ނަރަކައިގައި ގިނަވާނީ އަންހެނުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އަންހެނުންނަށް އޮތް ނިކަމެތި ބަސްފުޅެއް ނޫނެވެ. އެކަމަށް ސަމާލުވެގެން އުޅުމަށް އަންހެނުންނަށް އޮތް އިންޒާރުގެ ބަސްފުޅެކެވެ.
ދުނިޔޭގައި ހުންނަވަނިކޮށް އެމަނިކުފާނަށް ސުވަރުގެއިން ލިބިވަޑައިގަންނަވާނެ ގަނޑުވަރުކޮޅު ދެއްކެވީވެސް އަންހެން ބޭކަނބަލަކަށެވެ. ވީމާ އަންހެނުންނަށް ހުރި މަތިވެރި ދަރަޖަވެސް އެއޮތީ އެނގޭށެވެ. މައްސަލައަކަށް މިވަނީ އެމަތިވެރި ދަރަޖަ ލިބިގަންނަން މަސައްކަތް ނުކޮށް އަމިއްލައަށް ނަރަކައަށް ވެއްޓިގަނެވޭ ކަމެވެ.
ރަނގަޅަށް އަޑުއަހާށެވެ! ނަމަކަށް މިކިޔަނީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއްގެ ނަމެއް ނޫނެވެ. އެކަމަކު ކުރަނީ ޙަރާމްކުރެއްވެވި ކަމެކެވެ. މަރުވެ ކައްވަޅުގައި އޮންނައިރުވެސް ފާފަތައް އިތުރުވަމުން ދާނެ ކަމެކެވެ. ވީމާ އިތުރަށް ނުވިސްނައި ތިބެވެން އެބަ އޮތް ހެއްޔެވެ؟
ލޮބުވެތި ކަނބަލުންނޭވެ! ސަމާލުވާށެވެ! އަންހެނުން އެކަނބަލުން ފޮރުވަން ޖެހޭ ގުނަވަންތައް ހާމަކޮށްގެން އުޅުން ގިނަވާނެ ކަމަށާއި ފިރިހެނުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރުން ގިނަވާނެކަން ޙަދީޘްފުޅުން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. އެގޮތުން ކުރެވޭ ފާފަތަކުގެ ސަބަބުން (ތައުބާ ނުވިނަމަ) ނަރަކައަށް ވަންނަން ޖެހޭނެކަންވެސް އެނގެން އެބައޮތެވެ!
މިއަދު މިދަނީ އެކަންކަމަށް މަގުފަހިވުން އިތުރުވަމުންނެވެ. އެކަންކަންކުރާ ކަނބަލުން ގިނަވަމުންނެވެ. "ޓިކްޓޮކް" ޢާންމުވެއްޖެއެވެ. އެއްބައަކު އެގެންދަނީ އެއިގެ ތެރެއިން ސުވަރުގެ ޙާޞިލުކުރަމުންނެވެ. އަނެއްބައަކު އެދަނީ ނަރަކައާއި ގާތްވަމުންނެވެ. އެންމެ ފަހަރަކުވެސް ކުރިން މިބަޔާންކުރި ފަދަ ޙަދީޘްފުޅުތަކަށް ވިސްނައިލެވޭ ހެއްޔެވެ؟
ފޭރާމުން ބައެއް ކަޝްފްކުރެއެވެ. ވަހްޝީ ވައްތަރުތައް ހަށިގަނޑުން ޖައްސައެވެ. ބޭނުންވަނީ ވީހައި ގިނަ ބައެއްގެ ސަމާލުކަން ހޯދުމެވެ. ވީހައި ގިނަ ބައެއްގެ ތަޢްރީފް ލިބިގަތުމެވެ. ނަތީޖާ އެނގޭ ހެއްޔެވެ؟
ތިބާ ތިއަ ދޫކުރާ ވީޑިއޯ އެތައް ބައިވަރު އަހަރުތަކަކަށް ދެމިގެންދާނެއެވެ. ތިބާއަށް ކުރެވުނު ކުށަށް ތިބާ ތައުބާވީއެވެ. ވިސްނައި ބިރުވެތިވާންވީ ކަމަކީ ތިބާ ދޫކުރި ވީޑިއޯ ބަލައި ހިތަށް ވަހްޝީކަން ވަންނަ އެތައް މިލިއަން މީހުންނަށް އެލިބޭ ގެއްލުމަށް ތިބާ ފާފަވެރިވާނެ ކަމަށެވެ. ތިބާ މަރުވެ ކައްވަޅުގައި އޮތްނަމަވެސް ތިބާގެ ފާފަތައް އިތުރުވަމުންދާނެކަމާއިމެދުގައެވެ.
ލޮބުވެތި ކަނބަލުންނޭވެ! ދިމާއަށް ބަރަހަނާ ނުވި ނަމަވެސް ތުނި ނުވަތަ ގައަށް ބާރު ހެދުންލައި އަދި އެހެދުން ވީޑިއޯކޮށް ނުވަތަ ފޮޓޯ ޢާންކުރުމުން އެ ބަލާ މީހުން ފާފަވެރިވާ ފަދައިން ތިބާވެސް ދާނީ ފާފަވެރިވަމުންނެވެ. ބަލާ މީހުންގެ އަދަދު ގިނަވާވަރަކަށް ތިބާއަށް ފާފަތައް ދާނީ އިތުރުވަމުންނެވެ.
ފިރިހެނުންނޭވެ! މިބަޔާންކުރި ފަދަ ކަންކަން / މަންޒަރުތައް ފެނުމުން އެކަމަށް ތައްރީފް އެބަކުރަމުއެވެ. "މާޝާ ﷲ !" އެބަ ބުނަމުއެވެ. ތިބާ އެކަންކަން ބަލަން ހުއްދަކުރެވެވީހެއްޔެވެ؟ ބަލެމުން ތިބާ ފާފަވެރިނުވާނީ ހެއްޔެވެ؟ ތިއަ ކުރާ ތަޢްރީފްވެގެންދަނީ އެފަދަ ކަންކަން ކުރަން އެކަނބަލުންނަށް ދެވޭ ހިތްވަރަށެވެ. މީހަކު މަގުފުރެދި ނުބައި ޢަމަލުކުރަން ހިތްވަރުދިނުމަކީ ޝައިޠޯނާ ކުރާ ކަމެއްކަން ނުއެނގެނީހެއްޔެވެ؟ ތިއަ ކުރެވެނީ ކިހައި ނުބައިކަންބޮޑު ކަމެއްކަން ނުއެނގިހުރެ ތިބާއަށް ތިއަ ވެވެނީ ޝައިޠޯނަކަށެވެ!
މިބަޔާންކުރި ފަދަ އަމަލުކުރާ އަނހެނުންނަށާއި ފިރިހެނުންނަށް ބުނެލަން އޮތީ އަވަހަށް ތައުބާވާށެވެ! މިހާރު ހާމަކުރެވިފައި ހުރި ފޮޓޯތަކާއި ވީޑިއޯތައް އަވަހަށް ޑިލީޓްކުރާށެވެ! މަރުވުމުންވެސް ފާފަ އިތުރުވާނެ ކަންކަމުން ސަލާމަތްވެތިބޭށެވެ! ހިސާބު ބެއްލެވުމާއި ކުރިމަތިލާން ނުޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ!
--މުފްތީ މެންކުގެ ދަރުސަކުން