ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާއިރަށް ރުޅިގަދަވެ ބުނަން ޙައްޤު ނޫން ބަސްތައް ބުނެވޭނަމަ އެކަން ވެގެންދަނީ ލޭއޮހޮރުވުމަށްވުރެވެސް ބޮޑަށް ތަދުވާކަމަށެވެ. އެއީ އެފަދަ ބަސްތައް ބުނީމާ ތަދުވަނީ ހިތަށް ކަމަށްވާތީއެވެ. ހިތަށްވާތަދަކީ އެންމެ ގަދަ ތަދުކަމަށްވުމުގެ އިތުރުން އެންމެ ގިނަ ދުވަހަށް ދެމިހުންނަ ތަދަކީވެސް ހިތަށްވާ ތަދެވެ.
ލޮބުވެތިއެކުވެރިންނޭވެ! ކިތަންމެ ބޮޑަށް ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވިޔަސް ނުވިސްނައި ދުލުން ބަސްތައް ބޭރުނުކުރާށެވެ! މިބުނެވެނީ ޙައްޤުބަހެއްކަން ޔަޤީންކުރުމަށްފަހުގައި ނޫނީ ބަސްތައް ނުބުނާށެވެ! އަދި ޙައްޤު ބަހެއް ބުނިނަމަވެސް ޙިކުމަތްތެރިކަމާއިއެކުގައި ނޫނީ ނުބުނާށެވެ!
ގިނަ މީހުންނަށް ކަންކުރެވޭގޮތަކީ ކިތަންމެ ކުޑަކުޑަ ކަމަކާއި ހުރެނަމަވެސް ހިތްހަމަނުޖެހިއްޖެނަމަ ހިތަށް އެރި ކޮންމެ އެއްޗެއްވެސް ބުނެވެނީއެވެ. ވިސްނައި ނުލައި ބަސްތައް ބުނަމުންގޮސް އިންތިހާއަށް ނުބައިބަސްތައް ބުނެވެނީއެވެ. އެގޮތަށް ބުނަމުންގޮސް އަނެކާއަށް ލަޢްނަތް ލެއްވެވުން އެދި ދުޢާވެސް އެބަކުރެއެވެ.
މިހުރީ ދީނުގައި އެއްވެސް މިންވަރަކަށް ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. ފާފަވެރިވާނެ ކަންކަމެވެ. އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާނެ ކަންކަމެވެ.
ކުރިން މިބުނި ގޮތަށް ނުބައިބަސްތައް ބުނާ މީހުންނަށް އެމީހުންގެ މުޅި ޢުމުރުގައިވެސް އުފާވެރިކަމެއް ނުލިބި ތިބެންޖެހޭ ސަބަބަކީ އެމީހުން ބުނެއުޅޭ ނުބައި ބަސްތަކުގެ ސަބަބުން އެމީހުންނަށް ޙައްޤުވާ ކޯފާއެވެ. އެހާލަތުގައި ދެރަވެ ހިތާމަކުރިޔަސް ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. ޖެހޭނީ ދުނިޔޭގެ ޙަޔާތުގައިވެސް މުޅި ޢުމުރަށް ހިތާމަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން