދިދާނެއެވެ. ނަމަވެސް ދާދި އަވަހަށް އެ ދަތިކަން މާބޮޑުވާ ގޮތަކަށް އެނބުރި ތިމާ އާއި ދިމާއަށް އަންނާނެއެވެ. ލޯނާއި ދަރަނި ނުދެއްކިގެން އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ. ވައްކަން ފަޅާއަރައިގެން ނުވަތަ ހެދި މަކަރު ބޭޒާރުވެގެން އިތުރު މައްސަލަތައް ކުރިމަތިވާނެއެވެ. އަތުގައި އެވަގުތު ފައިސާ ނެތިގެން ކުރިމަތިވި މައްސަލަތަކަށްވުރެ މާ ބޮޑެތި މައްސަލަތަކާއި ދަތިތައް ކުރިމަތިވާނެއެވެ. ދަނީވެސް ކުރިމަތިވަމުންނެވެ. އެކަންވެސް އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ.
މީސްތަކުންނޭވެ! މި ދެއްކި ވާހަކަކޮޅާއިމެދު ފުންކޮށް ވިސްނައިލާށެވެ! އަދި ﷲ ތޢާލާ އަންގަވާފައިވާ މަގުން ކުރިއަރަން ޚިޔާލުކޮށް އެކަމަށް މަސައްކަތްކުރާށެވެ! ދަތިތައް ފިލުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން