މިކަންކަމަށް ވިސްނާ މީހަކު އަތުގައިހުރި ވަކިލާރިކޮޅުން ނަމަވެސް ޞަދަޤާތްކުރަން ފަހެއް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މިކަންކަމަށް ވިސްނާ މީހަކު އަތުގައިހުރި ވަކިލާރިކޮޅުން ނަމަވެސް ޞަދަޤާތްކުރަން ފަހެއް ނުޖެހޭނެ!

އަމިއްލަ ބޭނުންތައް ނުފުދި ހުންނަންޖެހޭ މީހާއަށްވެސް ޞަދަޤާތްކުރަން ޖެހޭނެތޯ؟ މިއީ ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިސުވާލު އުފެދޭނަމަ ވިސްނަންވީ ޖެހުމާއި ނުޖެހުމަކަށް ނޫނެވެ. އަތުގައި ހުރި ވަކިލާރިކޮޅުން މިންވަރެއް ނަމަވެސް ޞަދަޤާތްކުރުމުން ތިމާއަށް ލައްވަވާނެ ބޮޑު ރަޙްމަތަށެވެ.

ހަމަ އެއާއިއެކު ވިސްނައިލާށެވެ! އެއްވެސް މީހަކީ އެމީހެއްގެ ހުރިހާ ބޭނުންތައް ފުދިގެން ހުންނާނެ މީހެއް ނޫނެވެ. ހަނޑާނަށް ގެންނަންވީ ދެމަފިރިންނާއި ދަރިން ނުކައި ހައިހޫނުކަމުގައި ތިބެގެންވެސް މީހަކަށް ކާންދެއްވި ޞަޙާބީންގެ ދެމަފިރިންނަށް ﷲ ތަޢާލާ ތަޢްރީފްގެބަސްފުޅު ވަޤުތުން ވަޙީކުރެއްވެވިކަމާއިމެދުގައެވެ.

އިންސާނަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތަކީވެސް އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަތުމެވެ. އެއިރުން އެމީހަކަށް ބޮޑެތި ވެގެންވާ މުޞީބާތްތައް ދުނިޔޭގައިވެސް ކުރިމަތިވާނެތީއެވެ. ދަތި އުނދަގޫ އަދި ހިތްދަތި ޙާލުތައް ކުރިމަތިވަމުންދާތީއެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބިރުވެތިވާނީ ﷲ ތަޢާލާގެ ކޯފާއަށެވެ.

ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމުން ސަލާމަތްވުމަށް ކުރެވެންއޮތް އެންމެ ފަސޭހަ ޢަމަލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ހިތާމައަކީ އެޢަމަލާއިމެދު ގިނަ ބައަކު މިއަދު އިހްމާލުވަމުން އަންނަ ކަމެވެ. އެޢަމަލަކީ ނަރަކައިން ސަލާމަތް ކުރައްވަވާ ޢަމަލެއް ކަމުގައިވާއިރުވެސްމެއެވެ.

މީސްތަކުންނޭވެ! މިދައްކަނީ ޞަދަޤާތްކުރުމުގެ ވާހަކައެވެ. ޞަދަޤާތް ކުރުމަކީ ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުން ނެތިވެގެންދާ އަދި މީހާ ނަރަކައިން ސަލާމަތްކޮށްދޭ މަތިވެރި ޢަމަލެކެވެ. ޞަދަޤާތްކުރުމަކީ ހަމައެކަނި ތަނަވަސްކަމުގެ އަހުލުވެރިންނަށް ކުރެވެން އޮތް ކަމެއް ކަމަށް ނުދެކޭށެވެ. ބިލިއަނަރަކު މިލިއަނުން ޞަދަޤާތް ކުރުމާއި ނިކަމެތ ފަޤީރަކު އެންމެ ބައިޑޮލަރު ޞަދަޤާތްކުރުމާއި ﷲ ތަޢާލާގެ ޙަޟްރަތުގައި ނުބައްދަލުވެދާނެކަން ވިސްނާށެވެ.

ހަމަ އެފަދައިން ޞަދަޤާތް ކުރުމަކީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވާ ޢަމަލެކެވެ. އަދި ކުރާކަންކަމުގައި ބަރަކާތް ލައްވަވާވެސް ކަމެކެވެ. ވީމާ މިފަދަ ހުރިހާ ނިޢްމަތްތަކަށް ބެލުމުން އެނގެނީ ޞަދަޤާތް ކުރުމަކީ މީހަކަށް ކުރެވެން އޮތް އެންމެ ހެޔޮ އެއް ޢަމަލުކަމެވެ.

އެމީހެއްގެ އަތުގައި އޮތް މަދުމިންވަރުން ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރަން ފަސްނުޖެހޭށެވެ! ކިތަންމެ މަދު ވަކިލާރިކޮޅަކުން ނަމަވެސް ޞަދަޤާތް ކުރުންގިނަކޮށް މި ބަޔާންކުރި ނިޢްމަތަކަށް އުންމީދުކުރާށެވެ. ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން