ބިން ހެލުމަކީ ޢުޤޫބާތެއްގެ ގޮތުގައި ﷲ ތަޢާލާ ފޮނުއްވާ އެއްޗެއް!: ޢުމަރު ބުން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 10ސ
ބިން ހެލުމަކީ ޢުޤޫބާތެއްގެ ގޮތުގައި ﷲ ތަޢާލާ ފޮނުއްވާ އެއްޗެއް!: ޢުމަރު ބުން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ

ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ފުލުފުލުގައި އެކިވަރުގެ ބިންހެލުންތައް އަންނަމުންދާއިރުވެސް އެކަމަށް ބިރުވެތިވާ މީހަކު ހުރިކަމަކަށް ނުފެނެއެވެ. މުސްލިމް ޤައުމަކަށް ބިންހެލުން އަޔަސް ކުރީގެ ޒަމާނުގައި ކަންކަންކޮށްއުޅުނު ގޮތަށް ކަންކަން ކުރާކަމުގެ ޚަބަރުތަކެއް ނުލިބެއެވެ.  

އެހެންކަމުން ކިޔުންތެރިންގެ އަރިހުން އެދެނީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.  

ބިން ހެލުމެއް އައުމުން 

ސަލަފުންގެ ދުވަސްވަރުގައި ބިންހެލުމެއް އައުމުން، ތައުބާވެ އިސްތިޣްފާރުކުރުމަށް އޭރުގެ ޢިލްމުވެރިން މީސްތަކުންނަށް ނަސޭހަތްތެރިވެ އުޅުއްވިއެވެ. އަދި ހެޔޮ ކަންތައްތައްކޮށް އަދި މުންކަރާތްތައް ދޫކޮށްލުމަށްވެސް އެބޭކަލުން މީސްތަކުންނަށް ވަޢުޡުދެއްވާ، ނަސޭހަތްތެރިވެ އުޅުއްވިއެވެ. 

މަދީނާއަށް ބިންހެލުމެއް އައުމުން ޢުމަރު ބުން އަލްޚައްޠާބު رضي الله عنه މަދީނާގެ އަހުލުވެރިންނާ މުޚާޠަބުކޮށް ނަސޭހަތް ދެއްވަމުން ވިދާޅުވިއެވެ. "ދެވަނަ ފަހަރަށް (ބިން ހެލުމެއް) އަތުވެއްޖެނަމަ، ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ އެކުގައި ނޫޅުއްވާނަމެވެ."

[ބައްލަވާ: السنن الكبرى للبيهقي (6377)] 

އަދި ޢުމަރު ބުން ޢަބްދުލްޢަޒީޒު رحمه الله ރަށްތަކުގެ އަހުލުވެރިންނަށް ލިޔުއްވިއެވެ.

"ހަމަކަށަވަރުން ބިން ހެލުމަކީ ޢުޤޫބާތެއްގެ ގޮތުގައި ﷲ ތަޢާލާ ފޮނުއްވާ އެއްޗެކެވެ." ދެން މީސްތަކުން ދުޢާކޮށް، ޞަދަޤާތްކުރުމަށް އެކަލޭގެފާނު އިރުޝާދުދެއްވިއެވެ.

[ބައްލަވާ: فتح الباري لابن رجب (9 / 251)] 

އަދި ހިޖުރައިން 94 ވަނަ އަހަރު ހިމްޞަށް ބިންހެލުމެއް އައެވެ. ފަހެ އެދުވަހު މީސްތަކުން ބިރުން މިސްކިތަށް އެރިއެވެ. އަދި ފަތިސް ނަމާދަށް ފަހުގައި އައިފަޢު ބުން ޢަބްދިން އަލްކަލާޢީ ވަޢުޡު ވިދާޅުވިއެވެ. ފަހެ ﷲ އަށް ބިރުވެތިވުމަށާއި ރައްކާތެރި ތިބުމަށް އެކަލޭގެފާނު މީސްތަކުންނަށް އިންޛާރުދެއްވިއެވެ. އަދި ޤުރުއާނުގައިވާ ޢަޛާބުގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވިއެވެ. އަދި މީގެ ކުރިން ބިންހެލުމަކުން ހަލާކުވި މީހުންގެ ވާހަކަތައް ބަޔާންކޮށްދެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. 

"ގަންދީ ބުނަމެވެ. ތިޔަބައިމީހުންގެ ކުރިން އެބަޔަކަށް ބިން ހެލުމެއް މެދުވެރި ބަޔަކު، އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކުކަމުގައި މެނުވީ ނުވެއެވެ. ފަހެ ތިޔަބައިމީހުން އެކަމުން ސަލާމަތްކޮށްދެއްވާ، ދުރުކޮށްދެއްވެވީތީ ﷲއަށް ޙަމްދުކުރާށެވެ. އަދި އިހުގެ އުންމަތްތަކުގެ އަނިޔާވެރިން ހަލާކުކުރެއްވި ފަދައިން ހަލާކު ނުކުރެއްވީތީވެސް ﷲއަށް ޙަމްދުކުރާށެވެ.” [ބައްލަވާ: فتح الباري لابن رجب (9 / 252)] 

އަދި ހިޖުރައިން 233 ވަނަ އަހަރު ދިމިޝްޤަށް ވަރަށް ބާރުގަދަ ބިންހެލުމެއް އައެވެ. އެ ބިންހެލުމުގައި ފާރުތައް ވެއްޓި، ވަރަށް ގިނަ މީހުން ޢިމާރާތްތަކުގެ ދަށުވެގެން މަރުވެގެން ދިޔައެވެ. އަދި ތިން ގަޑި އިރު ވަންދެން މެދުކެނޑުމެއް ނެތި އެ ބިންހެލުން ކުރިއަށް ދިޔައެވެ. އެދުވަހު މީސްތަކުން ބިރުން މިސްކިތްތަކާ ދިމާއަށް ދިޔައެވެ. އަދި ބިނާތަކުގެ ދަށުވެގެން އެ ރަށުގެ ގިނަ މީހުން މަރުވިއެވެ. އަދި ޢަރަބި ޖަޒީރާއަށްވެސް އޭގެ އަސަރުކޮށް ވަރަށް ގިނަ މީހުން މަރުވިއެވެ. [ބައްލަވާ: السير للذهبي (9 / 445)] 

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! ފާފަތަކާ ދުރުހެލިވެ ތައުބާވެ ރައްކާތެރިވާށެވެ.

ޔާﷲ! އަޅަމެންނަށް ރަޙުމަތްލައްވާ އޯގާވެވޮޑިގަންނަވާށިއެވެ! އަދި އަޅަމެންގެ ތެރެއިން ތަން ދޮރު ނުދަންނަ ބަޔަކު ކުރާ ކަންތައްތަކެއްގެ ސަބަބުން އަޅަމެންނަށް ޢާންމުވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭވެ! އާމީން.

 

- ޑރ. މުޙައްމަދު ޢަލީ 

އިތުރު ތަފްޞީލު:

https://dhisalafiyyah.net/article/39834

 

މިއަދު އޮންލައިން