އެކުވެރިންކަމުގައި އުޅެމުންވެސް ތިމާއަށް ގެއްލުންވާނެ ކަމެއް ކޮށްފާނެއެވެ. ބޮޑު ދެރައެއްވެސް ދީފާނެއެވެ. އެޙާލަތުގައިވެސް އަނެކާގެ ކިބައިން ބަދަލުހިފަން ނުވަތަ އޭނާއަށް ގެއްލުމެއް ދޭން މަސައްކަތްކުރެވޭނަމަ އެކަންވާނީ ހެދޭ ވަރަށް ބޮޑު ގޯހަކަށެވެ. ކުރިއަށް އެދެވެނީ ޝައިޠޯނާގެ މަގުންނެވެ.
އެގޮތަށް އެކަން ނުކޮށް ދެރަދިން މީހާއާއި ދުރުހެލިވާށެވެ! އެފަދަ ކަމެއް މެދުވެރިވުމަށް އިތުރު ފުރުޞަތުނުދޭށެވެ. އޭނާގެ މައްސަލަ ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލުކުރުމުން ދެއްވަވާ ޘަވާބު މާގިނަވާނެއެވެ. ލައްވަވާ ރަޙްމަތްވެސް މާބޮޑުވާނެއެވެ.
މީހަކަށް ނަފްރަތުކުރެވޭނަމަ އެމީހަކު ދެކެ އިންތިހާއަށް ރުޅިއާދެވެނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ ގެއްލުމެއް ދިނުމަށްފަހު އަދިވެސް އިތުރަށް ގެއްލުންދޭން ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ އެކަކަށް ގެއްލުމެއް ދިނުމަށްފަހު ހިތްނުފުރިގެން ވީހާގިނަބައަކަށް ގެއްލުންދޭން މަސައްކަތް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟
މިކަންކަން މިހިނގަނީ ޝައިޠޯނާ ބޭނުންވާ ގޮތަށެވެ. އާދަމްގެފާނަށް ސަޖިދަކުރަން ﷲ ތަޢާލާ އިބިލީހަށް އަމުރުފުޅު ކުރެއްވެވުމުން ނުކޮށް އޭތި އޭތީގެ ހިތުގައި ޙަސަދަލީ އާދަމްގެފާނަށެވެ. ދެން ޙައްވާގެފާނަށެވެ. ދެކަނބަލުން ނަރަކައަށް ވައްދުވަން ކުރި މަސައްކަތް ފޭލްވުމުން ދެން ޙަސަދަވީ އެދެކަނބަލުންގެ ދަރިފަސްކޮޅަށެވެ.
ޝައިޠޯނާގެ ހިތްފުރޭނީ ހަމައެކަކު ނަމަވެސް ސުވަރުގެ ނުވައްދަވައި އާދަމްގެފާނުގެ ދަރިފަސްކޮޅު އެކުގައި ނަރަކައަށް ވެއްދުވިއްޖެނަމައެވެ. ޝައިޠޯނާ ގަދައަޅައި މަސައްކަތްކުރަމުން އެގެންދަނީ އެކަމަށެވެ. އެހެންވެ އެނުބައި ސިފަ އިންސާނުންގެ ކިބައިގައިވެސް ހަރުލަނީއެވެ.
ވިސްނާށެވެ! ޝައިޠޯނާގެ ހިތުގައި މީސްތަކުންނަށް ހަސަދަލުމުން ވީގޮތް ތިމާއަށް ނުވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ޝައިޠޯނާގެ ނުބައިކަން އިންތިހާއަށް ބޮޑުވެގެން ދިއައީ ﷲ ތަޢާލާ އެއެއްޗަށް ލަޢްނަތް ލައްވަވައިފިކަން އެންގެވުމުންނެވެ. ނަރަކައިން މިންޖުނުވާނެކަމުގެ ޔަޤީންކަން ލިބުމުންނެވެ.
އަހުރެމެން ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާގެ ރަޙްމަތަށް އެދިއެދި ތިބިބައެކެވެ. ދުޢާކުރަމުން މިގެންދަނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅުންގެތެރޭގައި ނުލެއްވެވުން އެދިއެވެ. ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ވެއްދެވުން އެދިގެންނެވެ.
ވީމާ އަހުރެމެން މުސްލިމުން މަސައްކަތްކުރަންވާނީ އެއްވެސް މީހަކަށް އެއްވެސް ދެރައެއް ނުދިނުމަށެވެ. އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށެވެ. މީސްތަކުންނަށް ކުރިމަތިވާ ދަތިތަކާއި ތަކްލީފްތަކުން ސަލާމަތްކުރުމަށެވެ. އެހެން މީހުންނަށް އެހީތެރިވުމަށެވެ.
މިކަންކަމަކީ ސުވަރުގެ ވަނުމަށް ހޯދޭނެ ޓިކެޓްތަކެވެ. ސުވަރުގެ ވައްދަވަން މަގުފަހިވެގެންދާނެ ކަންކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން