ރަނގަޅު ނިޔަތުގައި ދެއަންތބަށް ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ފިރިމީހާ ވަރިކުރުވައިގެން ކައިވެނިކުރުމަކީ އޭނާގެ އަނބިމީހާއަށް ދެވޭ އަނިޔާއެކެވެ. އެކަން ވެގެންދަނީ އަންހެނުން އަންހެނުންނަށް ދޭ ބޮޑު އަނިޔާއަކަށެވެ.
މިގެނެސްދެނީ ދަރިންކޮޅު ގޮވައިގެން ދަތިޙާލުގައި އުޅެންޖެހުމުންވެސް އެކަމަށް ވިސްނައިގެން ކައިވެނިކުރި އަންހެނަކަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!
އަޅުގަނޑުމެން ދެމަފަރިން ކައިވެނިކުރީ ވަރަށް ހަގު އުމުރުގައެވެ. އަޅުގަނޑުގެ އުމުރުން އެންމެ 19 އަހަރުގައެވެ. އެނާގެ އުމުރުން އެންމެ 22 އަހަރުގައެވެ.
ހަގު އުމުރުގައި ކައިވެނިކުރެވުން ކުށްވެރިއެއް ނުކުރާނަމެވެ. 13 އަހަރުވަންދެން އުޅުނީ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ. 3 ދަރިން ލިބުމުން ދަރިންވެސް ބަލައި ބޮޑުކުރަމުން އައީ ހަމަ ވަރަށް ލޯބިންނެވެ.
ކަންކަން ބަދަލުވާންފެށީ ކައިވެންޏަށް 13 އަހަރުވީފަހުންނެވެ. އުފާވެރި 13 އަހަރަށްފަހުގައެވެ. ވީމާ ބައެއް މީހުން ކައިވެނި ފޭލަވަނީ ޅަ އުމުރުގައި ކައިވެނިކުރާތީކަމަށްބުނި ނަމަވެސް އެކަން ޤަބޫލުކުރާކަށް ނެތީމެވެ. އެއީ ތެދެއްނަމަ 13 އަހަރުވަންދެން އުފަލުގައި ނުއުޅެވޭނެތީއެވެ.
ފިރިމީހާއަށް ބަދަލުތަކެއް އަންނަމުންދާތާ ދުވަސްކޮޅެއްވީތަނާ އެއްރޭ ފިރިމީހާ ނިދާފައި އޮއްވާ ފޯނަށް މެސެޖްތަކެއް އަންނަން ފެށިއެވެ. ބަލަން އޮތުމުން މެސެޖުތައް ކިޔުނެވެ. އެއީ ލޯބިވެރިޔާ ފޮނުވި މެސެޖުތަކެކެވެ. މާއަވަހަށް ނިދައިގެން ކުރި ޝަކުވާތަކެވެ. ހަމައެކަނި ޓެކްސްޓް މެސެޖެއްވެސް ނޫނެވެ. އަޑުންވެސް މެސެޖްފޮނުވިއެވެ.
އެކަންކަން ފެނި ޔަޤީންވުމުން އިޞްލާޙްވާން ފިރިމީހާއަށް ފުރުޞަތު ދިނީމެވެ. ނަމަވެސް ހެދީ ދޮގެވެ. އެއީ އެކުއްޖާ މަތިންބައިންޖެހިގެން ކުރާ ކަންކަން ކަމަށް ބުނެ ބަހަނާތައް ދެއްކިއެވެ. އެއިގެ 3 ރޭ ފަހުން ދެމީހުން އެކުގައި ހުޅުމާލޭ ގޮނޑުދޮށުގައި ތިއްބާ ގޮސް ސަލާންވެސް ކޮށްލީމެވެ.
އިން ޝާ ﷲ އަޅުގަނޑަކީ ހިތްވަރު އެލުވައިލާނެ އަންހެނަކީމެއް ނޫނެވެ. ހިތްވަރުކޮށްފައި ވަރިވީއެވެ. އަދި ދިރިއުޅުނު ގެއަކީ އަޅުގަނޑުގެ ނަމުގައި ކުއްޔަށް ހިފާފައިހުރި ފެލެޓަކަށްވުމުން ފިރިމީހާ ފްލެޓުންވެސް ނެރެބޭރުކޮށްލީމެވެ.
ފަހުން ކުލި ހަމަޖެއްސީ ދެކޮޓަރި ކުއްޔަށްދީގެންނެވެ. ޚަރަދުކުރާނެ ފައިސާ ހޯދީ ގޭގައި ހުރެ ކޭކުއަޅައިގެންނެވެ. ފަހައިގެންނެވެ. ފިރިމީހާއަށް ޖެހުނު ދަތުރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހަމަގައިމުވެސް އެއިގެ 2 އަހަރުފަހުން އަޅުގަނޑު މިއުޅެނީ ކައިވެނިވެސްކޮށްގެންނެވެ. ކުރިއަށްވުރެ އުފަލުގައެވެ. ކުރިއަށްވުރެ ތަނަވަހުގައެވެ. ކުރިއަށްވުރެ ބޮޑަށް ލޯބިވެސް ލިބިގެންނެވެ.
މިބަނީ ބުނަން ބޭނުން އެންމެ ވަރުގަދަ ވާހަކައެވެ. އަޅުގަނޑު ފަދަ އަންހެނަކު އަޅުގަނޑަށް ލަނޑު ދިނުމުންވެސް ފިރިއަކު ހޯދީ މީހެއްގެ ފިރިއެއް ޖަހައިގަނެގެނެއް ނޫނެވެ. އަންހެނެއްގެ ހިތް ކަތިލައި ދަރިންކޮޅު ނިކަމެތިކޮށްލާފައެއްވެސް ނޫނެވެ.
މީހުންގެ ފިރިންގެ ފަރާތުން ހުށަހެޅުންތައް ލިބުނެވެ. ދެއަންތބަށް ކައިވެނިކުރަންވެސް އަދި އަނބިމީހާ ވަރިކޮށްފައި ގުޅެންވެސް ހުށަހެޅިއެވެ. ކައިވެނިކުރީ ކައިވެނި ރޫޅި 5 އަހަރުވެ އެކަނި 4 ދަރިން ބަލަމުން ދިއަ ފިރިހެނަކާއެވެ.
އަޅުގަނޑު ބުނަން ބޭނުންވާ ބަސް ކުޑަކޮށް ތަފާތުވެދާނެއެވެ. ބުނަން ބޭނުމީ އަންހެނުންނަށް ފިރިހެނުން އަނިޔާކުރާ ވާހަކަ އަންހެނުން ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އަންހެނުންނަށް އަނިޔާ މިކުރަނީ އަންހެނުން ނޫން ހެއްޔެވެ؟ އަންތބަކާއި ދަރިންފައްޗެއް އޮތްނަމަވެސް އެއިން އެއްވެސް ކަމަކަށް ނުބަލައި މީހުންގެ ފިރިންނާއި އަޅައިގަނެ ދަރިންތައް ބިކަކުރުވައި އަނބިން އެކަނިވެރިކުރުވަނީ ހަމަ އަންހެނުން ނޫންހެއްޔެވެ؟ އަޅުގަނޑު ބުނާނީ އަންހެނުން ކަތިލަމުން މިދުވަނީ ހަމަ އަންހެނުން ކަމަށެވެ.
އެއްބަސްވާ ކިޔުންތެރިން އެއްބަސްވާށެވެ! އެއްބަސްނުވާ ކިޔުންތެރިން އެއްބަސްނުވާށެވެ! މިއީ އަޅުގަނޑުގެ ވިސްނުމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ.
- އަޒްލިފާ މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް
އަޒްލިފާ ވަރަށް ސާފުބަހުން އެބުނަނީ އަންހެނުން ދިރިތިއްބާ އެކަނބަލުންގެ ހިތްތައް ކަތިލައި ރޮއްވަމުން ދުވާބައަކީ ހަމަ އަންހެނުން ކަމަށެވެ. ސުވާލަކީ އެއްބަސްތޯއެވެ.؟
އަޒްލިފާ ކުރުކޮށްލާފައި އެބުނަނީ އެއަންހެނެއްގެ ދިރިއުޅުން ހަލާކުވުމުން އެއަންހެނަކަށް ކުރާނެ އަސަރަށް ނުބަލައި އެހެން އަންހެނުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ އެދެމަފިރިންގެ ދިރިއުޅުން ހަލާލުކުރެވެނީ އަންހެނުން އެކަމުގައި އިސްދައުރެއް އަދާކޮށްގެން ކަމަށެވެ. އަދި ތިމާގެ ދަރިން ނިކަމެތިވުމުން ތިމާ ދެރަވާނެވެސް އިރު އެކަމަށްވެސް ނުވިސްނައި އެހެން މީހުންގެ ދަރިން ހިތްދަތިކުރުވާ ވާހަކައެވެ.