މައްވަޅުގެ ޢަޛާބަކީ ޙަޤީޤަތެއް ކަމުގެ ހެކިތައް ޙަދީޘްފުޅުތަކުން މިހުރީ ފެންނަން! ސަލާމަތްވެވޭނީ ބިރުވެތިވާ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 2ސ
މައްވަޅުގެ ޢަޛާބަކީ ޙަޤީޤަތެއް ކަމުގެ ހެކިތައް ޙަދީޘްފުޅުތަކުން މިހުރީ ފެންނަން! ސަލާމަތްވެވޭނީ ބިރުވެތިވާ މީހަކަށް!

އަހުރެމެންނަށް އެންމެ މުހިންމު ކަމަކީ ޙަޤީޤަތް ޤަބޫލުކުރުމެވެ. ކައްވަޅުގެ ޢަޛާބާއިމެދު ފެންނަން ހުރި ޙަދީޘްފުޅުތައް ވަރަށް ގިނައެވެ. ނަމަވެސް ބިރުވެތި ނުވެވެނީއެވެ. އެހެންކަމުން މިގެނެސްދެނީ ގިނަގިނައިންވެސް ވިދާޅުވެލެއްވުން ވަރަށް މުހިންމު ލިޔުމެކެވެ. އިން ޝާ ﷲ

މަރުވުމަށްފަހު ޤިޔާމަތާ ހަމައަށް ބަރުޒަޚުގެ ޢާލަމުގައި އިންސާނާގެ ޙަޔާތް ވޭތުކުރާނެއެވެ. ހެޔޮމީހެއްނަމަ ނިޢުމަތާ އުފަލުގައެވެ. ނުބައިމީހެއްނަމަ ވޭނާ ޢަޒާބުގައެވެ.  

والَّحْلُ يَبْكِى ظُلْمَةً فِىْ هَبْتِلا ئِى އާދެ! މަލާއިކަތް ބޭކަލުން ކުރައްވާ ސުވާލުތަކުގެ ޖަވާބު ނުދެވޭމީހުންނަށް ދެންވާނެގޮތް ބަޔާންކުރައްވަމުން ރަސޫލާ ޙަދީޘް ކުރައްވަނީ فَيُنَادِى مُنَادٍ مِنَ السَّمَاء ދެން ގޮވާލޭވޭ އަޑު އުޑުން އިވޭނެއެވެ.  أَنْ كَذَبَ އޭނާ އެހަދަނީ ދޮގެވެ.  فَأَفْرِشُو لَهُ مِنَ النَّار، ނަރަކައިން އޭނާއަށް ދާން ފަތުރާށެވެ.   وفْتَحُوا لَهُ بَابًا إلَى النّار އަދި ނަރަކައިން އޭނާއަށް ދޮރެއް ހުޅުވާށެވެ.  فَيَأْتِيْهِ مِنْ حرِّهَا وَسَمُومِهَا، އަދި އެހިނދު އޭނާއަށް ހުޅުވިފައި އެވާ ދޮރުން ނަރަކައިގެ ހޫނާ އެތަނުގެ ވޭން އޭނާއަށް ލިބިލިބި ހުންނާނެއެވެ.  

وَيُضَيِّقْ عَلَيْهِ قَبْرُهُ  އަދި އޭނާގެ ކަށްވަޅަކީ އޭނާގެ މައްޗަށް ދަތި، ނުތަނަވަސް ތަނެއްކަމުގައި ލެއްވިގެން ދާނެއެވެ. حَتَّى  تَخْتَلِفَ فِيْهِ عَقْلاَعْ އޭނާގެ މޭކަށިތައް، އެއްކަށިގަނޑު އަނެއް ކަށިގަނޑުގެ ތެރެއަށް ވަންނަވަރުވަންދެން އޭނާގެ ކަށްވަޅު އޭނާއަށް ދަތިކުރެވި، އެތާގައި ފިތި ބާރުވެގެން ދާނެއެވެ.  

وَيَأْتِيْهِ رَجْلٌ ދެން އޭނާގެ ގާތަށް އެވަގުތު މީހަކު އަންނާނެއެވެ. قَبِيْحُ الْوَجْهِ، އޭނާގެ މޫނުމަތި ހުތުރުވާނެއެވެ. قَبِيْحُ الثِّيَابِ، އޭނާ ލައިގެން ހުންނާނީ ހަޑި މުޑުދާރު ފޭރާމެކެވެ. مُنْتِنُ الرِّيْح، އޭނާގެ ގައިން މުޅަ، ކުނިވަސް ދުވާނެއެވެ. ދެން އޭނާއައިސް ކަށްވަޅުގައިވާ އިންސާނާއާ މުޚާތަބުކޮށް ބުނާނެއެވެ. أَبْشِرْ بِالَّذِي يَسُوءُكَ ތިބާ ހިތާމަކުރާނޭފަދަ ނުބައި ޚަބަރު ތިބާއަށް ހުއްޓެވެ.  

هَذَا يَوْمُكَ الَّذِي كُنْتَ تُوعَدْ މިއަދަކީ މިއީ އެދުވަހެއްގެ ވަޢުދު ތިބާއަށް ވެވިފައިވާ ދުވަހެވެ. ދުނިޔެމަތީގައި އެދުވަހަކަށްޓަކައި ތިބާ ތައްޔާރުނުވެ، އެދުވަހެއްގެ މަތިން ޣާފިލުވެފައިވާ ދުވަހެއެވެ. ދުނިޔެމަތީގައި ތިބާ އުޅުނުއިރު، މަރުވުމަށްފަހު އެދުވަހެއް އަންނާނޭކަން ތިބާ ދޮގުކޮށް އުޅުނު ދުވަހެވެ.  

فَيَقُولُ: مَنْ أَنْتَ  ދެންއެހިނދު ކަށްވަޅުގައިވާ އިންސާނާ ބުނާނެއެވެ، ތިއީ ކާކުހޭ؟ فَوَجْهُكَ الْوَجْهُ يَجِيْءُ بِالشَّرِّ އެހެނީ ތިބާގެ މޫނަކީ ނުބައިކަމުގެ ޚަބަރު ދޭމީހެއްގެ މޫނުފަދަ މޫނެކެވެ. فَيَقُوْلُ: أَنَاعَمَلُكَ الْخَبِيْثُ  އެހިނދު އޭނާ ބުނާނެއެވެ. އަހަރެންނަކީ ތިބާ ދުނިޔެމަތީގައި ކޮށްފައިވާ ނުބައި ޢަމަލުތަކެވެ. فَيَقُولُ: رَبِّ لاَتُقِمِ السّاعَة އެހިނދު އޭނާ ބުނާނެއެވެ. އޭ ތިމަންގެ ވެރި ރައްބެވެ! ޤިޔާމަތްދުވަސް ޤާއިމް ނުކުރައްވާށިއެވެ! 

އަދިވެސް ކާފިރުންނާއި މުނާފިޤުންނަށް ކަށްވަޅުގައި ކަންތައްވެގެންދާނެގޮތް ބަޔާންކުރައްވަމުން ރަސޫލާ ޙަދީޘްކުރައްވާފައިވަނީ  

ثُمَّ يَضْرِبُ بِمِطْرِقَةٍ مِنْ حَدِيْدٍ  ضَرْبَةٌ بَيْنَ أُذُنَيْهِ އޭނާއާ ކުރެވޭ ސުވާލުތަކަށް ޖަވާބު ނުދެވުމުން، ދަގަނޑު މަރުތެޔޮލެއްފަދަ އެއްޗަކުން އޭނާގެ ބޯމަތީގައި ޖެހޭނެއެވެ. فَيَصِيْحُ صَيْحَةً يَسْمَعُهَا مَنْ يَلِيْهِ إلاَّ الثَّقَلَيْنِ އަދި އެހިނދު އަޑުގެ ނެތްތަނަށް އޭނާ ހަޅޭއްލަވާނެއެވެ. އަދި އޭނާ އެލަވާ ހަޅޭކުގެ އަޑު، އިންސީންނާ ޖިންނީން ފިޔަވާ ހުރިހާ އެއްޗަކަށް އިވޭނެއެވެ.  

އާދެ! އެފަދަ އިހާނެތި ގޮތަކަށް މުޖުރިމުންނަށް ކަށްވަޅުގައި ކަންތައްވެގެންދާނީ. އެއީ އެއްވެސް ޙާލެއްގައި ﷲ ސުބުޙާނަހޫވަތަޢާލާ އޭނާއަށް އަނިޔާވެރިވެ ވޮޑިގަންނަވާތީކީއެއްނޫނެވެ. އެހެންނަމަވެސް އޭނާއަށް އެފަދަގޮތަކަށް ކަންތައްކުރެވިގެން އެދަނީ، ދުނިޔެމަތީގައި އޭނާ ކޮށްފައިވާ ނުބައި ޢަމަލުތަކުގެ ސަބަބުންނެވެ. ދުނިޔެމަތީގައި، ﷲ ސުބުޙާނަހޫވަތަޢާލާގެ ދީނުން އޭނާ މޫނު އަނބުރާލާފައިވާތީ، އޭނާއަށް އޭނާ ކަށްވަޅުގައި ލިބެމުން އެދަނީމ  އޭނާ ކޮށްފައިވާ ޢަމަލުތަކުގެ ޖަޒާއެވެ. 

އާދެ! އޭނާއަށް ކަށްވަޅުގައި ޢަޛާބު ލިބޭއަޑު، އިންސީންނާ ޖިންނީން ފިޔަވައި އެއްމެހާ ތަކެއްޗަށް އިވޭނެއެވެ. އެހެންވެ ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ "لَوْلاَألاَّ تَدَافَنُوا لَدَعَوتُ اللهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ ތިޔަބައިމީހުންގެ ތެރެއިން މަރުވާމީހުން ވަޅުނުލާނޭކަމުގެ ބިރު ތިމަންކަލޭގެފާނަށް ހީފުޅު ނުވާނޭނަމަ، لَدَعَوتُ اللهَ أَنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرތިމަންކަލޭގެފާނު ދުޢާ ކުރެއްވީމުހޭ، ކަށްވަޅުގައި ދެވޭ ޢަޛާބުގެ އަޑު ތިޔަބައިމީހުންނަށްވެސް އިވުމަށް."  

އާދެ! ވަޅުނުލިކަމުގައިވިޔަސް، ކަށްވަޅުގެ ޢަޛާބު ޙައްޤުވެފައިވާ އިންސާނާއަށް، އޭނާ މަރުވުމަށްފަހު ކަށްވަޅުގެ ޢަޛާބު ލިބޭނެއެވެ. ނަމަވެސް އެކަމުގެ ބިރުވެރިކަމުގެ ސަބަބުން މަރުވާމީހުން ވަޅުލުމަށް ދިރިތިބި މީހުން ފަސްޖެހިދާނެތީވެ ނަބިއްޔާ އެފަދައިން ދުޢާ ނުކުރެއްވެވީއެވެ.  

އާދެ! އެދުވަހުން އޭނާ ކަށްވަޅުގައި އޮންނަންޖެހޭނީ އެކަނިމައިއެކަންޏެވެ! އެދުވަހުން އޭނާއަށް ނަޞުރުދޭނެ އެއްވެސް ފަރާތެއް، އެއްވެސް ޖަމިޢްޔާއެއް، އެއްވެސް ޖަމާޢަތެއް، އެއްވެސް ދައުލަތެއް، އެއްވެސް ބާރެއް ނޯންނާނެއެވެ. ދުނިޔެމަތީގައި އޭނާ ކޮށްފައިވާ ޢަމަލުތައް ފިޔަވައި އެއްވެސް އެއްޗެއް އޭނާއާއެކުގައި އެދުވަހު ނުވާނެއެވެ. 

ދުނިޔެމަތީގައި ކޮށްފައިވާ ހެޔޮ ޢަމަލަކުން ނޫނީ އެދުވަހުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެހެންކަމުން އެފަދަ ވޭންދެނެވި ޢަޛާބުން ސަލާމަތްވާން ބޭނުންވާ ބައަކު ކަމުގައި އަޅުގަނޑުމެން ވާނަމަ، އެދުވަސް އައުމުގެކުރިން މިއަދު ތައްޔާރުވާންވީއެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ބާއްވާލައްވާފައިވާ ދީން އުނގެނި ދަސްކޮށް، އެއާ އެއްގޮތަށް ޢަމަލުކުރަންވީއެވެ.

 

- މަސްދަރު: ނަޞޭޙަތް

 

މިއަދު އޮންލައިން