އެއްވެސް ކަމަކަށް ބޭނުންވެގެން ސިހުރު ހެދުމަކީ އެމީހަކާ ﷲ ތަޢާލާ އާ ގުޅުން ކެނޑިގެންދާނެ ނުބައިކަން ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެއްވެސް ކަމަކަށް ބޭނުންވެގެން ސިހުރު ހެދުމަކީ އެމީހަކާ ﷲ ތަޢާލާ އާ ގުޅުން ކެނޑިގެންދާނެ ނުބައިކަން ބޮޑު ފާފައެއް!

ސިޙުރާއިމެދު ބުނަން އޮތީ އެއްވެސް މިންވަރަކަށް ސިޙުރާއި ގާތްނުވާށެވެ! މިވެނިކަމަކީ ސިޙުރެއްތޯ ނޫންތޯ ސުވާލު އުފެދޭ ހިސާބުންވެސް އަވަހަށް އެކަމަކާއި ދުރުހެލިވާށެވެ. އަލިފާންގަނޑަކަށް ވެއްޓިދާނެކަމަށް ބިރުވެތިވާ އުޞޫލުން ބިރުވެތިވާށެވެ!

ސިހުރު ހެދުމަކީ އަދި ސިހުރު ހެއްދުވުމަކީ އަދި ސިހުރު ހެދުމާއި ގުޅުންހުރި އެއްވެސް ކަމެއް ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ އެންމެ ބޮޑު ފާފައެވެ. އެހެނީ ސިހުރު ހެދުންވެސް އަދި ސިހުރު ހެއްދުވުން ވެސް ގުޅިފައިވަނީ ޝަރީކުކުރުމާއިއެވެ.

އެހެންކަމުން ސިހުރު ޤަބޫލުކުރިނަމަވެސް ސިހުރު ހެއްދުވި ނަމަވެސް އަދި ސިހުރު ހެދިނަމަވެސް ވިހާއިއރު ކުދިންގެ ފޫޅު ކެނޑުމުން މައިމީހާގެ ހަށިގަނޑާއި ވަކިވެގެންދާ އުޞޫލުން އެމީހަކާއި ﷲ ތަޢާލާ އާއި ގުޅުން ކެނޑިގެންދާނެތެވެ! އެއީ ޝަރީކުކުރުމުގެ ޢަމަލަކަށްވާތީއެވެ.

މީގެ ތެރޭގައި އިސްތިރި ވަރިތޮޅިވެސް ހިމެނެއެވެ. އެއީ އެކަމުގައި ﷲ ތަޢާލާ ނޫން ފަރާތެއްގެ އެހީތެރިކަމަށް އެދެވޭތީއެވެ. އެކަންވެސް ހިމެނޭނީ ހަމަ ޝަރީކުކުރުމުގެ ތެރެއިންނެވެ. (ދިވެހި ބަހުގައި އިސްތިރި މާނަކުރަނީ ދެމީހަކު ގުޅުވުމަށް ނުވަތަ ކައިވެނި ދެމެހެއްޓުމަށް ހަދާ ސިހުރަށެވެ. ވަރިތޮޅި ކިޔަނީ ދެމަފިރިއަކު ނުވަތަ ދެލޯބިވެރިން ދުރުކުރުވުމަށް ހަދާ ސިހުރަށެވެ. މިދެކަމަކީވެސް ސިހުރެވެ.)

ޝަރީކުކުރުމަކީވެސް ތައުބާވުމުން ފާފަ ފުއްސަވާ ކަމެކެވެ. ނަމަވެސް ބިރުވެތިވާންޖެހެނީ ފުރިހަމަ ތައުބާއަކުން ތައުބާ ނުވެވެނީސް މަރު އައިސް އެމީހަކާއި ބައްދަލުކޮށްފާނެތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން