ތިބާ ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިނަމަވެސް ބައިވެރިޔާ ރުޅި ނުއަންނަނަމް ތިބާ އިޞްލާޙްކުރާނީ ކާކުހެއްޔެވެ؟ ތިބާ ކޮންމެ ކަމެއް ކުރިޔަސް ބައިވެރިޔާ ރުޅިނައިސް ހިނިތުންވެގެން ހުންނަނަމަ ތިބާއަށް އަބަދުވެސް ހުންނަން ޖެހޭނީ ޝައިޠޯނާގެ ކަސްތޮޅުގައެވެ. އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސްމެއެވެ.
ބައިވެރިޔާ ރުޅިއަތުވެދާނެތީ ގޯސްކޮށް ކަންކަން ނުކުރެވޭނަމަ އެއީ ދަށުވުމެއް ނޫނެވެ! އެކަމުން ތިބާއަށް ފައިދާކުރާނެތީއެވެ. ދިރިއުޅުމުގައި ބަލަންވީ ދަށުވުމަކަށް ނޫނީ މަތިވުމަކަށް ނޫނެވެ. އުފާވެރި ދިރިއުޅަމަކަށެވެ.
ބައެއް މީހުން ރުޅިއާއިމެދު ދެކެނީ އެއީ އިންސާނުންގެ ދުޝްމިނެއް ކަމަށެވެ. ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ދިރިއުޅުން ކާމިޔާބުކުރަން މަސައްކަތްކުރާއިރު ރުޅި މުހިންމު ދައުރެއް އަދާކުރެއެވެ. މައްސަލައަކަށް ވަނީ ރުޅި އައުމުން ޢަމަލުކުރެވޭ ގޮތެވެ.
ރުޅި އަންނަން ޖެހޭ ޙާލަތުގައި ރުޅި ނައުމަކީވެސް މައްސަލައެކެވެ. ރުޅި އަންނަންޖެހޭ ޙާލަތުގައި ރުޅި ނުއަންނަނަމަ ދިރިއުޅުން އެމީހާގެ ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެއެވެ. އެމީހަކު ދެކެ އެއްވެސް މީހަކު ޖެހިލުމެއް ނުވާނެއެވެ.
ޙަދީޘްފުޅަށް ބަލާށެވެ! އޮތީ ރުޅި ނައުމެއް ނޫނެވެ. ރުޅި އަންނަހިނދު ރުޅި ކޮންޓްރޯލްކުރުމެވެ. ސަބަބަކީ ކޮންމެ މީހަކުވެސް ކޮންމެވެސް މިންވަރަކަށް ރުޅިއަންނާނެތީއެވެ. ރުޅިއަކީ އިންސާނާގެ ކިބައިގައި ﷲ ތަޢާލާ ލައްވަޥާފައިވާ އެއްޗެކެވެ. އެކި މީހުންގެ ގައިގައި އެކި މިންވަރަށެވެ.
ރުޅި އައުމުން ކޮންޓްރޯލުން ނެއްޓިގެން ދިއަނުދޭށެވެ. އެއިރުން އެދެވެނީ ޝައިޠޯނާ ބޭނުންވާ ދިމާއަށެވެ. ރުޅި އަތުވެއްޖެނަމަ ބުއްދި އިސްކުރާށެވެ. ރުޅިއަންނަން ޖެހުނު ސަބަބާއިމެދު ރަނގަޅަށް ވިސްނާށެވެ. އެކަމެއް ޙައްލުކުރަން ކުރެވިދާނެ ކަންކަމާއިމެދު ވިސްނާށެވެ. އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅާށެވެ.
ރުޅި އަންނަހިނދު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ދުލަށެވެ. ދުލުން ނުބައި ބަސްތައް ނުބުނުމަށެވެ. އެއަށްފަހު އަތުން ނުބައިކަމެއް ނުކުރުމަށެވެ. ރުޅި އައުމުން އަތުން ކުރެވޭ ނުބައި ކަންކަމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އެހެން މީހުންނަށް އަނިޔާކުރުމެއް ނޫނެވެ. ތިމާގެ އަމިއްލަ ނަފްސަށާއި ތިމާގެ މުދަލަށް ގެއްލުން ދިނުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
މިޘާލަކަށް ބައެއް މީހުންނަށް ރުޅި ކޮންޓްރޯލްނުކުރެވިގެންގޮސް އޭނާ އެތައް މަސައްކަތަކުން ހޯދާފައި ހުންނަ އަގު ބޮޑު އެއްޗެތި އެބަ ހަލާކުކުރެއެވެ. އެއިރުން ތިމާއަށް ގެއްލުން އެދެވެނީ ޚުދު ތިމާއަށް ނޫންހެއްޔެވެ؟
ރުޅިއާއިމެދު މިކަންކަން ދެނެގަންނާށެވެ! ރުޅި ކުށްވެރިނުކުރާށެވެ! ރުޅި އަންނަ ހިނދު މިބަޔާންކުރި ކުޑަކުޑަމިންވަރަށް ވިސްނައިގެން ޢަމަލުކުރިޔަސް އެމީހަކު ހުންނާނީ ރުޅިއަށްވުރެ މަތީގައި ރުޅި ކޮންޓްރޯލްކުރެވިގެންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން