އެންމެން އިސްލާމީ ޝަރީޢާ ޤާއިމުކުރާނަމަ ޢާއިލީ މައްސަލަތައް މަދުކުރެވި މުޖުތަމަޢުއަށް ހަމަޖެހުން ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
އެންމެން އިސްލާމީ ޝަރީޢާ ޤާއިމުކުރާނަމަ ޢާއިލީ މައްސަލަތައް މަދުކުރެވި މުޖުތަމަޢުއަށް ހަމަޖެހުން ލިބޭނެ!

އިސްލާމީ ޝަރީޢާ ޤާއިމުނުކުރާ ކަމަށްބުނެ ގިނަ ބައަކު ކަްނބޮޑުވުން ފައުޅުކުރެއެވެ. އެމީހުން ނަގަނީ ވަރަށް މަދު މައްސަލަތަކެއްގެ ވާހަކައެވެ. އެންމެ ބޮޑަށް ފާހަގަކުރަނީ އިސްލާމީ ޝަރީޢާ އާއި އެއްގޮތަށް ކޯޓުތަކުން ޙުކުމް ނުކުރާ ވާހަކައެވެ. 

އެމީހުން އެބުނާ ވާހަކަތަކަށްވެސް ތާއީދުކުރަމެވެ. އެކަމަކު އަހުރެން އިސްލާމީ ޝަރީޢާ ނަގަނީ މާބޮޑަށް ފުޅައުކޮށެވެ. އާއިލީ ޒިންމާތަކާއި ތެދުވެރިކަމާއި ޙަރާމްކަންކަން ނުކުރުމާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަކީވެސް ހަމަ އިސްލާމީ ޝަރީޢާގައި ހިމެނޭ ކަންކަމެވެ. 

މިހުރީ ހަމަ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ކަންކަމެވެ. ޢާއިލީ ޒިންމާ އުފުލާނަމަ ދަރިންކޮޅު ގޮވައިގެން ބިކަޙާލުގައި އުޅޭކަށް އެދަރިންގެ މައިންނަކަށް ނުޖެހޭނެއެވެ. އެހީތެރިވާނެ ދަރިން ތިބޭނަމަ ނިކަމެތިވެފައި ތިބޭކަށް މައިންބަފައިންނަކަށް ނުޖެހޭނެއެވެ. ޢާއިލާގައި ތިބި ތަނަވަސް މީހުން ޢާއިލާގެ ނިކަމެތިންނަށް އެޙީތެރިވާނަމަ ދަތިޙާލުގައި އުޅެންޖެހޭ މީހަކު ވަރަށް މަދުވާނެއެވެ. 

މިކަންކަމަކީވެސް ހަމަ އިސްލާމީ ޝަރީޢާގައި ހިމެނޭ ކަންކަމެވެ. މިކަންކަން ތަންފީޒުކުރަން ނުޖެހޭ މީހަކު ނުހުންނާނެއެވެ. މިއީ ބޮޑުފަނޑިޔާރާއި ސިފައިން ނުކުމެ ތަންފީޒުކުރުވަން ޖައްސުވަންޖެހޭނެ ކަންކަމެއް ނޫނެވެ. ފަރުދީގޮތުން އަދާކުރަންޖެހޭ ވާޖިބުތަކެވެ. 

ދެން މިފާހަގަކުރީ ތެދުވެރިކަމެވެ. ރަނގަޅު ވަޒީފާއެއް ލިބި އަތްމައްޗަށް ބާރުލިބުނަސް އަތަށް ފައިސާ އެރިޔަސް ތެދުވެރިވަނީ މަދުމީހެކެވެ. އެކަކު އަނެކަކަށް ތެދުވެރިވަނީ މަދު ދެމަފިރިއެކެވެ. 

އަހުރެން މިބަޔާންކުރީ ވަރަށް މަދު ކަމެކެވެ. އިސްލާމީ ޝަރީޢާގައި ނުހިމެނޭ ކަމެއް ނެތުމުން ހުރިހާ ވާހަކަތަކެއް ދައްކަން ވަޤުތު ތަންނުދޭތީއެވެ. ކޮންމެ މުސްލިމަކީވެސް އަހުރެން މިބުނި މަދު ކަންކަމުގައި ނަމަވެސް އިސްލާމީ ޝަރީޢާ ޤާއިމުކުރާ މީހަކަށް ވެއްޖެނަމަ ހުރިހާ އެންމެންނަށް އުފާވެރިކަން ނުލިބޭންވީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެންނަށްވެސް އުފާވެރިކަން ލިބޭނެއެވެ. މުޖުތަމަޢުތަކަށް ހަމަޖެހުންވެސް ލިބޭނެއެވެ. 

ވެރިން ކުރަންޖެހޭ ކަމެއް ނުކޮށްގެން އެއްވެސް ރައްޔިތަކު ކުށވެރިއެއް ނުވާނެއެވެ. ނަމަވެސް ކޮންމެ މީހަކާއިވެސް ﷲ ތަޢާލާ ޙަވލުކުރައްވަވާފައިވާ މަސްއޫލިއްޔަތު އަދާނުކުރާނަމަ އެމީހަކު ކުށްވެރިވާނެއެވެ. އެކަމަށް ޙައްޤު ޢަޛާބުވެސް ދެއްވަވާނެތެވެ!

- އިސްލާމީ ތިލަަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އެމެރިކާގައާ އިސްލާމްދީނާ އެންމެ ޢަދާވާތްތެރި އެހެން ޤައުމުތަކުގައިވެސް އަންނަނީ އިސްލާމީ ޝަރީޢާ ޤާއިމުކުރެވެމުންނެވެ! 

އެމެރިކާގައި އިސްލާމީ ޝަރީޢަތް ޤާއިމުކޮށްފާނެތީ ކަންބޮޑުވެގެން މުސްލިމަކާއި ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ބުނެފައިވަނީ އެމެރިކާގައި މިހާރުވެސް އިސްލާމީ ޝަރީޢަތް ޤާއިމުކުރެވޭ ކަމަށެވެ. އެކަމުގެ ހެކި ދައްކަމުން ބުނީ: 

1 މީސްތަކުންނަށް ހިތްހެޔޮކޮށް ހިނިތުންވެލުމަކީވެސް،

2 ބަންގި ގޮވުމާއި ބަންގި ގޮވުމުން ނަމާދުކުރުމާއި،

3 ފަޤީރަކަށް ޞަދަޤާތެއް ދިނުމާއި،

4 މައިންބަފައިން މުސްކުޅިވީ ދުވަހު އެމީހުންނަށް އެހީތެރިވެދީ އެމީހުން ބެލެހެއްޓުމާއި،

5 ރިޒުޤް ހޯދަން ހަލާލު ގޮތުގައި މަސައްކަތްކުރުމާއި،

6 އަނބިންނަށް ހެޔޮކޮށް ހިތައި އޯގާތެރިވުމާއި،

7 މީސްތަކުންނަށް ލިބުން ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަން ހޯދައިދޭން މަސައްކަތްކުރުމާއި،

8 ﷲ ތައާލާގެ ދީނަށް ގޮވާލައި ދީނަށް ނަޞްރުދޭން މަސައްކަތްކުރުމާއި،

9 ފަރުޟު އަދި ސުންނަތް ރޯދަތައް ހިފުމާއި،

10 ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ނުކޮށް ހުންނަން މަސައްކަތްކުރުމާއި 

މިފަދަ އެންމެހައި ކަންކަން ކުރުމަކީވެސް އަދި މިއިން އެންމެ ކަމެއް ކުރުމަކީވެސް އިސްލާމީ ޝަރީޢާ ޤާއިމުކުރުމެވެ. އިސްލާމީ ޝަރީޢަތުގައި ހިމެނޭ ވަރަށް ގިނަ ކަންކަން އެމެރިކާގައި ކުރެއެވެ. ވީމާ އިސްލާމީ ޝަރީޢާ އެމެރިކާގައިވެސް އަދި އިސްލާމް ދީނާއި އެންމެ ބޮޑަށް ޢަދާވާތްތެރި އެހެން ޤައުމުތަކުގައިވެސް ޤާއިމުކުރެވެމުން ނުދާކަމަށް ބުނެވޭކަށް ނެތެވެ. 

ދެން ބުނާނީ ޤުރްއާނުގައިވާ ހުރިހާ ޙުކުމްފުޅުތަކެއް ތަންފީޛް ނުކުރެވޭ ވާހަކައެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ނޫނީ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން އެއީ އިސްލާމީ ޝަރީޢާ ޤާއިމުނުކުރެވުން ކަމަކަށް އަހުރެން ޤަބޫލެއް ނުކުރަމެވެ. 

އިސްލާމް ދީނުގެ ނޫރު މުޅި ދުނިޔޭގައިވެސް މިވަނީ ދިއްލިފައެވެ. ދަނީވެސް ދާނީވެސް އިތުރަށް އުޖާލާވަމުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން