ބައިވެރިޔާއަށް ޚިޔާނާތްތެރިވާކަން ބޭޒާރުވީމާ މާފަށް އެދޭ ވަޤުތުން ފެށިގެން ކުރިން ކުރިވަރަށް އިތުބާރުނުކުރާތީ، ލޯބިނުދޭތީ ރަތަށް އެރިޔަކަސް އެކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ބައިވެރިޔާއަށް ޚިޔާނާތްތެރިވާކަން ބޭޒާރުވީމާ މާފަށް އެދޭ ވަޤުތުން ފެށިގެން ކުރިން ކުރިވަރަށް އިތުބާރުނުކުރާތީ، ލޯބިނުދޭތީ ރަތަށް އެރިޔަކަސް އެކަމެއް ނުވާނެ!

އަހުރެންގެ ގާތަށް ކައުންސިލިންހޯދަން އަންނަ ބައެއް މީހުންގެ މައްސަލައކަށްވެފައި އޮންނަނީ ޒަވާޖީޙަޔާތުގައި ކުރިއަށްދަމުން ބޭވަފާތެރިވެ ޚިޔާނާތްތެރިވިކަން ފަޅާއެރުމުން މާފަށް އެދުނީމާވެސް ކުރިންކުރިވަރަށް އިތުބާރުނުކުރާ މައްސަލައެވެ. ކުރިންދިންވަރަށް ލޯބިނުދޭ މައްސަލައެވެ.

މިކަމަށްބަލާއިރު މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އަނެކާދެކެ ލޯބިވާތީ ނުވަތަ އަދި އެވަރުންވެސް ވަކިނުވެ އެކުގައި އުޅެން ބޭނުންވާތީ މާފުކޮށްފާނެއެވެ. މާފުކޮށް އެކުގައި އުޅެންވެސް މަސައްކަތްކޮށްފާނެއެވެ. ނަމަވެސް ގެއްލުނު އިތުބާރާއި ހިތުގައި އުފެދުނު ފޫހިކަމަކީ ކަރަންޓް ސްވިޗެއް އޮންކޮށްލީމާ ބޮކި ދިއްލޭ އުޞޫލުން ކުރެވޭނެ ކަމެއް ނޫނެވެ.

މިގޮތަށްވެސް ވިސްނާށެވެ. އެހިސާބުން ބޮކިއިންނާނީ އަނދައިފައެވެ. އެހެންކަމަށްވާއިރު ކިތަންމެ ވަރަކަށް ސްވިޗްޖެއްސިއްޔާ ބޮކިދިއްލޭނީ ކިހިނަކުން ހެއްޔެވެ؟ ދިއްލަން ބޭނުންނަމަ ޖެހޭނީ ބޮކިބަދަލުކުރާށެވެ! އެއިގެ މާނައަކީ ބައިވެރިވާގެ ކިބައިން ކުރިން ލިބުނުވަރަށް ލޯބި ބޭނުންނަމަ ޖެހޭނީ ކުރިއަށްވުރެ ބޮޑަށް އެކަމަށް މަސައްކަތްކުރާށެވެ. އިތުބާރުއުފެދޭނީވެސް ހަމަ އެގޮތަށް މަސައްކަތްކޮށްގެންނެވެ.

މިފަދަ ކަންކަން މެދުވެރިވުމުން އަވަހަށް މާފުކުރެވޭނެ މީހުން ތިބޭފަދައިން މާފުކުރަން ގިނަދުވަސް ނަގާނެ މީހުން ތިބޭނެކަންވެސް ޤަބޫލުކުރަންވާނެއެވެ. ވީމާ ކެތްތެރިވާންޖެހޭނެއެވެ. އެކަން މައްސަލައަކަށްވެސް ވެގެން ނުވާނެއެވެ. ސަބަބަކީ އެއީ ތިބާ ކުރި ކުށުގެ އަދަބުކަމަށްވާތީއެވެ. --ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ވަރަށް އުންމީދާއި އިތުބާރާއިއެކު ކުރާ ކައިވެނިތައް ރޫޅެމުން މިދަނީ ދާދިއަވަހަށެވެ. އެންމެންވެސް އެކަމާއިމެދު ކަންބޮޑުވެއެވެ. ނަމަވެސް އެކަމުގެ އެންމެ ބޮޑު ސަބަބާއިމެދު ވިސްނައިލަނީވެސް ވަރަށް މަދު މީހެކެވެ. ޙަޤީޤަތަކީ ޒަވާޖީ ޙަޔާތް ބަރުބާދުވުމުގެ ނުވަތަ ފޭލްވުމުގެ އެންމެ ބޮޑު ހިއްޞާއެއް އޮތީ މަކަރުހެދުމާއި ގުޅިފައިކަމެވެ.

މަކަރު ހެދުމަކީ އިތުބާރު މަރައިލުމެވެ. ގިނަ ބައަކަށް އެކަން ނުވިސްނެނީއެވެ. ނުވަތަ އެކަން ނުއެނގެނީ އެވެ. މަކަރު ހެދުމަކީ އިތުބާރު މަރައިލުންކަން އެނގޭނަމަ ބައިވެރިޔާއަށް ހަމަ އެކަކުވެސް މަކަރެއް ނުހަދާނެއެވެ.

ހަދާ މަކަރު ފަޅާއެރުމުން އެއީ ބޮޑު މުޞީބާތެއްގެ ފެށުމެވެ. އެއީ ކިތަންމެ ކުޑަ މަކަރެއް ނަމަވެސް މެއެވެ. އެ ހިސާބުން ވަރަށް ގިނަ ފަހަރު އިތުބާރު މަރުވާނެއެވެ. އިތުބާރު މަރުވުމަކީ ވަރަށް ނުރައްކައުތެރިކަމެކެވެ. އެހިސާބުން ދެން ވާގޮތަކީ މާކުރީގެ ކަންކަން ވެސް ހަނދާންވާން ފަށަނީއެވެ. މާކުރީގައި މެދުވެރިވެފައި ހުންނަ ކަންކަން ހަނދާނަށް ފުނިޖެހުމުން އެކަން ވެގެންދަނީ ބޮޑު ފަރުބަދައެއް ވަރުގެ މައްސަލަ ފުންޏަކަށެވެ.

އަދި ކީއްހެއްޔެވެ؟ ވަރަށް ކުދިކުދި ކަންކަން ވެސް ވަރަށް ބޮޑެތި ކަންކަމުގެ ގޮތުގައި ޤަބޫލުކުރެވެން ފަށާނެއެވެ. ކޮންމެވެސް ދުވަހަކު އެހެން މީހަކަށް ބަލައިލެވިފައި އޮންނަ ގޮތްވެސް އެއީ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ފެންނާނެއެވެ. އަދި އެވަރުންވެސް ފުދެނީއެއް ނޫނެވެ.

އިތުބާރު މަރުވުމުން ދެން އަބަދުވެސް ހުރެވޭނީ ޝައްކެއްގެމަތީގައެވެ. އަދި ކޮންމެ ޝައްކަކީ ޔަޤީން ކުރެވޭ ކަމެއްގެ ގޮތުގައި ވިސްނެން ފަށާނެއެވެ. އެހިސާބުން ދެން ކުރިމަތިވާނީ މުޅިންވެސް މައްސަލަތަކެވެ. އޯގާތެރިކަންވެސް ފެންނާނީ، ޤަބޫލުކުރެވޭނީ މަކަރެއް ހަދަން ތައްޔާރުވުން ކަމަށެވެ. ރަނގަޅު ހަމަ އެއް ގޮތް ވެސް ނުއޮންނާނެއެވެ!

މިއަދު ޢާންމުވެގެން މިއުޅެނީ އެކަމެވެ. މާބޮޑު ކަމެއް ކަމަށް ނުދެކި އެކަކު އަނެކަކަށް މަކަރު ހަދަނީއެވެ. މަކަރު ހެދުމުން އިތުބާރު މަރުވަނީއެވެ. އިތުބާރު މަރުވުމުން ކައިވެނީގެ ވިންދު ކެނޑި ދިރުންވެސް ހުއްޓެނީއެވެ. ވީމާ މަކަރު ހެދުން ވެގެން އެދަނީ މީހެއްގެ ބޮލަށް ބަޑިޖަހައި މަރައިލުން ފަދަ ކަމަކަށެވެ. މަކަރު އެވަނީ ބޮލަށް ފޮނުވައިލެވޭ ވަޒަން ތަކަކަށެވެ. ވީމާ އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާނަމަ މަކަރު ހަދައި އިތުބާރު މެރުން ހުއްޓައިލާށެވެ!

ބައިވެރިޔާއަށް ތިމާ މަކަރުހަދަނީއެވެ. ނަމަވެސް ތިމާއަށް ބައިވެރިޔާ މަކަރު ހަދައިފިނަމަ އިންތިހާއަށް ރުޅި ގަދަވެއެވެ. އެޅެންހުންނަ ފިޔަވަޅުތައްވެސް އަޅައެވެ. ސުވާލަކީ އެއިރުން ޙައްލުކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ތިމާ ތެދުވެރިނުވެ ބައިވެރިޔާގެ ކިބައިން ތެދުވެރިވުމަށް އެދުމުން އެކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ވީމާ މިއީ ހަމަ ކޮންމެ ދެމަފިރިއަކުވެސް ވިސްނާލަން ޖެހިފައިވާ ކަންކަމެވެ.

--ޕްރޮފެސަރ ޔޫސުފް ޒިދާން

 

މިއަދު އޮންލައިން