މީސްތަކުންނަށް ﷲ ތަޢާލާ ދެއްވަވާ ވިސްނުމާއި ޢިލްމްގެ ސަބަބުން އެނގޭނެ ކަންތައްތަކަކާއި އަދި ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ނުއެނގޭނެ ކަންތައްތަކެއްވެސް ވެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ކޮންމެ މީހަކަށްވެސް ދުނިޔެއާއި ދުނިޔޭގައިވާ ތަކެތި ފެންނާނެއެވެ. ދުނިޔޭގައި ހިނގާ ކަންކަންވެސް އެނގޭނެއެވެ. ފެންނަންވެސް ފެންނާނެއެވެ. ނަމަވެސް އުޑުތަކާއި އުޑުތަކާއި އުޑުތަކުގައި ހިނގާ ކަންކަމެއް ނުފެންނާނެއެވެ. ނުވެސް އެނގޭނެއެވެ.
ކޮންމެ މީހަކަށްވެސް ތިމާއާއި އެހެން މީހުންވެސް ފެންނާނެއެވެ. ނަމަވެސް ހަށިގަނޑުގައިވާ ފުރާނައެއް ނުފެންނާނެއެވެ.
ދުނިޔެއިން ލިބޭ ތަނަވަސްކަން ގުނައި ޢަދަދު ކުރެވިދާނެއެވެ. ނަމަވެސް ކުރާ ހެޔޮކަމަށް ދެއްވަވާނެ ޘަވާބުގެ މިންވަރެއް ނުއެނގޭނެއެވެ. ކުރެވޭ ފާފަތަކާއި ފާފަކުރެވޭވަރުވެސް އެނގޭނެއެވެ. ނަމަވެސް އެކަންކަމަށް ދެއްވަވާނެ ޢަޛާބާއި ޢަޛާބުގެ މިންވަރެއް ނުއެނގޭނެއެވެ.
ހަމައެއާއިއެކު އެއްވެސް ވަރަކަށް ސިފަކުރަން ނުއެނގޭނެ ކަންތައްތަކެއްވެސް ވެއެވެ. މަރުވުމަށްފަހު ބަރުޒަޚުގެ ޢާލަމުގައި ހިނގާނެ ކަންތައްތަކާއި ޤިޔާމަތް ދުވަހާއި ޤިޔާމަތް ދުވަހު ހިނގާނެ ކަންކަން ހިމެނިގެންވަނީ ކިތަންމެ ވަރަކަށް ވިސްނިޔަސް ސިފަކުރަންވެސް ނުއެނގޭނެ ކަންކަމުގެ ތެރެއިންނެވެ.
ހަމައެކަނި މިކަންކަމަށް ވިސްނައިލިޔަސް އެނގިގެން މިދަނީ އިންސާނުންނަށް ދެއްވަވާފައިވާ ޢިލްމުގެ ކުޑަކަމެވެ. ޣައިބުގައިވާ ކަންކަން ނުއެނގޭނެކަމެވެ. އެހެންކަމަށްވާއިރު ޣައިބުގައިވާ ކަންކަން ޤަބޫލުނުކުރާ މީހަކަށް ޤިޔާމަތް ދުަވސް ކާމިޔާބުކުރެވޭނެ ގޮތެއް ނުވިސްނެއެވެ.
މުސްލިމުން ބުނަންވީ ތިމަންނާ ޤަބޫލުކުރާނީ ލޮލަށް ފެންނަ ކަންކަމާއި ހެކިލިބޭ ކަންކަން ކަމަކަށް ނޫނެވެ. ބުނަންވީ ތިމަންނާ ޤަބޫލުކުރާނީ ޤުރްޢާނުގައިވާ އެންމެހައި ކަންކަމާއި ސުންނަތުން ޘާބިތުވާ ހުރިހާ ކަމެއް ކަމަށެވެ. އެގޮތަށް ބުނުމާއިއެކު އެގޮތަށް ޢަމަލުކުރަންވެސް ޖެހޭނެއެވެ. އާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން