ކޮންމެ ދެމަފިރިއަކަށްވެސް ދަރިން ލިބުމުން އެދަރިން ބަލައި ބޮޑެތިކުރަނީ މައިންބަފައިން އެކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެހައި ބުރަ މަސައްކަތުން އަދި އެހައިމެ ބޮޑު ހޭދަކޮށްގެން ދަރިން ބަލައި ބޮޑުކުރުމުން ދަރިންގެ ލޯބި ނުލިބޭނަމަ އިންތިހާއަށް ދެރަވާނެއެވެ.
ދަރިން ލިބުމަށްފަހު ފަޤީރު ގިނަ ޢާއިލާތަކުގައި ދެމަފިރިންނަށް ކުރަންޖެހޭ ޚަރަދުގެ އެތައްގުނައެއް ދަރިންނަށް ޚަރަދުކުރަން ޖެހެއެވެ. ވަގުތަށް ބެލިނަމަވެސް އެހައި ގިނަ ވަގުތު ދަރިންނަށްޓަކައި ހޭދަކުރަންޖެހެއެވެ. އެހައިމެ ގިނަ ބުރަތއްވެސް އުފުލަން ޖެހެއެވެ.
މިރޭ މިދައްކަނީ މައިން ބަފައިން ބިރުވެތިވާން ޖެހޭ ވަރަށް ވަރުގަދަ އިންޒާރެއްގެ ވާހަކައެވެ. ނަމަ ނަމަ އޮޅުވައި ނުލާށެވެ! ދަރިންނަކީ ﷲ ތަޢާލާ ހަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ދަރިން ދެއްވަވަނީ މައިން ބަފައިން ބޭނުންވާ ގޮތަށް ތަރުބިއްޔަތުކުރާކަށް ނޫނެވެ! ﷲ ތަޢާލާގެ އަމުރުފުޅާއި އެއްގޮތަށް ތަރުބިއްޔަތުކުރުމަށެވެ.
ދަރިންގެ ސިކުނޑިއަށް ވައްދަން ޖެހޭނީ މައިން ބަފައިން ބޭނުންވާ ކަންކަމެއް ނޫނެވެ. އިސްލާމް ދީނެވެ. ދަރިން ލައްވަން ޖެހޭނީ މައިން ބަފައިން ބޭނުންވާ ހެދުމެއް ނޫނެވެ. ހެދުން އަޅުވަން ޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ޢިލްމް އުނގަންނައިދޭން ޖެހޭނީ އިސްލާމް ދީނުގެ ޢިލްމާއިއެކުގައެވެ. މައިންބަފައިން ބޭނުންހައި ޢިލްމެއް ނޫނެވެ.
މިކަންކަން ނުކުރެވުނީ ކަމަށް ބުނެ އުޒުރެއް ނުދެއްކޭނެއެވެ. އެކުދިންގެ ޅަފަތުގައި މައިންބަފައިން ބޭނުންވާ ގޮތަކަށް ތަރުބިއްޔަތުކުރެވޭނެއެވެ. އެ އުމުރުގައި އެކަން ނުކުރިނަމަ އެކަން ނުވެފައި އެއޮތީ ހަމަ މައިންބަފައިންގެ އިހްމާލުންނެވެ. އެކަން ނުކޮށް ތިބިނަމަ އެކަން މައިންބަފައިންގެ އަތުން ބީވެގެންދާނެއެވެ.
ދަރިންނަށް ގެނެސްދޭ ކުޅޭ ތަކެތި ކަމުނުދާކަމަށް ބުނެ ބޭނުންވާ ތަކެތި ބުނަން ފަށާނެއެވެ. ކިޔަވަންދާނީ ކޮން ސްކޫލަކަށް ކަމުގައިވެސް ބުނަން ފަށާނެއެވެ. ނަމަވެސް އެކަން އެހެން އެވަނީ ކުދިން ތަރުބިއްޔަތު ކުރަން ޖެހޭ އުމުރުގައި ތިބާ އެކަން ނުކުރުމުންނެވެ. އެކަން ތިބާ ނުކުރުމުން އެ ބާރު ތިބާގެ ކިބައިން ﷲ ތަޢާލާ ގެންދަވަނީއެވެ.
މައިން ބަފައިން ބިރުވެތިވާށެވެ! މައިންބަފައިންނަށް ހެޔޮކޮށް ނުހިތައިގެން މިއަދު ކަންބޮޑުވާއިރު އެކުދިން ގެންގުޅެ ތަރުބިއްޔަތުކުރެވުނު ގޮތާއިމެދުވެސް ވިސްނާށެވެ! އެކުދިން ތަރުބިއްޔަތު ކުރީ ހަމަ ﷲ ތަޢާލާ އެންގެވި ގޮތަށް ހެއްޔެވެ؟ އެހެން ކަމަށްވާނަމަ ގިނަ ދަރިން ހަމަ ހެޔޮކޮށް ހިތާނެއެވެ!
رَّب ارْحَمْهُمَا كَمَا رَبَّيَانِي صَغِيرً
" އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަހްމަތްލައްވައިފާނދޭވެ!" (އިސްރާ: 24) މިފަދައިން ދުޢާކުރާނެއެވެ.
ރަނގަޅަށް އަޑުއަހާށެވެ! ތިމާއަށްޓަކައި ދަރިން މިފަދައިން ދުޢާ ކުރުމަށް އެދޭނަމަ ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމެވެ. އެގޮތުގައި ޢިލްމުވެރި ކުރުވުމެވެ! އެކަންކަމުގައި އިހްމާލު ވެއްޖެ ނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ މައިންބަފައިންނަށެވެ!
އިންސާނުންގެ ހިތުގައި އިންސާނުންނަށް ލޯބި އުފެދުމަށް މެދުވެރިވާ އެންމެ މުހިންމު އެއް ސަބަބަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތުމެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ނެތް މީހެއްގެ ހިތުގައި މައިންބަފައިންނަށް އޮންނާނީ ކޮން ލޯތްބެއް ހެއްޔެވެ؟ ދަރިންގެ ހިތުގައި މައިންބަފައިންނަށް ލޯބި އޮތްނަމަ މައިންބަފައިން ހިތުގައެއް ނުޖައްސާނެއެވެ! ހެޔޮކޮށް ހިތާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން