ބައިވެރިޔާގެ ކިބައިން ކުރިން ލޯބިލިބުނުވަރަށް ލޯބިނުލިބިގެން ޝަކުވާކުރުމުގެ ކުރިން ބައިވެރިޔާއަށް ކުރިން ތިމާ ލޯބިދިންވަރަށް މިހާރުވެސް ދެވޭ ކަމާއިމެދު ވިސްނާލަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ބައިވެރިޔާގެ ކިބައިން ކުރިން ލޯބިލިބުނުވަރަށް ލޯބިނުލިބިގެން ޝަކުވާކުރުމުގެ ކުރިން ބައިވެރިޔާއަށް ކުރިން ތިމާ ލޯބިދިންވަރަށް މިހާރުވެސް ދެވޭ ކަމާއިމެދު ވިސްނާލަންވާނެ!

ޝަކުވާ ކުރުމަކީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކުވެސް ޝަކުވާ ކރުމުގެ ފައިދާކުރާނީވެސް ޝައިކުވާކުރަން ޝަރުޠު ފުރިހަމަވެގެން ޝަކުވާކުރުމުންނެވެ. ނޫންނަމަ ވާނީ ބާޠިލް ޝަކުވާއަކަށެވެ. ބާޠިލް ޝަކުވާ ކުރާނަމަ އަނެކާގެ ހިތުގައި ފޫހިކަން އުފެދޭނެއެވެ.

އަންހެނުންނާއި ފިރިހެނުންގެ މިޒާޖު ވަރަށް ތަފާތެވެ. ބޭނުންވާ ކަންކަން ވެސް ވަރަށް ތަފާތެވެ. ކަންކަން ބޭނުންވާ ގޮތް ވެސް ވަރަށް ތަފާތެވެ. މިސާލަކަށް ބުނާނަމަ ހެެޔޮލަފާ ބައިވެރިޔާއަށް 1000 ޑޮލަރުގެ އަގުހުރި ހަދިޔާއެއް ދިނުމަށްވުރެ ވަރަށް ލޯބިން އަނބިމީހާ ދެކެ ލޯބިވާ ކަމަށް އޭނާގެ ގާތުގައި ބުނުމުގެ އަގު މާބޮޑުވާނެއެވެ. އަނބިމީހާ ކޮށްދޭ ކަމަކަށް ތަޢްރީފް ކުރުމުން އަނބިމީހާއަށް ލިބޭ އުފާވެސް މާ ބޮޑުވާނެއެވެ.

ބައެއް މީހުންގެ ނަޒަރުގައި ކައިވެންޏަށް އަހަރު ފުރޭ ދުވަސް ފާހަގަކުރުމަކީ ނުވަތަ އެންވަރސަރީ ފާހަގަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި ކައިވެނީގެ އުފާވެރިކަން ދެމެހެއްޓުމަށްޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

އެހެނީ އަނބިން އަބަދުވެސް އެންމެ ބޭނުނަވާނެ އެއްކަމަކީ އެމީހުންދެކެ ކުރިންވެސް ލޯބިވާވަރަށް މިހާރުވެސް ލޯބވާކަން ޔަޤީން ކުރުމެވެ. ކައިވެންޏަށް އަހަރުފުރޭ ދުވަސް އެއް މިންގަނޑަކުން ފާހަގަކުރަމުން ގެންދިއުމަކީ ލޯބި އަދިވެސް ދެމި އެބައޮތްކަމުގެ ޔަޤީންކަން އަނބިމީހާއަށް އިތުރުވާ ކަމެކެވެ. އެހެން ނަމަވެސް އެދުވަސް ފާހަގަކުރަންވާނީ ދެމީހުންގެ މެދުގައެވެ. ދަރިން ތިބިނަމަ ދަރިން ބައިވެރިކޮށްގެން ކަމެއް ބޭއްވިޔަސް ދެމަފިރިން އެކަހެރިކޮށް ބާއްވަންވާނެއެވެ. އެހެން މީހުންނަށް ދައުވަތުދީ ބޮޑު ޖާފަތބޭއްވުމަކީ ކުރާ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ލިބޭ ކަމެކެވެ. ޙަސަދަވެރިން ވަކިކުރަން ނުއެނގޭތީއެވެ.

ބައެއް ފިރިންނަށް ހީވަނީ ކައިވެންޏަށް ފަހު "އައިލަވްޔޫ" އެވެ ބުނަން ނުޖެހޭނެ ކަމަށެވެ. ތިމާގެ މިލްކަކަށް އަނބިމީހާ ވުމުން "އައިލަވްޔޫ" ބާބު ނިމުނީ ކަމަށެވެ. ނުނިމޭނެއެވެ! އެއީ ދުނިޔޭގައި ތިބިހައި ދުވަހަކު ނިމޭނެ ބާބެއް ނޫނެވެ. ނިންމައިގެންވެސް ވާނެ ބާބެއް ނޫނެވެ. ނިންމެން އޮތް ބާބެއްވެސް ނޫނެވެ.

މިވާހަކަތައް ދައްކަން މިޖެހެނީ ކައިވެނިތައް ޜޫޅޭތީ އެންމެންވެސް ކަންބޮޑުވާތީއެވެ. ކައިވެނިތައް ޜޫޅެން މެދުވެރިވާ ސަބަބުތައް ނައްތައި ނުލެވޭނަމަ ޜޫޅޭ ކައިވެނީގެ ޢަދަދު ދާނީ އިތުރުވަމުންނެވެ. ކައިވެނި ދިރުވައި ދެމެހެއްޓުމުގެ ކާނާއަކީ ލޯތްބެވެ. ލޯބި ނުދެމެހެއްޓޭނަމަ ކައިވެނި ދާނީ މަރުވަމުންނެވެ. ދިރުމެއް ނުލިބޭނެއެވެ!

ގަސްތައް ވެސް ހެދެނީ ފެންދިނުމުންނެވެ. ގަސްކާނާވެސް ދިނުމުންނެވެ. ހަމައެފަދައިން ލޯބި ދަމަހައްޓަންވެސް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެގޮތުން ކުރަން ޖެހޭ އެންމެ މުހިންމު އެއްކަމަކީ އެންމެ ފުރަތަމަ އެކަކު އަނެކަކު ދެކެ ލޯބިވީވަރަށް މިހާރުވެސް ލޯބިވާކަން އަބަދުވެސް އަނގައިދީ އެކަމަށް ޔަޤީންކަން ދެމުން ގެންދިއުމެވެ.

--ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން