ހެޔޮލަފާ އަނބިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އަބަދުވެސް އޮންނާނީ އޭނާއަށް ވަގުތު ނުދޭ ކަމުގެ ޝަކުވާއެވެ. ޝަކުވާ ކުރާ އިރަށް ނޫނޭ ތިމަންނާ ވަގުތު ދެމޭ ބުނެފާނެއެވެ.
އެހެން އެބުނެވެނީ އަނބިމީހާގެ ޑިކްޝަނަރީން ވަގުތުގެ މާނަ ނުއެނގޭތީއެވެ. އަންބަކު ވަގުތު ނުދޭކަމަށް ބުނެފިނަމަ އެއިގެ މާނައަކީ ދެމީހުން އެކަނި ވަގުތު ހޭދަކުރާ ވަގުތުގެ ވާހަކައެވެ. ދެމީހުން އެކުގައި ބޭރަށް ގޮސް ވަގުތު ހޭދަކުރުމުގެ ވާހަކައެވެ.
އެއީ އެއްވެސް ޙާލެއްގައި ކޮންމެ ދުވަހަކު 24 ގަޑިއިރު ހޭދަވަމުން މިދާ ވަގުތުގެ ވާހަކައެއް ނޫނެވެ. އަނބިމީހާ ބޭނުންވާ ގޮތަށް ވަގުތު ނުދިނުމުގެ ވާހަކައެވެ. އެމީހުން ދައްކާ ވާހަކަ އަޑު އަހާނެ ވަގުތުގެ ވާހަކައެވެ.
ގޮތް ބަލަންވެސް އަނބިމީހާއަކީ ތިބާ އެންމެ ބޮޑަށް ސަމާލުކަން ދޭ މީހާކަން އަނބިމީހާއަށް ޔަޤީންކުރެވޭ ގޮތަށް ކަންކަން ކޮށްބަލާށެވެ! އެ ޔަޤީންކަން ފިރިމީހާ އަނބިމީހާއަށް ދޭނަމަ އަނބިމީހާ ވެސް ހަމަ އެ ޔަޤީންކަން އަނބުރައި ފިރިމީހާއަށް ދޭނެއެވެ.
އެކަމަށް ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ އަނބިމީހާ އެއެދޭގޮތަށް އޭނާއަށް ވަޤުތުދިނުމެވެ. ދެމީހުން އެކަނި ހޭދަކުރާ ވަޤުތު ގިނަކުރުމެވެ. އެފަދަ ވަޤުތުކޮޅެއް ކޮންމެ ދުވަހަކުވެސް އަނބިމީހާއަށް ދިނުމެވެ.
ގޮތްބަލަން ނަމަވެސް ނިކަން އެކަންކޮށްބަލާށެވެ! ތަޖުރިބާއިން އެނގެނީ އެފިރިއަކަށްވުރެ އުފަލުގައި ހުރެވޭނެ ފިރިއަކު ނުހުންނާނެ ކަމެވެ. ވީމާ މިއީ ކިތަންމެ ބުރަކޮށް މަސައްކަތްކުރަމުންވެސް ސަމާލުކަންދީގެން ކުރަންޖެހޭނެ ކަމެކެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން