ވަޒީފާ ގެއްލުނަސް ކަންބޮޑުނުވެ ހުރެވޭނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ވަޒީފާ ގެއްލުނަސް ކަންބޮޑުނުވެ ހުރެވޭނެ ގޮތް!

އަޅުގަނޑަކީ 28 އަހަރުގެ ޒުވާނަކީމެވެ. ޢުމުރުން 18 އަހަރުނުވަނީސް ވަޒީފާއަދާކުރަން ފަށައިފީމެވެ. ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި 3 ފަހަރަށް ވަޒީފާއިން ވަކިވާންޖެހިއްޖެއެވެ. ސަބަބަކަށްވަނީ ކޮންމެވެސް ނަމެއް ކިޔާފައި ބޭރު މީހަކު ގެންނަން ބޭނުންވުމެވެ. 3 ފަހަރުވެސް ދިމާވީ ހަމަ އެ މައްސަލައެވެ.  

ވަޒީފާއަށް އެދި ތަންތަނަށް ހުށަހަޅަމެވެ. އަދި މިއުޅެނީ އަޅައިގަންނާނެ ގޮތެއް ނުވެގެންނެވެ. އެންމެ ދެރަވަނީ މާލީ ޙާލަތު ހުރިގޮތުން ކައިވެނި ނުކުރެވިލަސްވާތީއެވެ.  

މިއީ ޒުވާނަކު ޙިއްޞާކުރި އޭނާގެ ޙާލަތެވެ. އޭނާއަށް މިއަދުނޫހުން ކިޔައިދިނީ ތިރީގައިވާ ވާހަކައެވެ. އެހެންވެ އެވާހަކަ މިޙާލުގައި ތިބި އެހެން ޒުވާނުންނަށް ޙިއްޞާ މިކުރަނީ ފައިދާކުރާނެ ކަމަށެވެ. މިޝުޢޫރު ނޫހުގައި ހާމަކުރާ ދެވަނަ ބޭނުމަކީ ޒުވާނާ ފާހަގައެކުރާ މައްސަލައަށް ކަމާއިބެހޭ ފަރާތްތަކުން ވިސްނަވައި ޙައްލެއް ގެނެސް ދެއްވުމެވެ.  

އަދާކުރާ ވަޒީފާ ގެއްލުނަސް ﷲ ޙަވާލުކުރެއްވެވި ވަޒީފާ ސާބިތުވެ ހުންނަ ޒުވާނެއްގެ ތަޖުރިބާތައް ވަރަށް ފޮނި! 

އަހުރެންގެ ޢުމުރަކީ 27 އަހަރެވެ. ކިޔަވައި ނިމިގެން ވަޒީފާ އަދާކުރަންފެށިތާ 6 އަހަރެވެ. 6 އަހަރު ތެރޭގައި 2 ފަހަރަށް ވަޒީފާ ގެއްލިއްޖެއެވެ. އެކަމަކު އެއްވެސް ފަހަރަކު ވަޒީފާ ގެއްލެނީ އަހުރެންގެ ކުށަކުން ނޫނެވެ! އެތަނަކަށް ކޮންމެވެސް ކަމެއް ކުރިމަތިވެގެންނެވެ.  

ކޮންމެ ފަހަރަކުވެސް ތަނަކުން ވަޒީފާއެއް ލިބުން އެދި ދުވަސްކޮޅަކު އިންތިޒާރުވެސް ކުރަންޖެހެއެވެ. އަތްމަތިވެސް ދަތިވެއެވެ. އެކަމަކުވެސް ހިތްވަރުކޮށްލަނީއެވެ. އެދުވަސްކޮޅުގައި ކުރިއަށްވުރެ މާބޮޑަށް ﷲ ތަޢާލާ ދެއްވަވާފައި އޮންނަ ވަޒީފާގައި މަސައްކަތްކުރަމެވެ. އެހެންވެ އަތް އުރާލައިގެން އެންމެ ދުވަހަކުވެސް ނުހުންނަމެވެ.  

ފަތިހު ހޭލެވުމާއިއެކު ދަނީ މިސްކިތަށެވެ. ދުވަސް ފަށަނީ ފަތިސްނަމާދުގެ ޖަމާޢަތުންނެވެ. ދެން ހުރި ނަމާދުތައްވެސް ޖަމާއަތުގައި ކުރަމެވެ. ވީވަރަކުން ސުންނަތް ނަމާދުކުރުން ގިނަކުރަމެވެ. ޤުރްއާން ކިޔަވަމެވެ.  

ދެން މިބުނެލަނީ އެކަމުގެ ނަތީޖާ އަހުރެންނަށް ފެންނަ ގޮތެވެ. ނުވަތަ ކަންތައް ދިމާވާ ގޮތެވެ. ވަޒީފާ ގެއްލުނު ދެފަހަރުވެސް ކުޑަ ދުވަސްކޮޅަކަށްފަހު ލިބުނީ ކުރިން އަދާކުރި ވަޒީފާއަށްވުރެ ރަނގަޅު، މުސާރަވެސް ބޮޑު ވަޒީފާއެކެވެ. ކަންކަން ފެންނަ ގޮތުން ކުރިއަށް އޮތް އަހަރު ނިމިގެންދާއިރު އާދައިގެ ފެންވަރެއްގައި ނަމަވެސް އަމިއްލަ މަސައްކަތެއް ކުރަން ފެށޭނެ ކަމުގެ އުންމީދުވެސް ވަރަށް ބޮޑެވެ.  

ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. ވަޒީފާ ގެއްލުނަސް، ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވި ނަމަވެސް ﷲ ތަޢާލާ އެމީހަކާއި ޙަވާލުކުރައްވަވާފައިވާ ކަންކަން ކުރުމުގައި ދެމިހުންނަނަމަ އެމީހަކަށް ކުރިމަތިވާ މައްސަލަތައް ކޮންމެވެސް މަގަކުން ޙައްލުކޮށްދެއްވަވާނެތެވެ. އެކަން އަހުރެންނަސް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ.

 

- ޔޫސުފް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން