ޝައްކުގެ މައްޗަށް ބުރަވެ ޒިނޭކުރިކަމަށް ބުނަން ހެޔޮނުވާނެ! އެކަންވާނީ ކުރެވޭ ވަރަށް ބޮޑު ފާފައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޝައްކުގެ މައްޗަށް ބުރަވެ ޒިނޭކުރިކަމަށް ބުނަން ހެޔޮނުވާނެ! އެކަންވާނީ ކުރެވޭ ވަރަށް ބޮޑު ފާފައަކަށް!

މިހާރަކަށް އައިސް މީސްމީހުންގެ ބޮލުގައި ކަންކަން އަޅުވާލަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ. އެގޮތުން އަންހެނަކު ފިރިހެނަކާ ވާހަކަ ދައްކަން ހުރިތަން ފެނުމުން ނުވަތަ ފޯނުގައި އޮންނަ މެސެޖެއް ފެނުމުން ޒިނޭގެ ތުހުމަތު އެބަ އަޅުވައެވެ. ރެސްޓޯރަންޓެއް ފަދަ ތަނެއްގައި ކާން އެކުގައި ތިއްބައި ފެނުމުންވެސް އެނުބައި ތުހުމަތު އެބަކުރެއެވެ.

އަހުރެން އެއްގޮތަކަށް ހިލޭ ދެމީހުން އެކަހެރިކޮށް ބައްދަލުކުރުން ހުއްދަކުރަނީއެއް ނޫނެވެ. ނަމަވެސް މިބުނަނީ ރެސްޓޯރަންޓެއް ފަދަ ތަނަކުން ފެނުނަސް ޒިނޭކުރާ ކަމުގެ ތުހުމަތު ނުއެޅުވުމަށެވެ.

އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ އެންމެ ބޮޑެތި 7 ފާފަ ޙަދީޘްފުޅު ކުރެއްވެވިއިރު އެއިގެ ތެރޭގައި ޙަދީޘްފުޅު ކުރައްވަވާފައިވާ އެއް ފާފައަކީ ސާބިތު ނުހިފޭ ގޮތުގައި އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ.

އެފަދަ ޚަބަރެއް ފެތުރުމުގައި އިސްކޮށް ހުރި މީހަކަށް ދެއްވަވާ ޢަޛާބު ވަރަށް ބޮޑުވާނެއެވެ. ހަމައެއާއިއެކު އެ ޚަބަރު ފެތުރުމުގައި އެމީހަކު ބައިވެރިވި ވަރަކުން އެމީހަކަށްވެސް ގަދަފަދަ ޢަޛާބް ދެއްވަވާނެތެވެ.

އެކަމުގެ ދަލީލަކީ މިއުންމަތުގެ މައިކަނބަލުން، ޢައިޝަތުގެފާނުގެ އިސްތަށިފުޅުގައި އެފަދަ ދޮގު އިލްޒާމެއް އެޅުވުމުން ވަޙީކުރައްވަވާފައިވާ އާޔަތްތަކެވެ. ވީމާ ވިސްނާށެވެ. ދެމީހެއްގެ މެދުގައި ގުޅުމެއް އޮތުމާއި ވާހަކަ ދެއްކުމާއި އަދި މެސެޖެއް ކުރުމަކީ އެމީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިގެންވާނެ ސަބަބެއް ނޫނެވެ. ޒިނޭގެ ތުހުމަތު އަޅުވަންޖެހޭނީ އިސްލާމް ދީނުގައި އޮތް މިންގަނޑުން އެކަންކުރިކަން ސާބިތުވުމުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން