ތިމާއަށް ހުރިހާ ކަމެއް ކޮށްދިން މައިންފައިން މުސްކުޅިވާ ދުވަހު މައިންބަފައިންނާއިމެދު މިގޮތަށް ކަންތައްކުރާ ދަރިންނަށް ޤިޔާމަތް ދުވަހު ސަލާމަތްވެވޭނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 40ސ
ތިމާއަށް ހުރިހާ ކަމެއް ކޮށްދިން މައިންފައިން މުސްކުޅިވާ ދުވަހު މައިންބަފައިންނާއިމެދު މިގޮތަށް ކަންތައްކުރާ ދަރިންނަށް ޤިޔާމަތް ދުވަހު ސަލާމަތްވެވޭނީ ކިހިނަކުންތަ؟

އަޅުގަނޑުމެން ދެމަފިރިންގެ 5 ދަރިން އެބަތިއްބެވެ. ކުޑަޔަސް އަމިއްލަ ގެއެއްވެސް މާލޭގައި އެބަހުއްޓެވެ. މުސްކުޅިވެ 65 އަހަރުވެފައިވާތީ ހޮސްޕިޓަލަށް ދިއައިމަ ކިޔޫގަވެސް ނުޖެހި ޚިދުމަތް ލިބެއެވެ. ނުގަނެ ބޭސްވެސް ލިބެއެވެ. އެކަމަކު ގޮވައިގެން ގޮސްލަދޭނެ ވަޤުތުކޮޅެއްވާ ދަރިއަކު ހުންނަކަމަކަށް ނުވެއެވެ.

5 ކުދިންނަށް އެތިބީ ޑިގްރީ ފެންވަރަށް ކިޔަވައިދީފައެވެ. އަތުން ޚަރަދުވެސް ކޮށްގެންނެވެ. ބުރަވެސް އުފުލައިގެންނެވެ. 5 ކުދިންވެސް ތިބީ ރަނގަޅު ވަޒިފާތަކުގައެވެ. އެކަމަކު އެމީހުންނާއި ﷲ ތަޢާލާ ޙަވާލުކުރެއްވެވި ވަޒީފާ އަދާކުރުމުގައި ޢަމަލުކުރާ ގޮތަކީ މިއެވެ.

ޝަކުވާކުރާކަށް ނޫނެވެ. ބޭނުންވަނީ މައިންބަފައިން މުސްކުޅިވެ ބަލިކަށިވާ ދުވަހު ދަރިން މިގޮތަށް ކުރީމާ ހިތަށް ކުރާ އަސަރުގެ ވާހަކަ ބުނެލާށެވެ! އެއްވެސް ދަރިއަކަށް ހިތްބުރަކަމެއްވެސް ނެތެވެ. ނަމަވެސް ހިތް އޮންނަންޏާ އަސަރުކުރާނެތާއެވެ. އެެހންވެ ޙިއްޞާކޮށްލެވުނީއެވެ.

މިއީ މިއަދުނޫހުގެ ކިޔުންތެރިއެއްގެ ބަސްކޮޅެކެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އަތުގައި ފައިސާ ނެތިއްޔާ ބޮޑެތި ޚަރަދުތައް ނުކުރެވުނަސް މައިންބަފައިންނަށް އަޅާލައި އެހީތެރިނުވެވޭނަމަ އެމީހަކު އެދަނީ ފާފަވެރިވަމުންނެވެ.

އުންމީދުކުރަނީ މިފަދަ ދަރިންނަށް ތިރީގައިވާ ލިޔުމުން ރަނގަޅު ފައިދާއެއް ކުރާނެ ކަމަށެވެ.

މުސްކުޅިވާ ދުވަހު މައިންބަފައިންނަށް އެހީތެރިނުވުމާއި އަޅައިނުލުމުގެ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. އެކަމަށް ޝަކުވާކުރާ މުސްކުޅިން އަންނަނީ ގިނަވަމުންނެވެ. އެހެންވެ މިރޭ ވާހަކަ ދައްކަން ޤަޞްދުކުރަނީ މުސްކުޅިވާ ދުވަހު މައިންބަފައިން ބަލަހައްޓައި އެހީތެރިވެގެން ސުވަރުގެ ހޯދުމާއިބެހޭގޮތުންނެވެ. މިރޭ ވެސް ފުރަތަމަ މިކިޔައިދެނީ އަހަރެންފަދަ އެހެން ޢިލްމުވެރިއަކަށް ކުރަންޖެހުނު ވަރަށް ހިތި ތަޖުރިބާއެއްގެ ވާހަކައިންނެވެ. މިކިޔައިދެނީ ޝައިޚް، ޝައިޚްގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތަށެވެ.

ރަނގަޅަށް ވިސްނައިގެން ތިބެ އަޑުއަހާށެވެ!

މުސްކުޅިން ތިބޭ ހޮސްޕިޓަލަކަށް އެއް ދުވަހަކު ޒިޔާރަތްކުރީމެވެ. އަހަރެން ހިނގާ އަޑު އިވިގެން ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކު ގޮވައިލިއެވެ. ކައިރިއަށް ދިއުމުން ވަރަށް އޯގާތެރިކަމާއިއެކު ސަލާމްކޮށްފައި ބުންޏެވެ.

"ދަރިފުޅާއެވެ! ބޭބެ އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުންނަތާ 3 ދުވަސް ވެއްޖެއެވެ. ދަރިފުޅު އަތުގައި ލާރިއެއް އޮތިއްޔާ ކޮންމެވެސް ކާ އެއްޗެއް ގަނެދީފާނަން ހެއްޔެވެ؟"

އަހަރެންގެ ޖަވާބު ހުސްވިއެވެ. އެއީ އަތުގައި ފައިސާ ނެތިގެނެއް ނޫނެވެ. 90 އަހަރުގެ ލޯފަން އެ މުސްކުޅިޔާގެ ޙާލާއިމެދު ކަންބޮޑުވީވަރުންނެވެ. އަވަސް އަވަހަށް ތިރިއަށް ގޮސް ފިހާރައިން ޕާނާއި ޖޫހާއި އެނޫންވެސް އޭނާއަށް ކެވޭނެހެން ހީވާހައި ތަކެތި ގަނެގެން ގޮސް ދިނީމެވެ. އަދި އަހަރެންގެ އަތުން އެނާއަށް ކާން ދިނީމެވެ. އެއަށްފަހު ވަރަށް ބޮޑަށް މާފަށް އެދުމާއިއެކު ބޭބެގެ އެއްވެސް ދަރިއަކުވެސް ނުހުންނަނީތޯ އާއި ތިބޭނަމަ އެމީހުން ހޮސްޕިޓަލަށް ނާންނަނީތޯ ސުވާލުކޮށްލީމެވެ.

ސުވާލާއިއެކު އޭނާ ފެށީ ރޯށެވެ! "ދަރިފުޅާއެވެ. ބޭބެގެ 10 ދަރިން ތިބެއެވެ. އެއްވެސް ދަރިއަކު އަޅައެއް ނުލައެވެ. މިތަނަށް ގެނައީވެސް އޮޅުވާލައިގެންނެވެ. ދަރިއެއްގެ ގެއަށް ގެންދަނީ ކަމަށް ބުނެ އެވެ. މިތަނަށް އަހަރެން ދޫކޮށްލާފައި ދިއަ ގޮތަށް އެއްވެސް ކުއްޖަކު އަހަރެންގެ ޚަބަރު ބަލައިވެސް ނުލައެވެ. މި އޮވެވެނީ ހޮސްޕިޓަލެއްގައިކަން އެނގުނީވެސް އެއް ދުވަސްވީފަހުންނެވެ.

ބޭބެއަށް ކާނެ އެތިކޮޅު ލިބެނީ ތިއަ ގޮތަށް ހޮސްޕިޓަލަށް އަންނަ ކުދިންނަށް ސަލާމް ޖަހައިގެންނެވެ. އަހަރެން އެންމެ ބޮޑަށް ހިތާމަކުރަނީ އަހަރެންގެ ދަރިން ތިބީތީއެވެ. ނެތްނަމަ އެކަމަށް ވިސްނާކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟"

އޭނާގެ ވާހަކަ ނިމުމުން އެކަމާއި ކަންބޮޑުނުވެ ދަރިންނަށްޓަކައި ހެޔޮ ދުޢާކުރަން ބުނުމުން އޭނާގެ ވާހަކަ ހުރީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. "އަހަރެން އިންތިޒާރުކުރަނީ މަރުވާނެ ދުވަހަކަށެވެ. ކެތްމަދުވެފައި މިހުންނަނީ ޤިޔާމަތްވާނެ ވަގުތަކަށެވެ. އަހަރެންނަށް ކުރެވެން ހުރި ހުރިހާ ދައުވާއެއް އެދުވަހުން ކުރާނަމެވެ."

ބޭބެއަށް ވަރަށް ހިތްވަރުދީފައި އަހަރެން ދިއައީ އޭނާއަށްޓަކައި ހެޔޮ ދުޢާކުރަމުންނެވެ. އޭނާ ފަދައިން އޭނާއަށްޓަކައި ރޮއި ހިތާމަކުރަމުންނެވެ. ކަރުނައަޅަމުންނެވެ. ރަށުން ބޭރަށް ދާން ޖެހުމުން ހޮސްޕިޓަލަށް ދެން ދެވުނީ އެއިގެ މަސް ދުވަސް ފަހުންނެވެ. އޭނާ އޮތްތަނުގައި އޭނާ ނެތިގެން ސުވާލުކުރުމުން ބުނީ ނިޔާވެއްޖެ ކަމަށެވެ. ނިޔާވުމުން ދަރިން އައިތޯ ސުވާލުކުރުމުން ބުނީ އެތައް ފަހަރަކު ގުޅުމުންވެސް އެއްވެސް ދަރިއަކު ނުއަންނާތީ ހަށިގަނޑު އަދިވެސް މޯޗަރީގައި އެބަ އޮތް ކަމަށެވެ.

މީސްތަކުންނޭވެ! މައިންބަފައިންނާއިމެދު މިގޮތަށް ކަންތައް ކޮށްފައި ސުވަރުގެ ވަދެވޭނެ ކަމަށް އުންމީދުކުރަނީ ހެއްޔެވެ؟ ވިސްނަން ޖެހޭ ކަމަކީ މިއީއެވެ. މައިން ބަފައިންގެ ޙައްޤަކީ ހާދަބޮޑު ޙައްޤެކެވެ. އެ ޙައްޤު އަދާނުކޮށް ޤިޔާމަތް ދުވަހު ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން