ވަކިކަމެއް ނޫނެވެ! ކޮންމެ ކަމަކަށް އެދިގެން ނަމަވެސް ސުންނަތް ރޯދަ ހިފުމަކީ އެކަމެއ ހިންމަވައި ދެއްވަވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ވަކިކަމެއް ނޫނެވެ! ކޮންމެ ކަމަކަށް އެދިގެން ނަމަވެސް ސުންނަތް ރޯދަ ހިފުމަކީ އެކަމެއ ހިންމަވައި ދެއްވަވާނެ ސަބަބެއް! އިން ޝާ ﷲ

ރަމަޟާން މަހުގެ ރޯދަ ހިފުމަކީވެސް ރޯދަހިފުމެވެ. ނަމަވެސް އެއީ ފަރުޟަކަށްވުމުން ރަމަޟާން މަހުގެ ރޯދަހިފާ މީހުންނަކީ ﷲ ތަޢާލާއަށް ލޯބިން ރޯދަހިފާ މީހަކަށް ނުވާނެއެވެ. ﷲ ތަޢާލާއަށް ލޯބިން ރޯދަހިފިކަމަށްވާނީ ސުންނަތް ރޯދަތައް ހިފާނަމައެވެ.

ޒަކާތް ދެއްކުމަށް ވިސްނައިލާށެވެ! މުދަލުޒަކާތް ދެއްކުމަކީ އަދާކުރަންޖެހޭ ފަރޫޟެކެވެ. ﷲ ތަޢާލާއަށް ލޯބިން ކުރަން އޮތްކަމަކީ ޞަދަޤާތް ކުރުމެވެ. ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތްކުރަން އެއޮތީ އެހެންވެގެންނެވެ.

ސުންނަތް ރޯދަ ހިފުމުން ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އިންޝާ ﷲ. އެހެނީ ރޯދަ ހިފުމަކީ އެކަމަކަށް ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިޮގަންނަވާ އަޅުކަމެވެ. އެންމެ ގިނަ ޘަވާބު ދެއްވަވާ އަޅުކަމެވެ. އިމެއް އަދަދެއް ނެތި ޘަވާބު ދެއްވަވާ އަޅުކަމެވެ. ރޯދަ ހިފުމުން ދެއްވަވާ ޘަވާބުގެ މިންވަރު މަލާއިކަތުންނަށްވެސް ނުއަންގަވާކަން އެއީ ރޯދައިގެ މަތިވެރިކަން އެނގިގެންދާ އެއްކަންތަކެވެ.

ދުނިޔަވީ އުޞޫލަކުން ބެލިނަމަވެސް މީހެއްގެ ކިބައިން ކަމަކަށް ބޭނުންވާނަމަ އެމީހާ ރުހޭނެ ކަންކަން ކުރުމުން އެދޭކަންކަން ޙާޞިލުވުމުގެ ފުރުޞަތު ބޮޑުވގެންދެއެވެ. މިކަމަށް ފުންކޮށް ވިސްނައިލި ނަމަވެސް އެނގިގެންދަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އޮތް މަގަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކުރުން ކަމެވެ. "ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގި އެދެން" އޮތް ވަޙީ ބަސްފުޅުން ވެސް މިކަން އެނގިގެންދެއެވެ.

ރޯދަވެރިންނާއިމެދު ޙަދީޘްފުޅުތައް ވަރަށް ގިނައެވެ. މިއީ ފަރުޟު ރޯދަވެރިންނަށް ހުރި ޙަދީޘްފުޅުތައް ނަމަވެސް ސުންނަތް ރޯދަ ހިފައިގެން ތިބެވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދި ހަމަ ޢަމަލުކުރަންވީއެވެ.

"ތިން މީހެއްޖެ ދުޢާ ރައްދުނުކުރެވޭނެއެވެ. އެއީ ޢަދުލުވެރި އިމާމާއި ރޯދަވެރިޔާ ރޯދަ ވީއްލާ ހިނދުގައްޔާއި އަނިޔާ ލިބެމުން ދާ މީހާގެ ދުޢާއެވެ."

އިމާމު އަޙްމަދުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "އަދި ރޯދަވެރިޔާ ރޯދަ ވީއްލައިފުމަށް ދާންދެނެވެ." އެހެންކަމުން ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވޭނެ ވަގުތަކީ ރޯދައަށް ހުންނަ ވަގުތުން ފެށިގެން ރޯދަ ވީއްލަން ފައްޓަންދެނެވެ. އަދި އެއަށް ފަހުގައެއް ނޫނެވެ.

ރޯދަވެރިޔާ ދުޢާކުރުން އެންމެ މުހިންމު ވަގުތަކީ ރޯދަވީއްލާ ވަގުތެވެ. އެވަގުތުގައި ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތީއެވެ. ޙަދީޘްފުޅުގައި އޮތީ "ހަމަކަށަވަރުން ރައްދުނުކުރެވޭނެ ދުޢާއެއް، ރޯދަވީއްލާ އިރުގައި ރޯދަވެރިޔާއަށް ވެއެވެ." މިފަދައިންނެވެ.

މިޙަދީޘްފުޅުން އެނގިގެންދަނީ ރޯދަ ވީއްލުމުގެ ކުރިންވެސް އަދި ފަހުންވެސް ދުޢާ ކުރެވޭނެ ކަމެވެ. "ރޯދަވީއްލާ އިރުގައި" ކަމަށް އޮތުމުން އެ ދެ ޙާލަތްވެސް ހިމެނިގެންވާތީއެވެ.

ވީމާ ކަންކަމަށް އެދިގެން ހުންނަ މީހާ ޔަޤީންކަމާއިއެކު ދުޢާކުރަން އަންނަ ރޯދަމަސް އަންނަންދެން މަޑުކުރުމުގެ ބަދަލުގައި ސުންނަތް ރޯދަތައްވެސް ހިފާށެވެ. ރޯދަ މަހަށް އިންތިޒާރުކުރަމުން ވީހައި ގިނައިން ސުންނަތް ރޯދަ ހިފަންވީއެވެ. ރޯދައަށް ހުރެ ދުޢާކުރުން ގިނަކުރަންވީއެވެ. ދުޢާކުރުން ގިނަކުރަންވީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން