އަޅުގަނޑުމެންގެ ބައްޕަ ނިޔާވީ ކައިވެންޏަށް 35 އަހަރުގައެވެ. މަންމަގެ ޢުމުރުން 55 އަހަރުގައެވެ. ބައްޕަ ނިޔާވިތާ މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް މަންމަ ކައިވެނިކުރަން ބޭނުންވެއްޖެއެވެ. އެކަމަކަށް އެއްވެސް ދަރިއަކު ދެކޮޅެއް ނުހަދައެވެ. އެޢުމުރުގައި މަންމައަށް ފިރިއަކު ބޭނުންވާނެކަން އެނގޭތީއެވެ.
އެކަމަކު މަންމަ ކައިވެނިކުރަން ބޭނުންވީ 35 އަހަރުގެ ޒުވާނަކާކަން އެނގުމުން ހުރިހާ ދަރިންވެސް މަންމައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް ޤަބޫލުނުކޮށް ކައިވެނިކުރީއެވެ.
ކައިވެނިކުރީމާ ދެމަފިރިން އުޅޭނެ ވަކިފްލެޓެއް ގެއިން ދިނީމެވެ. މަންމަމެންގެ ދިރިއުޅުމަކާއި ނުބެހެމެވެ. އެކަމަކު މަންމަގެ ޙާލުބަލަމެވެ. އެހެން އުޅެމުން އައިސް 3 މަސްވީތަނާ އެނގުނީ ދޮންބައްޕަ ފިލައިފިކަމެވެ. އެކަމާ ދެރަވެ ހިތާމަކުރަން ހަދައިގެން މަންމަ އެހައި ލޯބިން ގެންގުޅުނު މާމަދަރިން ދެކެލަންވެސް ނުއަންނާތީ ސުވާލުކުރުމުން ބުނީ ފްލެޓުން ނުކުންނަ ހިތް ނުވަނީ ކަމަށެވެ.
މަންމައަށް ހިތްހަމަޖެހުން ހޯދައިދެވޭތޯ ކުރި މަސައްކަތުގެ ތެރެއިން އެނގުނީ އެނގުނީ މަންމަ އެހައި ބޮޑަށް ދެރަވެގެން މިއުޅެނީ ބައްޕަ ބަލިވުމުގެ ކުރިން މަންމަގެ އެކައުންޓަށް ޖަމާކޮށްދީފައި ހުރި މިލިއަނެއްހައި ރުފިޔާ ހިފައިގެން އޭނާ ފިލުމުން ކަމެވެ. އެކަމާ ގަންނަ ލަދުން ކަމެވެ.
މަންމަ ބުނީ ކައިވެނިކުރުމުގެ ކުރިން މަންމަ ގޮވައިގެން ގޮސް ފޭރާން ފިހާރައެއް ދައްކައި އެއީ އޭނާގެ ފިހާރައެއް ބުނި ކަމަށެވެ. އަދި އެތަނުގައި ތިބޭ މުވައްޒިފުންނަށް އަމުރުކޮށް ހަދާގޮތުން އެއީ އޭނާގެ ފިހާރައެއް ކަމަށް ޤަބޫލުކުރެވުނު ކަމަށެވެ. ފައިސާ ދިނީ އޭނާގެ ވިޔަފާރިއަށް އެފައިސާ އިތުރުކޮށް ލިބޭ ފައިދާއިން ބައެއް ދޭނެ ކަމަށް ބުނުމުން ކަމަށެވެ. އެކަމަކު ގެއަށް ނުއަންނަން ފެށުމުން ފިހާރައަށް ގޮސް ސުވާލުކުރުމުން ބުނީ އޭނާއަކީ މުވައްޒިފެއް ކަމަށާއި މިހާރު ވަޒިފާއިން ވަކިވެފައިވާ ކަމަށް ކަމަށެވެ.
އަހަރެމެން ވިސްނައިދިނީމެވެ. އެކަމަށް ދެން އިތުރަށް ނުވިސްނުމަށެވެ. އޭނާ ފެނުނަސް ދެން އެފައިށާ އަނބުރައެއް ނުލިބޭނެ އެވެ. އަދި އެކަމާ އެއްވެސް ދަރިއެއްގެ ހިތުގައި މަންމައަށް އެއްވެސް ބުރަކަމެއް ނެތްކަންވެސް އަންގައިދީ ހިތްވަރުދިނީމެވެ. އެހެންކަމާއިއެކުވެސް މަންމަގެ ކަންކަން ހަމައަކަށް އެޅުނީ ދެމަހެއްހައި ދުވަސްފަހުންނެވެ. މަންމައަށް އެކުށް ކުރެވުނަސް މަންމައަކީ ވަރަށް ރަނގަޅު މަންމައަކަށްވާތީ ހުރިހާ ދަރިންވެސް މަސައްކަތްކުރީ މަންމަގެ ހިތްހަމަޖައްސައިދެވޭތޯއެވެ.
ފަހުން އެނގުނީ އޭނާ ރަށަށް ގޮސް ރަށުގައި ވިޔަފާރިކުރާކަމެވެ. އެކަމަކަށް އަޅައެއް ނުލަމެވެ. ވަރިކޮށްދިނީމާ ޢިއްދަ ހަމަވުމުން ދޮންބެ ދައްތަ މިހާރުވަނީ މަންމައަށް ފިރިއަކު ހޯދައިދީފައެވެ. ދޮންބެ ދައްތަގެ ބޭނެއެކެވެ. އެހެންވެ އުންމީދުކުރަނީ މަންމައަށް އުފާވެރި ދިރިއުޅެއް ލިބޭނެ ކަމަށެވެ.
އަޅުގަނޑު މިވާހަކަކޮޅު މިއަދުނޫހަށް ޙިއްޞާ މިކުރީ މިވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފިލާވަޅެއް ލިބޭނެ ކަމަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
މިމައްސަލައަކީ ކުރިމަތިވާ މައްސަލައެކެވެ. ހޭލުންތެރިވާންޖެހިފައިޥާ މައްސަލައެކެވެ. އެހެންކަމުން ތިރީގައިވާ ލިޔުންވެސް ވިދާޅުވެލެއްވުމުން ފައިޑާކުރާނެއެވެ. އިން ޝާ ﷲ
ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ޅަކުދިންނާ ކައިވެނިކުރުމުން ހިތިތަޖުރިބާ ކުރަންޖެހޭއިރުވެސް ބޮޑު ތަނުން ހަގު ކުދިންނާ ކައިވެނިކުރަނީ ކީއްވެ؟
އަޅުގަނޑުމެންގެ މަންމަ ނިޔާވުމުން ބައްޕަ ކައިވެނިކުރެއްވީ ބައްޕައަށްވުރެ 23 އަހަރު ހަގު އަންހެންކުއްޖަކާއެވެ. އެކުއްޖާގެ ބޭނުމެއް ކަމަށް ބެލެވެނީ ގޯތިންނާއި ބައްޕަގެ ތަނަވަސްކަމުން ބައެއް ހޯދުމެވެ.
ކަންދިމާވިގޮތުން އެއިން އެއްވެސް ބޭނުމެއް ޙާޞިލުނުކުރެވެނީސް ބައްޕަ ބަލިވެއްޖެއެވެ. އެނދުމަތިވެއްޖެއެވެ. އެނދުމަތިމަތިވާއިރަށް އެހައިތަނަށް އޭނާއަށް ދީފައި ހުރި ހުރިހާ އެއްޗެއް ހިފައިގެން ދޮންމަންމަ ފިލައިފިއެވެ. ދިއަ ތަނެއްވެސް ނުއެނގެއެވެ.
ބައްޕަ އެހާލުގައި އޮވެގެންވެސް އެދެނީ ދޮންމަންމަ ހޯދައިގެން ގެނެސްދިނުމަށެވެ. ޤަބޫލުކުރެވޭ ގޮތުގައި މިހާރު ބައްޕަގެ ވިސްނުންވެސް ރަނގަޅެއް ނޫނެވެ. ކޮންމެއަކަސް ދޮންމަންމަ ހޯދަން ކުރެވޭނެ އިތުރުކަމެއް ނެތެވެ. އޭނާގެ ފޯނަށް ގުޅެއެވެ. ހުރީ އިންޑިއާގައެވެ. ބުނަނީ އޭނާ މިހާރު ހުރީ ވަރިވެގެން ކަމަށާއި އަންނަން ބޭނުން ނޫން ކަމަށެވެ.
އަޅުގަނޑުގެ ސުވާލަކީ ޢުމުރުން އެހައި ހަގު ކުދިންނާ ކައިވެނިކުރުމުން މިބާވަތުގެ މައްސަލަތައް އަބަދުހެން ޖެހެމުން އަންނައިރުވެސް ވިސްނާނުލައި ކައިވެނިކުރަނީ ކީއްވެގެންތޯ؟
ކިޔުންތެރިޔާގެ ސުވާލާއި އަދި ފައުޅުކުރެއްވި ކަންބޮޑުވުމާއި ގުޅިގެން ބުނެލަން އޮތީ ޢުމުރުން ދުވަސްވުމުންވެސް ގައިގެ ބާރު ހަމަ އެންމެ ޒުވާން ޢުމުރުގައިވެސް ހުރިވަރަށް ހުންނާނެކަމަށް ޤަބޫލުކުރެވުން އެއީ އެއް ސަބަބުކަމަށެވެ. ތިރީގައިވާ ލިޔުމަކީވެސް ހަމަ ތިއަ ފަދަ ހާދިސާތަކެއްގެ ޢިބްރަތްތެރި ވާހަކައެވެ.
ޢުމުރުގެ ތަފާތު ބޮޑު ނަމަވެސް ކައިވެނިކުރެއެވެ. ދިރިއުޅުމުގެ ބޭނުންތައް ފުދެމުން އަންނަނަމަ އެކަން އެއީ މައްސަލައަކަށްވެސް ނުވެ އުފަލުގައިވެސް ދިރިއުޅެއެވެ. ނަމަވެސް މިފަދަ ކައިވެނިތަކުން ގިނަ ފަހަރަށް ފެނިގެންދަނީ ދުނިޔަވީ ބޭނުންތައް ޙާޞިލުނުކުރެވޭ ދުވަހެއް އަތުވެއްޖެނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައްޖެހި ކައިވެނިވެސް ރޫޅިގެންދާތަނެވެ.
ހަމައެއާއިއެކު ގަދަކަމުން ކައިވެނި ރޫޅައިލުމަށްފަހު ހިތާމަކުރަންޖެހޭ މީހުންވެސް މަދެއް ނޫނެވެ. ފިރިހެނެއް އަދި އަންހެނެއް ނަމަވެސްމެއެވެ. މިބަޔާންކުރަނީ އަހަރެން ކިޔާފައިވާ ވާހަކައެކެވެ.
ދަނޑުވެރި މުސްކުޅިއަކު އުޅުނީ ވަރަށް ޒުވާން އަންހެން ކުއްޖަކާއި ކައިވެނިކޮށްގެންނެވެ. އޭނާއަށް ލިބުނުހައި ފައިސާތަކެއް ޚަރަދުކުރީ އަންހެންކުއްޖާއަށް ގަހަނާ އާއި އެނޫންވެސް ތަކެތި ގަނެދިނުމަށެވެ. ނަމަވެސް ދަނޑުވެރިޔާގެ އުމުރުން ދުވަސްވެ މަސައްކަތް ނުކުރެވި އާމްދަނީ ލިބުން މަދުވުމުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން ފެށިއެވެ.
އެގޮތުން އެއްރޭ ދެމަފިރިން ކުރި ޒުވާބު ވައްކަންކުރާ ވަގަކަށް އަޑުއިވުނެވެ. އަނެއް ދުވަހު ވަގުކަލޭގެ އަންހެން ކުއްޖާއާއި ބައްދަލުކޮށްފައި ބުންޏެވެ. "ރޭ ދެމަފިރިން ކުރި ޒުވާބު އަޑުއެހީމެވެ. ކޮންމެ ގޮތެއްވިނަމަވެސް އެހައި ބޮޑު މުސްކުޅިއަކަށް ތިބާ ފަދަ ޒުވާން އަންހެން ކުއްޖެއްގެ ބޭނުންތައް ފުއްދައެއް ނުދެވޭނެއެވެ. އަހަރެންގެ އަނބިމީހާވަނީ މަރުވެފައެވެ. އަތުގައި ފައސާ އެބަހުއްޓެވެ. ބޭނުންނަމަ ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެވިދާނެއެވެ."
ވަގުކަލޭގެ ދެއްކި ވާހަކަތައް ޤަބޫލުކޮށް އަންހެންކުއްޖާ، އޭނާއަށް ފިރިމީހާ ހޯދައިދީފައިވާ ގަހަނާތަކާއި ފިރިމީހާ ރައްކާކޮށްފައި ހުރި ފައިސާކޮޅުވެސް ވަގަށް ނަގައިގެން އެވަގުކަލޭގެ އާއިއެކު ދިއައީއެވެ.
ކޯރެއްގެ އައްސޭރިއަށް ދެވުމުން ބުންޏެވެ. "ހުރަސްކުރެވޭނީ އެފަރާތުން ބޮއްކުރައެއް ގެނެސްގެންނެވެ. ބޮއްކުރައެއް ހިފައިގެން އަންނާނަމެވެ. އަތުގައި ތިއަހުރި އެއްޗެތި ދޭށެވެ. ނޫނީ އެކަނި މިތަނުގައި އިންދާ ވަގުން އައިސް ފޭރިގެންފާނެއެވެ."
އަތުގައި ހުރި ހުރިހާ އެއްޗެއް ދިނުމުން ބޮއްކުރާ ބަލައި ދިއަ މީހާ އިރުއޮއްސި އަނދިރިވީއިރުވެސް އެނބުރި ނައުމުން އޭނާ ފިލީކަން ވިސްނުނެވެ. ހުސްއަތާ އެނބުރިދާންޖެހުނީ މުސްކުޅިޔާގެ ގެއަށެވެ.
މިހުންނަނީ ވަރަށް ޢިބްރަތްތެރި ވާހަކަތަކެވެ. އެކުގައި ދިރިއުޅެމުން ގޮސް އެކަކު މުސްކުޅިވެ ބަލިކަށިވުމުން ނުވަތަ ބަލި ހާލުގައި ޖެހުމުން އެއްލާލާފައިދާން ހެޔޮނުވާނެއެވެ. އެއީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެފަދަ ކަމެއްކުރި މީހަކު ވާނީ އެންމެ ބޮޑެތި އަނިޔާވެރިންގެ ތެރެއިންނެވެ. ﷲ ތަޢާލާގެ ކޯފާ އެމީހަކާި އަރައި ހަމަކުރާނެތެވެ. ނުއެނގޭނީ އެކަން މެދުވެރި ކުރައްވަވާނީ ކޮން ދުވަހަކު ކޮން ސިފައެއްގައި ކަމެވެ.
އަޅުގަނޑުގެ ބައްޕައަކީ މިއަދު މިފަދަ ބޮޑު ނިކަމެތިކަމެއް ލިބިފައިވާ މީހެކެވެ. 20 އަހަރުވަންދެން ބައްޕަ ކުރެއްވި މަސައްކަތް ހިފައިގެން ޒުވާން ދޮންމަންމަ ވަނީ ފިލައިފައެވެ. ދޮންމަންމަ ގާތު ބުނެލަން ބޭނުންވަނީ ގެންދިއަ އެއްވެސް އެއްޗެއްވެސް ފައިސާއެއްވެސް ބޭނުމެއް ނޫނެވެ. ބައްޕައަށް އެއްވެސް ކަމެއް ކޮށްނުދިންނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. އާދޭސްމިކުރަނީ ބައްޕަގެ ލޮލަށް ފެންނަ ހިސާބުގައި ބައްޕަ ގާތު ހުރެލަން އައިސްދިނުމަށެވެ.
- ޒައުޝާން / މިއަދުނޫހުގެ ކިޔުންތެރިއެއް