الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ، وَلَا أَكُفَّ ثَوْبًا وَلَا شَعْرًا» [رواه مسلم 228 - (490)]
މާނައީ: "ހަތް ގުނަވަނުގެ މައްޗަށް ސަޖިދަކުރުމަށް ތިމަން ކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. އަދި ނަމާދުގައި ހެދުން ނުއޮޅުމަށާ އަދި އިސްތަށިގަނޑު ނުއެއްސުމަށްވެސް މެއެވެ."
މި ޙަދީޘްގައި "އިސްތަށިގަނޑު ނުއެއްސުމަށް" އަންގަވާފައިވާ ޙުކުމަކީ ފިރިހެނުންނަށް ޚާއްޞަ ޙުކުމެކެވެ. އެކަމާ ބެހޭގޮތުން ޝައުކާނީ رحمه الله ވިދާޅުވިއެވެ.
"ޢިރާޤީ ވިދާޅުވިއެވެ. 'އެއީ (އެބަހީ: ނަމާދުގައި ބޯ އެއްސުމުން ދުރުހެލިވުމަކީ) ފިރިހެނުންނަށް ޚާއްޞަވެގެންވާ ކަމެކެވެ. އަންހެނުން އެކަމުގައި ނުހިމެނެއެވެ. އެއީ އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑަކީ ޢައުރައިގެ ތެރޭގައި ހިމެނޭ، ނަމާދުގައި ފޮރުވުން ވާޖިބުވާ އެއްޗެކެވެ. ފަހެ، އެ (އިސްތަށިގަނޑު) ދޫކޮށްލައިފިއްޔާ، އެ ނިއުޅިގެން ހިނގައިދާނެއެވެ. އަދި އެ ފޮރުވަން އުނދަގޫވެދާނެއެވެ. ފަހެ، އޭރުން އޭނާގެ ނަމާދު ބާޠިލުވާނެއެވެ.
އަދި ނަމާދުކުރުމަށްޓަކައި އިސްތަށިގަނޑު ނިއުޅުވާލުމަކީ އެކަނބަލުންނަށް ދަތިކަމަކަށް ވެދާނެއެވެ. އަދި ހަމަކަށަވަރުން (ޖުނުބުވެރިކަމުން) ހިނައިގަންނަ އިރުގައިވެސް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަނބަލުން އިސްތަށިގަނޑު ނިއުޅުވާ ނުލާ ހިނައިގަތުމަށް ހުއްދަ ދެއްވާފައެވެ. (ބައްލަވާ: صحيح مسلم (330)) އެއީ މުޅި އިސްތަށިގަނޑު ތެންމާލަން ޖެހޭ އިރުގައިވެސް މެއެވެ."
[نيل الأوطار (2 / 393)]
-ޑރ. ޢިމްރާން މުޙައްމަދު ޢަލީ