އެންމެ ހިތްވަރުގަދަ މީހަކަށްވެވޭނީ އަމިއްލަ މަސައްކަތުން ދީން އުނގެނި ދީނަށް ޚިދުމަތް ކުރާމީހަކަށްވީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އެންމެ ހިތްވަރުގަދަ މީހަކަށްވެވޭނީ އަމިއްލަ މަސައްކަތުން ދީން އުނގެނި ދީނަށް ޚިދުމަތް ކުރާމީހަކަށްވީމަ!

އެންމެ ހިތްވަރުގަދަ މީހަކަށްވެވޭނީ އަމިއްލަ މަސައްކަތުން ދީން އުނގެނި ދީނަށް ޚިދުމަތްކުރާ މީހަކަށްވީމައެވެ. އަމިއްލަ މަސައްކަތުން ކަމަށް މިބުނަނީ ދީން އުނގެނުމުގެ މުހިންމުކަން ތިމާއަށް ވިސްނިގެން ތިމާ އެކަމަށް ޝައުޤުވެރިވެގެން ކިޔެވުމަށެވެ. އެންމެ ހިތްވަރުގަދަ މީހުންނަކީ މިބުނިފަދައިން އަމިއްލައަށް ކިޔަވައިގެން ދީނަށް ޚިދުމަތްކުރާ މީހުންނެވެ.  

ތިމާ ބޮޑުވެ ތަޝައްރަފް ފުދި އަމިއްލައަށް ދިރިއުޅެން ފެށުމަށްފަހު ދީނުގެ ކަންކަން އުނގެނި ދަސްކުރުމަކީ އެމީހެއްގެ ކަމެކެވެ. މައިންބަފައިން ތިމާއަށް އުނގަންނައި ނުދިނުން ކުށްވެރި ކުރުމަކީ ޙއްލެއް ނޫނެވެ.  

ﷲ ތަޢާލާ އިސްލާމް ދީން ބާވައިލައްވަވާފައިވަނީ ހަމައެކަނި ދީނުގެ ކަންކަން އެނގޭ މީހުންނަކަށް ނޫނެވެ. އަދި މުސްލިމް މައިންބަފައިންނަށް ލިބޭ ދަރިންނަށް އެކަންޏެއް ނޫނެވެ. ދުނިޔޭގައިވާ އެންމެހައި މީސްތަކުންނަށެވެ. ހުރިހާ އެންމެންނަށެވެ.  

ވިސްނާށެވެ! މީސްތަކުން ބެހިގެން ދަނީ ދެބައަކަށެވެ. އެއީ ﷲ ތަޢާލާއަށް އީމާންވީ މީހުންނާއި އީމާން ނުވާ މީހުންނެވެ. ކާފިރުންގެ ބަނޑުން އުފަންވާ މީހުންނާއި މުސްލިމް މައިންގެ ބަނޑުން އުފަންވާ މީހުންނަކަށް ނޫނެވެ. ﷲ ތަޢާލާ ބުއްދި ދެއްވަވާފައި ވަނީ އެކަންކަމަށް ވިސްނުމަށެވެ. ވިސްނުމާއި ނުވިސްނުމަކީ އެމީހެއްގެ އަމިއްލަ ކަމެކެވެ. 

އިސްލާމް ދީން މަތިވެރިކޮށް ދީނަށް ނަޞްރު ދިނުމުގައި ޙަރަކާތްތެރިވެލައްވަމުން ގެންދަވާ ޢިލްމުވެރިންނަށް ބެލިނަމަވެސް ލިސްޓުގެ އެންމެ ކުރިން ފެނިގެންދާ ނަންތަކުގެ ތެރޭގައި އަމިއްލައަށް ވިސްނިގެން އިސްލާމްވި އެތައް ބައެއްގެ ނަންތައް ހިމެނިގެންވާތަން ފެންނާނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންނަށް އޮތީ ދިރިހުރިހާ ދުވަހަކު ދީނުގެ ކަންކަން އުގެނެން މަސައްކަތްކުރުމެވެ. މައުލޫމާތު ހޯދައި ސިކުނޑިއަށް ޖަމާކުރުމެވެ. ލިބޭ ހުސްވަޤުތުތަކުގައި ދަރުސްތައް އަޑުއަހާށެވެ! ފޮތްތައް ކިޔާށެވެ. މީސްމީހުންގެ ގާތުން އަހައި އޮޅުންފިލުވާށެވެ. އެއީ ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. އެއީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވެން އޮތް މަގެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން