ފުރަތަމަ ޙާދިސާ:
އޭނާއަކީ 3 ދަރިންގެ ބައްޕައެވެ. ގޭތެރޭގައި ދިމާވާ ކުދިކުދިކަންކަމުގައިވެސް ރުޅިއައިސް އަނބިމީހާއަށް ނުބައިބަސްތައް ބުނެއެވެ. އެކުދިންނަށް ބައްޕަގެ ކިބައިން ޢާންމު އެއްވާހަކައަކީ ލިބިފައި ތިބި ދަރިންނަކީ އޭނާގެ ދަރިން ނޫންކަމާއި އަނބިމީހާ ކޮންމެވެސް ގޮތަކުން ހޯދި ދަރިންކަމުގެ ވާހަކައެވެ. މިހެން ބުނަނީ އަނބިމީހާ ދެރަކޮށް ނިކަމެތިކޮށްލުމުގެ ބޭނުމުގައެވެ.
ނަތީޖާ އެނގޭހެއްޔެވެ؟ ދޮށީ ދަރިފުޅަށް 8 އަހަރުގައި ޓީޗަރު ގާތުން އެދުނީ އޭނާގެ ނަމުގެ ފަހަތަށް އޮންނަ ބައްޕަގެ ނަން ކަނޑައިލަދިނުމަށެވެ. އެއީ ކީއްވެގެންތޯ ސުވާލުކުރީމާ ބުނީ ތިމަންނާއަކީ ބައްޕަގެ ދަރިއެއް ނޫންކަމަށް ބައްޕަ ވަރަށް ގިނައިން ބުނާކަމަށެވެ. އެހެން ޢޭނާގެ ނަމުގެ ފަހަތަށް ބައްޕަގެ ނަން އިތުރުކުރީމާ އެއީ އޭނާގެ ނަމަށް ނުވާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ބައްޕަ ސްކޫލަށް ގެނެސް ނަޞީޙަތް ދިނުމުން އެނބުރި ދިއައީ ދެރަވެ ރޮއި ކަރުނަ އަޅަމުންނެވެ.
ދެވަނަ ޙާދިސާ:
ހަމަ މިފަދަ މައްސަލައެއް ކުރިމަތިވި އެހެން ބައްޕައަކަށް ކުރިމަތިވި މައްސަލަވެސް ބުނެލާނަމެވެ. އޭނާއަކީވެސް އަނބިމީހާ ދެރަކޮށްލަން ކުރިން މިބުނި ފަދަ ބަސްތައް ބުނަމުން އައި މީހެކެވެ. އެއަޑު ދަރިންނަށް އިވެއެވެ.
ދަރިން ބޮޑެތިވެ އަމިއްލަ ދިރިއުޅުން ފަށައި އާމްދަނީ ލިބެން ފެށުމުން އެހީއަކަށް އެދިގެން ދެވަނަ ދަރިފުޅުގެ ގެއަށް ދެވުނީ 5 ދަރިން އެކުގައި ތިއްބައެވެ. ހުރިހާ ދަރިންގެ ކިބައިން އެހީލިބޭނެ ކަމުގެ ފޮނި އުންމީދުގައި ޙާލަތު ކިޔައިދީ އެހީއަކަށް އެދުމުން ޖަވާބުދިނީ އެންމެ ހަގުދަރިފުޅެވެ.
ޖަވާބަކީ "ބޭނުންވާ ވަރަކަށް ފައިށާ ދޭނަމެވެ. ބަލަންވެސް ބަލާނަމެވެ. އެކަމަކު ތިއައީ ބައްޕަވެގެނެއް ނޫނެވެ. ކުޑައިރު ޚަރަދުކޮށްދިން މީހާ ވީމައެވެ." ވަރަށް ދެރަވެފައި "ތިއަހެން ތިއަބުނީ ކީއްވެގެންތޯ؟ މިއީ ބައްޕަ ނޫން ކާކުތޯ؟" ސުވާލުކުރީމާ ބުނީ "ހަމަ ތިއަ އަނގައިން މިއީ ތިއަ މީހާގެ ދަރިން ނޫންކަމަށާ މަންމަ ހޯދާފައި ތިބި ދަރިންކަމަށް ބުނި އަޑު އިވުނު ޢަދަދެއް ބެލިފައި ނެތްކަމަށާ އެޢަދަދު އެނގޭނީ ޤިޔާމަތް ދުވަހު ޙިސާބު ބައްލަވާއިރު" ކަމަށެވެ.
އިތުރު ދަރިއަކު އެއްވެސް އެއްޗެއް ނުބުނުމުން ހުރިހާ ދަރިން އެތިބީ އެކަން އެގޮތަށް ޤަބޫލުކޮށްގެން އެނގުނީމާ ވީދެރައިން އިސްދަށަށް ޖަހައިލުން ނޫން ކަމެއް ނުކުރެވުނެވެ. މާފަށް އެދޭނެ ހިތްވަރެއްވެސް ނުލިބުނެވެ. އެވަޤުތު ދޮށީ ދަރިފުޅު ބުނީ ތިއަ އެދުނު ވަރަށް މިހާރު ތިއަމީހާގެ އެކައުންޓުގައި ފައިށާ ހުންނާނެ ކަމަށާއި އަދިވެސް ފައިސާ ދޭނެ ކަމަށެވެ. ނަމަވެސް ބައްޕައަށްވެގެން ވާހަކަ ނުދެއްކުމަށެވެ.
4 ވަނަ ދަރިފުޅު ބުނީ މިއަދު މަންމަގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ. މަންމަގެ ޢުމުރުކުރިވެގެންދިއައީ މަންމައަށް ކަލޭ ބުނަމުން އައި ނުބައިބަސްތަކަށް ހިތާމަކުރަންޖެހުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށާއި ދެންވެސް ތައުބާވެ ތިމާގެ ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމުން ފައިދާކުރާނެ ކަމަށެވެ. ބައްޕައަށް ޖެހުނީ ނިކަމެތިކަމާއިއެކު ނުކުމެގެންދާށެވެ.
ލޮބުވެތި އެކުވެރިންނޭވެ! ހުރިހާ ދަރިން މިފަދަ ބަސްތައް ނުބުނެފާނެއެވެ. ނަމަވެސް ހިތުގައި ނެތިއެއް ނުދާނެއެވެ. މިވާހަަކ މިދެއްކީ ބައްޕައަކަށް އެފަދަ ބަސްތައް ބުނަން ހިތްވަރުދޭކަށް ނޫނެވެ. މިފަދަ ބަސްތައް ބުނާ މީހުން މިކަމަށް ހޭލުންތެރިކުރުވޭތޯއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން