ދުޢާ ޢިޖާބަކުރެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. އެކަމަށް އަހުރެމެންނަށް ވާހަކަވެސް ނުދެއްކޭނެއެވެ. ނަމަވެސް ވިސްނައިލަންޖެހޭނެ ބައެއް ކަންކަން އެބަހުއްޓެވެ.
އެއްވެސް މުސްލިމަކީ އޭނާގެ އަނބިދަރިންނަށް، މައިންބަފައިންނަށް، އަޚުންނަށް ނުވަތަ އުޚުތުންނަށް، ނުވަތަ އެއްވެސް މީހަކަށް އަޑުގަދަކޮށް ނުބައިބަސްތައް ބުނެގެންވާނެ މީހަކު ނޫނެވެ. އެއީ މުސްލިމުންނަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ އެއްކަންތަކެވެ.
އެހެންކަމާއިއެކުގައިވެސް ތިބާ އެކަން އެބަކުރެއެވެ. މީސްތަކުންނަށް އަޑުގަދަކޮށް ނުބައިބަސްތައް އެބަ ބުނެއެވެ. އެކަން އެގޮތަށް ކުރުމަށްފަހު ތިބާއަށް ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަނީ ހަމަ އެދުލާ އެއަޑުންނެވެ. ޤުރްއާން ކިޔަވައި ޛިކުރުކުރަނީވެސް ހަމަ އެދުލާ ހަމައެއަޑުންނެވެ. ނިކަން ބުނެބަލާށެވެ! ތިބާ ކުރާ ހެޔޮ ޢަމަލުތަކާއި ދުޢާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ހެއްޔެވެ؟
ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުން ޤަބޫލުފުޅު ނުކުރައްވަވާނެކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް މިހުރީ ވިސްނައިލަންޖެހިފައިވާ ކަންކަމެވެ. އަހުރެން ބުނާނީ ފުރަތަމަ ކަމަކަށް ތިބާގެ އަޑު ޠޯހިރުކުރާށެވެ! ބަސްމަގު ރިވެތިކުރާށެވެ! ކުރާ އަޅުކަމާއި ދުޢާ ޢިޖާބަކުރެއްވެވުން އެދެންވާނީ އެއިގެ ފަހަތުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން