ކައިވެނިކުރާތަނުންވެސް ކައިވެނި ރޫޅެމުން މިދަނީ ކައިވެނީގަ ބަރަކާތް ނުލައްވަވާތީތަ؟ ބަރަކާތް ނުލައްވަވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކައިވެނިކުރާތަނުންވެސް ކައިވެނި ރޫޅެމުން މިދަނީ ކައިވެނީގަ ބަރަކާތް ނުލައްވަވާތީތަ؟ ބަރަކާތް ނުލައްވަވަނީ ކީއްވެ؟

ކައިވެނިކުރާތަނުންވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ކައިވެނި ރޫޅެމުން މިދަނީ ކައިވެނީގަ ބަރަކާތް ނުލައްވަވާތީތަ؟ ބަރަކާތް ނުލައްވަވަނީ ކީއްވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ޖަވާބުދޭން ބަލާއިރު ވަކި މީހަކަށް ކަންކަން މެދުވެރިވި ސަބަބު ލަފާކުރަން އެނގޭނީވެސް އެމީހުންގެ ކަންތައްތައް ހިނގައިދިއަ ގޮތް އެނގުމުންނެވެ. ނޫންނަމަ ދެވޭނީ ޢާންމު ޖަވާބެކެވެ. 

ތިރީގައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަމަކީވެސް ބައެއް މީހުންގެ ކައިވެނި ރޫޅެން މެދުވެރިވާ ސަބަބުތަކެވެ.  

އެއްވެސް މީހަކީ އެމީހަކު ނޭނުންވާ ހުރިހާ ނިޢުމަތްތަކެއް ދެއްވަވާނެ މީހެއް ނޫނެވެ. އެކި މީހުންނަށް ދެއްވަވަނީ އެކި ނިޢުމަތްތަކެވެ. އެކި މިންވަރަށެވެ. 

ދުނިޔެއަށް ބަލައިފިނަމަ ތަފާތު ސަބަބުތައް ކުރިމަތިވެ ކައިވެނި ނުކުރެވޭފަދަ ޙާލަތު ކުރިމަތިވެގެން ކައިވެނި ނުކުރެފައި އެތިބީ ކިތައް މިލިއަން މީހުންނަށް ހެއްޔެވެ؟ ވީމާ ކައިވެނިކުރެވުމާއި ކައިވެނީގެ ޙަފްލާއެއް ބޭއްވޭނެ މަގުފަހިވުމަކީ އެކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުގެ ސަޖިދަ ކުރަންޖެހޭ ވަރުގެ ކަމެކެވެ. 

ނަމަވެސް ކައިވެނިކުރެވުމުން ކަންކަން ފެނިގެން މިދަނީ މުޅިން ތަފާތު ގޮތަކަށެވެ. ކައިވެނީގެ ހަފްލާ ބާއްވައި އެތަނުގައި ކުރާތަން މިފެންނަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމެވެ. އެއިގެ ތެރެއިން އެއްކަމަކީ މިޔުޒިކެވެ. 

ނިޢްމަތެއް މިންވަރުކުރެއްވެވުމުން އޮތީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. ޝުކުރުވެރިވާން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ ސުވާލެއް ކޮށްލާނަމެވެ. ކައިވެނިކުރުމުގެ ނިޢްމަތް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެން ހިނގައިދާނެ ކަމެއް ކުރުމުން އެކައިވެނީގައި ބަރަކާތް ނުލައްވަވައިފިނަމަ ދެން ކަންކަން ވާނީ ކިހިނަކުން ހެއްޔެވެ؟

އަދި މިޔުޒިކް ކުޅުމަކީ ޙަރާމްކަމެއްކަމަށް ދީނީ ޢިލްމުވެރިން ކަނޑައަޅުއްވަވާ އެއް ސަބަބަކީ ވެސް މިކަމަށް އޮތް ޙަދީޘްފުޅެވެ. އެހެނީ އަހަރެމެންނަށް ލިބޭ ކޮންމެ އުފަލަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. ކޮންމެ ޢީދަކީވެސް ދެއްވަވާ ނިޢްމަތެކެވެ. ހިތްހަމަޖެހިގެން ދިރިއުޅެވުމަކީވެސް ދެއްވަވާ ނިޢްމަތެކެވެ. ދުނިޔޭގައި ލަހައްޓަވާކަންވެސް އެއީ ދެއްވަވާ ނިޢްމަތެކެވެ. ކޮންމެ ދުވަހަކު ނިދީން ހޭލެވޭކަންވެސް އެއީ ދެއްވަވާ ނިޢްމަތެކެވެ. ކޮންމެ ދުވަހަކީ އަހަރެމެން ކޮންމެ މީހަކަށްވެސް އެތައް ބައިވަރު ނިޢްމަތްތައް ދެއްވަވާ ދުވަހެކެވެ. ﷲ ތަޢާލާ ނިޢްމަތް ނުދެއްވަވާނަމަ އަހަރެމެންނަށް ޙާޞިލް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ވީމާ މިޔުޒިކް ކުޅެން، އަޑުއަހަން އަހަރެމެންނަށް ހުއްދަވާނެ އެއްވެސް ވަގުތެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ވީޑިއޯ- ޝައިޚް އަބޫބަކުރު ޒައުދުގެ ގުޅުންހުރި ބަސްފުޅެއް:

https://www.facebook.com/abubakrzoud/videos/270022214652886

 

މިއަދު އޮންލައިން