ހިތުގަ އުފެދޭ ޝައްކުގެ މައްޗަށް ބުރަވެ އެކުވެރިންގެ ވާހަކަ ދެއްކުމަކީ ފަހުން ހިތާމަކުރަންޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހިތުގަ އުފެދޭ ޝައްކުގެ މައްޗަށް ބުރަވެ އެކުވެރިންގެ ވާހަކަ ދެއްކުމަކީ ފަހުން ހިތާމަކުރަންޖެހިދާނެ ކަމެއް!

އެއްވެސް މީހަކާއިމެދު ކުރެވޭ ޝައްކެއްގެ މައްޗަށް ވާހަކަ ދައްކައިގެންނުވާނެއެވެ. ޚާއްޞަކޮށް އެކުވެރިންނާއިމެދުގައެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދެވެނީ މަދުމީހަކަށެވެ. ނަތީޖާއަކަށްވަނީ ރަނގަޅު އެކުވެރިން އެމީހަކާއި ވަކިވުމެވެ. މިއީ ލިބޭނެ ބޮޑު ދެރައެކެވެ.

ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ. އެމީހުންނަށް ކަންކަން ވެސް ކުރިމަތިވާނެއެވެ. އަދި ކުރިމަތިވާ ކަންކަން ކޮންމެވެސް މިންވަރަކަށް އެނގިވެސްދާނެއެވެ. ނަމަވެސް އެފަދަ ކަންކަމުގެ ވާހަކަ ދައްކަންވާނީ ވަރަށް ބޮޑަށް އޮޅުންފިލުވުމަށްފަހުގައެވެ. އަދި އެކުވެރިޔާގެ އިޢްތިރާޒެއްވެސް ނެތް ނަމައެވެ.

ވަރަށް ފަހުން ހިނގި ކަމެކެވެ. އެކުވެރިއަކަށް އެހެން އެކުވެރިއަކު ވަރަށް އަގުބޮޑު އެއްޗެއް ދިންކަން އެކުވެރިއަކަށް އެނގުނީއެވެ. އެކަން އެނގުނު އެކުވެރިޔާ އަވަސް އަވަހަށް އެވާހަކަ ހުރިހާ އެންމެންނަށް ފަތުރައިލިއެވެ.

ނަތީޖާއަކަށްވީ ދިން އެކުވެރިޔާއަށް ގިނަ އެކުވެރިންތަކެއް ނަފްރަތުކުރުމެވެ. އެމީހުންނަށް ނުދިނީތީއެވެ. އަދި އެދެމީހުންގެ މެދުގައި ނުބައި ގުޅުމެއް އޮންނަ ކަމަށްވެސް ބައެއް އެކުވެރިން ތުހުމަތު ކުރިއެވެ.

ނަމަވެސް ޙަޤީޤަތް އެނގުނުއިރު ކަންކަން ވެފައިއޮތީ މުޅީން ތަފާތު ގޮތަކަށެވެ. އެއެއްޗަކީ އެކުވެރިޔާގެއަތަށް ފައިސާދީގެން ބޭރުން ގެނުވި އެއްޗެކެވެ. އެކުވެރިޔާ ދިން ހަދިޔާއެއް ނޫނެވެ.

މިފަދަ ކިތަންމެ ކަމެއް ހިނގައެވެ. ވީމާ ފުރިހަމައަށް ކަންކަން ނުއެނގި ވާހަކަ ނުދައްކާށެވެ! އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ފިތުނައެއް ވެސް އުފެދިދާނެއެވެ. އަދި ފާފަތަކެއް ބޮލުގައި އަޅަންވެސް ޖެހިދާނެއެވެ.

ދުލަށް ސަމާލުކަން ދޭން އިސްލާމް ދީނުގައި އެހައި ބޮޑަށް އަންގަވާފައި އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން