މަންމަ ނުވަތަ ބައްޕަ އެކަނި ލޯބި ދީގެން ބަލައިބޮޑުކުރީމާ ކުދިންގެ ވިސްނުމަށް ކުރާ ނޭދެވޭ އަސަރާއިމެދު ވިސްނައިލެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
މަންމަ ނުވަތަ ބައްޕަ އެކަނި ލޯބި ދީގެން ބަލައިބޮޑުކުރީމާ ކުދިންގެ ވިސްނުމަށް ކުރާ ނޭދެވޭ އަސަރާއިމެދު ވިސްނައިލެވޭތަ؟

ތަންކޮޅެއް ކުރިން އަނެކާ ދެރަކޮށްލަން ބޭނުންވީމާ ބުނެއުޅޭ ބަހެއް އޮވެއެވެ. "ކަލެއަކަށް ނުވިސްނޭނެ! އަޅައިގަތީމާ ވެއްޓެން އެކަނި އެނގޭނީ!" މިބަސް މިގޮތަށް ބުނެއުޅުނީ އަނެކާއަކީ ކަންކަން ކުރިއަށް ވިސްނުމުގެ ޤާބިލުކަން ނެތް މީހަކު ކަމަށް ބުނުމަށެވެ.  

މިއަދު މިބަސް ބުނަން ޙައްޤު ބެލެނިވެރިން ވަރަށް ގިނައެވެ. މިބަނީ ދަރިން އެކަނިވެރިކުރުވާ ބެލެނިވެރިންގެ ވާހަކައެވެ. މަންމަ ނުވަތަ ބައްޕައަށް އެކަނި ދަރިން ބަލަންޖައްސުވާ ބެލެނިވެރިންގެ ވާހަކައެވެ. އެކަމުގެ ސަބަބުން ދަރިންނަށް ލިބޭ ދެރައިގެ ބޮޑުކަން އިޙްޞާޞް މިކުރެވެނީ މާފަހުންނެވެ. ދަރިންބޮޑެތިވެ އެތައް ކައިވެންޏެއް ކުރަން ފެށުމުންނެވެ.  

ދަރިންނަށް ބަލައިފިނަމަ ކޮންމެ ކުއްޖަކުވެސް ބޭނުންވާނީ އެކުއްޖެއްގެ މަންމަ އާއި ަބއްޕަގެ ޅޯތްބެވެ. އެތަނުން ވަކިމީހެއްގެ ލޯތްބެއް ނޫނެވެ. ދެމީހުންގެ ލޯތްބެވެ. އަދި ގިނަކުދިން ބޭނުންވާނީ މަންމަ އާއި ބައްޕަގެ ލޯބި އެކުގައި ލިބެމުންދިއުމެވެ. މާނައަކީ ދެމީހުންގެ ލޯބި އެކުގައި އެއްވަޤުތެއްގައި ލިބުމަށްވެސް ގިނަކުދިން ބޭނުންވާނެއެވެ.

އެހެނަސް މިއުފަލުން މިހާރުގެ ގިނަދަރިން ވަނީ މަޙްރޫމްވެފައެވެ. ތަފާތު ސަބަބުތައް މެދުވެރިވެގެންނެވެ. ދެމަފިރިން އެކުގައި ދިރިއުޅުނު ނަމަވެސް ދެމީހުން އެކުގައި ޣޭގައި ހޭދަކުރާ ވަޤުތު މަދުވުން އެއީވެސް އެއް ސަބަބެވެ. ދެން އެންމެ ބޮޑަށް ކުރިމަތިވާ ސަބަބަކީ ދެމަފިރިން ވަކިވެ ދެތަނުގައި ދިރިއުޅުމެވެ.  

މިދެޙާލަތުގައިވެސް މަންމައާއި ބައްޕަގެ ލޯބިން ދަރިން މަޙްރޫމްވެއެވެ. ޚާއްޞަކޮށް މަންމަޢާއި ބައްޕަގެ ލޯބި އެކުގައި ލިބުމުން މަޙްރޫމްވެގެންދެއެވެ. މިއީ ދަރިންނަށް ދެވޭ އެންމެ ބޮޑު އަނިޔާއެވެ. އެހެންވެ އަހުރެން މިވަޤުތު މިއުޅެނީ ވަކިމީހަކު ކުށްވެރިކުރާކަށްނޫނެވެ. އަދި ވަކި މީހަކު ރަނގަޅުކުރާކަށްވެސް ނޫނެވެ. 

ބުނެދޭން މިއުޅެނީ ބެލެނިވެރިއަކު، އެއީ މަންމަނަމަވެސް އަދި ބައްޕަނަމަވެސް އެކަނި ދަރިފުޅު ގެންގުޅެ ބޮޑުކުރުމުން އެކުދިންނަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައެވެ.  

އެމައްސަލައަކީ އެފަދަ ކުދިންގެ ސިކުނޑިއަށް އަންނަ ބަދަލެކެވެ. ވިސްނުމަށް އަންނަ ބަދަލެކެވެ. އެފަދަ ކުދިން ބޮޑުވެ ކައިވެނިކޮށް ޒަވާޖީ ޙަޔާތަކަށް ފެށުމުންވެސް ވިސްނޭނީ ކޮންމެ ވަޤުތަކުވެސް އެކަނިވާންޖެހިދާނެކަމަށެވެ. އެހެންވެ އެކުދިންނަށް އެއީ މައްސަލައަކަށް ނުވާނެއެވެ. އެކަން މައްސަލައަކަށް ނުވުމުގެ ނަތީޖާއަކަށްވަނީ ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. ބައިވެރިޔާ އާއިމެދު ފަރުވާކުޑަކުރެވުމެވެ.   

މިމައްސަލަ ބޮޑުވެ މިހާރަކަށް އައިސް އެފަދަ ކުދިން ކައިވެނިކުރުމުގެ ކުރިން އެކުދިންގެ ވިސްނުމަށް ހެޔޮ ބަދަލެއް ގެނެސްދެވޭތޯ ޢިލްމުވެރިން މެދުވެރިކޮށް މަސައްކަތްވެސް އެބަކުރެއެވެ. އެއީ އެކަމަށް ހާލުންތެރިކުރުވައިގެން މައްސަލަ ހައލުކުރެވޭތޯއެވެ.  

އަހުރެން ބުނެލަން ބޭނުންވަނީ މިއީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް ސަމާލުކަންދިނުން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. މައިންބަފައިން ސަމާލުކަންދީގެން ނޫނީ މިމައްސަލަ ހައްލެއް ނުކުރެވޭނެއެވެ. މައްސަލަ ހައްލު ނުކުރެވި ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައެއް ނުދެވޭނެއެވެ.  

ދަރިން ލިބުމަށްފަހު ދެމަފިރިން އެކުގައި ދިރިއުޅެން މަސައްކަތްކުރަންޖެހޭ އެއް ސަބަބަކީވެސް މިފަދަ މައްސަލަތަކެވެ. ކަންދިމާވާގޮތަކުން އެކުގައި ދިރިއުޅެވެން ނެތިގެން ވަކިވާންޖެހުނު ނަމަވެސް ދެމީހުން އެކުގައި ތިބެގެން ދަރިންނަށް ލޯބިދޭން މަސައްކަތްކުރާށެވެ. އެއީ މަންމަ ޢާއި ބައްޕަ އަދާކުރަންޖެހޭ އެންމެ ބޮޑު އެއް ވާޖިބެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން