ޢާއިޝަތު ރަފާޙް ޢަލީ
މާތް ﷲ ޒަކަރިއްޔާގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެކަލާނގެ މަރްޔަމް ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ ذِكْرُ رَحْمَتِ رَبِّكَ عَبْدَهُ زَكَرِيَّا ﴿٢﴾ މިފަދައިންނެވެ. މާނައީ: "މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލާނގެ އަޅާ زكريّا ގެފާނަށް ލެއްވި رحمة ގެ ވާހަކައެވެ. (2)"
މިއީ ޒަކަރިއްޔާގެފާނަށް ﷲގެ ރަޙުމަތް ލިބިވަޑައިގެންފައިވާކަން ބަޔާންކުރައްވާ އާޔަތެކެވެ.
ޒަކަރިއްޔާގެފާނު ﷲ އަށް ދުޢާ ދެންނެވިއެވެ. إِذْ نَادَىٰ رَبَّهُ نِدَاءً خَفِيًّا ﴿٣﴾ މާނައީ: އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، އެކަލޭގެފާނު ސިއްރުގައި دعاء ކުރެއްވި ހިނދެވެ. (3)"
މި އާޔަތުގައި ބަޔާންވެގެންވާ ފަދައިން، އެކަލޭގެފާނު ދުޢާ ދެންނެވީ ވަރަށް މަޑުމައިތިރިކޮށް، ސިއްރުންނެވެ.
ދުޢާ ދެންނެވުމުގައި ވަރަށް މުހިންމު އަދަބުތަކެއް މި އާޔަތުން ދޭހަވެއެވެ. ﷲ ތަޢާލާ ޠާހާ ސޫރަތުގެ 7 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: فَإِنَّهُ يَعْلَمُ السِّرَّ وَأَخْفَى ﴿٧﴾ މާނައީ "އެކަލާނގެއީ، ސިއްރާއި އެއަށްވުރެ ވަންހަނާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (7)"
އެހެންކަމުން، ދުޢާ ދެންނެވުމުގައި އަޑުގަދަކޮށް ބާރަށް ދެންނެވުމުގެ ބޭނުމެއް ނެތެވެ. ﷲ އަށް އަޅުތަކުންގެ ހިތުގައިވާ ކަންތައްތައްވެސް އެނގިވަޑައިގަންނަވައެވެ. ޒަކަރިއްޔާގެފާނު ދުޢާ ދެންނެވީ نِدَاءً خَفِيًّا އެބަހީ ވަރަށް މަޑުމައިތިރި އަޑަކުންނެވެ.
އަދަބަކީ މުސްލިމް އުންމަތެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ގެއްލެމުންދާ މުހިންމު ސިފައެކެވެ. މާތްﷲ އާ މެދު އަދަބުވެރިވުމާއި، އެކަކު އަނެކަކާ މެދު އަދަބުވެރިވުމާއި، ބޮޑެތި މީހުންނާ މެދު އަދަބުވެރިވުމާއި، އަދި އަޅުގަނޑުމެންގެ ދަރިންނާ މެދުވެސް އަދަބުވެރިވުން ހިމެނެއެވެ.
އާދެ، އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔެ ނުބައި އަޚްލާޤާއި ހަޑިހުތުރު ކަންތައްތަކުން ފުރިފައިވާކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އެއީ އެހެން މީހުންގެ ޢަމަލުތަކެވެ. އަހުރެންނަކީ މުސްލިމެކެވެ. އަދި ޚާއްޞަކޮށް، އަހުރެންނަކީ މުސްލިމް އަންހެނެކެވެ. އެއްވެސް ޙާލަތެއްގައި އެހެން މީހަކަށް ފުރައްސާރަކުރުމަށް ފުރުޞަތެއް ނުދޭނަމެވެ. މިއީ ޙަޤީޤަތެވެ. އެހެން މީހުން ތިބާއަށް ފުރައްސާރަކުރިކަމުގައި ވިޔަސް، އެކަމަށް ރައްދު ދިނުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އެހެން ނޫންނަމަ، ތިބާވެސް އެމީހުންނެކޭ އެއްފަދަވެ، ނުވަތަ އޭގެ ނުބައިކަން އިތުރުވެގެންދާނެއެވެ. ޚާއްޞަކޮށް ތިބާއަކީ ޢިލްމުވެރިއެއް ނުވަތަ މަޤާމެއް ލިބިފައިވާ މީހެއްނަމައެވެ. އެހެންކަމުން، މާތްﷲ އާ މެދު އަދަބުވެރިވާ ގޮތް ދަސްކުރަން ޖެހެއެވެ. އަހުރެންނަށް މާތްﷲ އާ މެދު އަދަބުވެރިވާން އެނގޭނަމަ، އެހެން އެންމެންނާ މެދުވެސް އަދަބުވެރިވާން އެނގޭނެއެވެ. ސަބަބަކީ އަހުރެން ތިބާއާ މެދު އަދަބުވެރިވަނީ ހަމައެކަނި ތިބާއަށްޓަކައެއް ނޫނެވެ. މާތްﷲ އަހުރެމެންނަށް ބައްލަވާ ވޮޑިގެންވާތީއެވެ. އަދި އެއްވެސް ކަމަކުން މިކަން ޖަސްޓިފައިއެއް ނުކުރެވޭނެއެވެ.
އަހުރެންގެ ދުވަސް ގޯސްވެ، ނަފްސާނީ ގޮތުން ބުރަވެފައިވާ ކަމުގައި ވިޔަސް، ތިބާވެސް އެފަދަ ޙާލަތަކާ ކުރިމަތިލާންޖެހިދާނެކަން އަހުރެންނަށް ޔަޤީންކަން އެބައޮތެވެ. އެހެންކަމުން، އެފަދަ ވަގުތުތަކުގައި އެއްވެސް އެއްޗެއް ނުބުނެ، ހަމަޖެހެންދެން މަޑުކުރުމަކީ މުހިންމު ކަމެކެވެ.
ޒަކަރިއްޔާގެފާނު، އެކަލޭގެފާނުގެ އުމުރުފުޅުން 90 އަހަރަށްވުރެ މަތިވެފައި ވަނިކޮށްވެސް، އެކަލޭގެފާނު މާތްﷲ އަށް ދުޢާ ދެންނެވުމުގައި މަތިވެރި އަދަބު ދައްކަވައެވެ. އެކަލޭގެފާނު މާތްﷲ އަށް ވިދާޅެއް ނުވެއެވެ "މިހިރީ އަޅުގަނޑެވެ. އަޅުގަނޑަކީ ތިބާގެ ނަބިއްޔެކެވެ. އަޅުގަނޑަކީ ޒަކަރިއްޔާއެވެ. އަޅުގަނޑަކީ މިވެނި މީހެކެވެ." އޭގެ ބަދަލުގައި، އެކަލޭގެފާނު ވަރަށް އަދަބުވެރިކަމާއެކު ދުޢާ ދެންނެވިއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ: "ޔާ ﷲ! މިއީ އަޅުގެ ދުވަސްވެއްޖެކަން ދެންނެވުމުގެ ނާޒުކު ގޮތެކެވެ." އެކަލޭގެފާނު އިތުރަށް ވިދާޅުވިއެވެ "އަޅުގެ ކަށިތައް ބަލިކަށިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިގަނޑު ހުދުވެއްޖެއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ދުޢާ ދެންނެވުމުގައި މި އަޅާ ނާކާމިޔާބެއް ނުވަމެވެ."
މި ދުޢާގައި އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް މަތިވެރި އަދަބެކެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެއް ސީދާ ނުދަންނަވައި، އޭގެ ބަދަލުގައި އެކަލޭގެފާނުގެ ޙާލަތު ބަޔާންކޮށްދެއްވައެވެ. މިއީ މާތްﷲ އާ މުޢާމަލާތް ކުރުމުގައި ގެންގުޅެންވީ އަދަބުގެ ރީތި ނަމޫނާއެކެވެ.
އަޅުގަނޑުމެން މިއިން ދަސްކުރަންވީ ފިލާވަޅަކީ، އަޅުގަނޑުމެންގެ ދުޢާތަކުގައި އަދި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައިވެސް މާތްﷲ އާ މެދު އަދަބުވެރިވާންވީކަމެވެ. އަދި ހަމައެހެންމެ، އެހެން މީސްތަކުންނާ މެދުވެސް އަދަބުވެރިވާންވީކަމެވެ. އަޅުގަނޑުމެންގެ ޙާލަތު ދަތިވި ކަމުގައި ވިޔަސް، ކެތްތެރިކަމާއެކު މާތްﷲ އަށް ދުޢާ ދެންނެވުމަކީ މުއުމިނުންގެ ސިފައެކެވެ.
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން