އުޅަނދެއްގައި މައިކަނޑަކުން ދަތުރުކުރަމުން ދިއަ މީހެކެވެ. އެއްރޭ ތަށްޓުމަތީގައި ނިދާފައި އޮއްވާ ބޭރަށް ވެއްޓުނީއެވެ. އެކަން އެއްވެސް މީހަކަށް އެރެއަކު ނުއެނގެއެވެ. އެނގުނީ ހެނދުނުވީފަހުންނެވެ. އެނގުމުންވެސް އޭނާ ހޯދަން ކުރެވޭނެ އިތުރުކަމެއް ނެތުމުން ދަތުރުކޮށްދިއައީއެވެ.
ވެއްޓުނު މީހާގެ މަސައްކަތުން އޮއިވަރާއެކު އޭނާ ގެންގޮސް ލެއްގީ އެއްވެސް މީހަކު ނުއުޅޭ ކުޑަކުޑަކުޑަ ރަށަކަށެވެ. އެރަށަށް ލެއްގުމުން ހިތްވަރުކޮށް އެއްގަމަށް އަރައި ކުޑަ ޖިފުޓި ގަނޑެއް ޖަހައިގެން އުޅެންފެށިއެވެ. އޭނާ ކުރަމުން ގެންދިއައީ އެންމެ ދުޢާއެކެވެ. "ޔާ ﷲ! މިޙާލަތުން މިއަޅާ ސަލާމަތްކޮސްދެއްވަވާނދޭވެ! އާމިން" އެވެ.
އެއްދުވަހަކު ފެނުނީ ޖިފުޓީގައި ރޯވެ އަނގައިގެންދިއަތަނެވެ. ލިބުނު މާޔޫސްކަމުގައި އޭނާގެ ހިތަށް އެރިއެވެ. "އަހުރެންނަށް ކުރިމަތި މިކުރައްވަވަނީ އިތުރު މުޞީބާތްތަކެވެ." އެވިސްނުން އައުމާއިއެކު އޭނާ ތައުބާވެ އަސްތަޣްފާރުކުރިއެވެ. އޭނާ އެޙާލަތުން ސަލާމަތްކުރައްވަވާނެ ކަމުގެ ޔަޤިންކަމާއިއެކު ދުޢާކުރަމުން ގެންދިއައެވެ.
އިރުކޮޅެއް ފަހުން ބޯޓެއް ބަނދަރުކޮށް ބައަކު ރަށަށް ފޭބިއެވެ. އެމީހުންނަށް އޭނާގެ ޙާލަތުކިޔައިދިނުމުން ބުންޏެވެ. "މިއީ އެއްވެސް މީހަކު ނުއުޅޭ ރަށެއްކަން އެނގެއެވެ. މިރަށުން އަހުރެމެންނަށް ދުމެއް ފެނުމުން ރަށުގައި ކޮންމެވެސް ކަމެއް ހިނގާކަން ވިސްނިގެން ވާނުވާ ބަލައިލަން ބަނދަރުކުރީއެވެ. އަހުރެމެންނާއިއެކު އަންނާށެވެ."
ވިސްނައިލާށެވެ! އޭނާ ސަލާމަތްވުމަށް މެދުވެރިވި ސަބަބަކަށް ވެގެންއެދިއައީ އެޖިފުޓި އެނދިކަމެވެ. އެމީހުންނަށް ރަށުން ދުން ފެނުނީ ޖިފުޓިއެނދީމައެވެ. އޭނާއަށް އެޙާލަތުން ސަލާމަތް އެވެވުނީ އެރަށަށް ބަދަރުކޮށް ކަންކަން ބެލުމުގެ ވިސްނުން އުޅަނދުގެ ފަޅުވެރިންނަށް ދެއްވެވީމައެވެ.
މިޙާދިސާއިން އަހުރެމެން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ﷲ ތަޢާލާގެ ރަޙްމަތަށް އިތުބާރުކޮށް ދުޢާކުރާ މީހަކަށް ރަޙްމަތް ލައްވަވާނެ ކަމެވެ. ކުރިމަތިވެފައިވާ މުޞީބާތުން ސަލާމަތްކޮށްދެއްވަވާނެކަމެވެ. އެގޮތުގައި ޘާބިތުވެ ހުއްޓައި ކަމެއް ދިމާވުމުން މިލިބުނީ ދެރައެއް ކަމަށް ވިސްނުނަސް އެކަން ޙަޤީޤަތުގައި ވެގެންދާނީ ލެއްވެވި ބޮޑު ރަޙްމަތަކަށް ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން