އެންމެ ކާމިޔާބު، އެންމެ އުފަލުގަ ހުރެވޭ އަނަހެނަކަށް ވެވެން އޮތް ހަމައެކަނި ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
އެންމެ ކާމިޔާބު، އެންމެ އުފަލުގަ ހުރެވޭ އަނަހެނަކަށް ވެވެން އޮތް ހަމައެކަނި ގޮތް-

ފުރަތަމަ ބަލައިލަންވީ ކާމިޔާބީގެ މާނައަށެވެ. ކާމިޔާބީއަކީ ފައިސާގެ ތަނަވަސްކަމެއް ނޫނެވެ. ހިތުގެ ތަނަވަސްކަމެވެ. ހިތުގެ ތަނަވަސްކަން އިތުރުވާނީ އެހިތެއްގައި ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބި ބޮޑުވީ ވަރަކުންނެވެ. ޢަމަލުތަކުން އެކަން ދައްކައިގެންނެވެ. ވީމާ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ! 

ފިރިހެނުން އަންހެނުންނާއިމެދު ދައްކާ ބައެއް ވާހަކަތަކަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. މިޘާލަކަށް ގިނަ ފިރިހެނުން ބުނާނީ އެމީހުން ބޭނުންވަނީ މޭކަޕް ނުކުރާ އަންހެނުން ކަމަށެވެ. އަޢުރަ ނިވާކޮށްގެން ރިވެތި ދިރިއުޅުމެއް އުޅޭ އަޚްލާޤް ރަނގަޅު އަންހެނުން ކަމަށެވެ. 

ދެންބަލައިލަންވީ އެމީހުން ޢަމަލުކުރާ ގޮތަށެވެ. މިޘާލަކަށް މޭކަޕް ނުކުރާ، އަޢުރަ ނިވާކޮށްގެން ރިވެތި ދިރިއުޅުމުމެއް އުޅޭ، އަޚަލާޤް ރަނގަޅު އަންބަކު ލިބިފައިވަނިކޮށް އޭނާ ދޫކޮށްލާފައި އެސިފަތަކާއި ދިމާ އިދިކޮޅު ސިފަތައް ހުންނަ އަންހެނުންނާއި ގުޅެނީ ކިތައް ފިރިހެނުންހެއްޔެވެ؟ 

މިއީ ކޮންމެ އަންހެނަކުވެސް ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެކެވެ. ތިމާ ތަޤްވާވެރިވެ، ދީނުގައިވާ މަގުން ފޭރާންލައި، އަޚްލާޤް ރަނގަޅު އަންހެނަކަށްވެ ރިވެތި ދިރިއުޅުމެއް އުޅެން މަސައްކަތްކުރަންވީ ފިރިމީހާ ނުވަތަ ލޯބިވެރިޔާއަށްޓަކައެއް ނޫނެވެ. އޭނާ ރުއްސުމަކަށް ނޫނެވެ. 

އެކަންކަން ކުރަންވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެ ސުވަރުގެ ވަނުމުގެ އުންމީދުގައެވެ. ފިރިމީހާ ނުވަތަ ލޯބިވެރިޔާ ތިމާ ބާކީކޮށްލައިފިނަމަ މާޔޫސްވެވި ދިރިއުޅުން މަތިން ފޫހިވަނީ މިބުނި ގޮތަށް ނުވިސްނޭތީއެވެ. ތިމާ ކުރާ ކޮންމެ ކަމެއް މިކުރަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންކަން ހިތުގައި ޔަޤީންނުކުރެވޭތީއެވެ. 

ދުނިޔޭގެ ދިރިއުޅުމުގައި ކޮންމެ މީހަކު ތިމާއާއި ވަކިވިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާ މީހަކަށް ދެރައެއް ދެވޭނީ ކާކަށް ހެއްޔެވެ؟ އެފަދަ މީހަކަށް ދެވޭނީ ކޮން ދެރައެއް ހެއްޔެވެ؟ 

އަންހެނަކަށްވީނަމަވެސް ފިރިހެނަކަށްވީނަމަވެސް މިބުނެދިން ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! އެކަމެއްކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުގެ ބޭނުމުގައެވެ. އެއްވެސް މީހަކު ރުއްސުމުގެ ބޭނުމަކު ނޫނެވެ. ދެދުނިޔޭގައިވެސް ކާމިޔާބު ލިބުން އޮތީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަަފތުގެ ދަރުސަކުން

މިއަދު އޮންލައިން