ފުރަތަމަ ކަމަކީ ކުރިމަތިވާ ކަންކަން މައްސަލައަކަށްވާނީ މައްސަލައަކަށް ހެދުމުން ކަމެވެ. ވިސްނުންތެރިންނަކީ މައްސަލައަކަށް ނުހަދައި ނުވަތަ މައްސަލައަކަށްވުމުގެ ކުރިން ކަންކަން ޙައްލުކުރާ މީހުންނެވެ.
ދިރިއުޅުމުގައި މައްސަލަތަކާއި ކުރިމަތިލާންޖެހޭ 2 ސަބަބެއް އޮވެއެވެ. އެއްސަބަބަކީ ތިމާގެ އަތުން ހެދޭ ގޯސްތަކެވެ. އަނެއް ސަބަބަކީ ތިބާ ކުރިކަމަކާއި ނުލައި ކުރިމަތިވާ މައްސަލަތަކެވެ.
އެމީހަކަށް ކުރެވޭ ނުވަތަ ކުރެވުނު ކަމަކާއި ގުޅިގެން ކުރިމަތިވާ މައްސަލަތައް ޙައްލުކުރެވޭނީ އެމީހަކަށް ކަމުގައި ބެލިދާނެއެވެ. ސަބަބަކީ އެކަމަށް އޮންނާނެ ޙައްލަކީ އެމީހަކު އެކަމެއް ނުކުރުމެވެ. ނުވަތަ ކުރުން ހުއްޓައިލުމެވެ.
ނަމަވެސް އެމީހަކު ކުރި ކަމަކާއި ނުލައި ކުރިމަތިވާ މައްސަލަތަކުން ސަލާމަތްވާން އަމިއްލައަށް ކުރެވިދާނެ ކަންކަން ވަރަށް މަދުވާނެއެވެ. ނެތިވެސް ހިނގައިދާނެއެވެ.
ބައެއް މީހުންނަށް މައްސަލަތައް ކުރިމަތިވާން ފެށުމުން ދިރިއުޅުން އެހެން ތަނަކަށް އެބަ ބަދަލުކުރެއެވެ. ކައިވެނިވެސް އެބަ ރޫޅައިލައެވެ. އެހެން ކަންކަންވެސް އެބަކުރެއެވެ.
އަހުރެން ކުރަން އޮތް ސުވާލަކީ ތިބާ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިނަމަވެސް މައްސަލަތަކާއި ކުރިމަތިލާންޖެހުމުން ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ މައްސަލަތައް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާއެވެ. ނޯތުޕޯލުގައި ހުރިނަމަވެސް ސައުތުޕޯލުގައި ހުރިނަމަވެސް މައްސަލަތައް ކުރިމަތިނުކުރެއްވެވޭނީ ހެއްޔެވެ؟
ހުރިހާ ބިލިއަނަރުން ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެންނާއި ނިކަން ސުވާލުކޮށްބަލާށެވެ! ކޮންމެވެސް މައްސަލައެއް ކުރިމަތިވެފައި ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅުނަސް، ކޮންމެ ފެންވަރެއްގައި އުޅުނަސް އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންކަން އެބައެނގެއެވެ.
އަހުރެމެންނަށް ކުރެވޭނީ އެންމެ ކަމެކެވެ. އެއީ ކުރިމަތިވާ މައްސަލަތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމެވެ. އުފަލާއި ހިތްހަމަޖެހުން ދެއްވެވުން އެދިގެން ދުޢާކުރުމެވެ. ދުޢާކުރުމަށްޓަކައި ކުރަންޖެހޭ ފުރަތަމަކމަކަށްވެސް އޮތީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަމުން އެނގިގެންދަނީ ކުރިމަތިވާ ހުރިހާ މައްސަލަތަކެއްގެވެސް ތަޅުދަނޑިއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުންކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން