ޢިބްރަތްތެރި ވާހަކަ: ޚަރަދުކޮށް ކިޔަވައިދިން 15 އަހަރު ދޮށީ "ދައްތަ" އަށް ވޭނެއް އުފުލަންޖެހުމުން އާދޭސްކޮށްގެން ކައިވެނިކޮށް އެޙާލަތުން އޭނާ ސަލާމަތްކޮށްދިން ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ޢިބްރަތްތެރި ވާހަކަ: ޚަރަދުކޮށް ކިޔަވައިދިން 15 އަހަރު ދޮށީ "ދައްތަ" އަށް ވޭނެއް އުފުލަންޖެހުމުން އާދޭސްކޮށްގެން ކައިވެނިކޮށް އެޙާލަތުން އޭނާ ސަލާމަތްކޮށްދިން ޒުވާނެއްގެ ވާހަކަ-

އެއީ އަވަށްޓެރިންނެވެ. އަޙްމަދުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ނިކަމެތި ބައެކެވެ. ސްކޫލަށް ފޮނުވަން ކުރަންޖެހޭ ކަންކަންވެސް އޮންނަނީ ނުކުރެވިފައެވެ. އެކަން އެނގިގެން އަވަށްޓެރި އަންހެނަކު އަޙްމަދުގެ ކަންކަމަށް އެހީތެރިވެދޭން ފެށިއެވެ. 

އެއިރު ޜާއްޖެއިން ކިޔަވައިދެވެންހުރި ވަރަށް އަޙްމަދަށް ކިޔަވައިދިނެވެ. މަތީ ތަޢުލީމަށް މެލޭސިޔާއަށްވެސް ފޮނުވައިދިނެވެ. ކިޔަވައިގެން އަޙްމަދު ރާއްޖެ ނައިސް މެލޭސިޔާގައި ވަޒީފާއަދާކޮށް ފައިސާކޮޅެއް ޖަމާކުރެވުމުން ރާއްޖެއައިސް ގެއަށްވަދެ ފެންވަރާލައިގެން ފުރަތަމަވެސް ދިއައީ އޭނާގެ ކިޔެވުމަށް އެހީތެރިވެދިން އަވަށްޓެރިޔާގެ ގެއަށެވެ. 

އެގެއަށް ގޮސް އަންހެންމީހާއާއި ވާހަކަ ދައްކައިލުމުން އެނގުނީ އޭނާ އިނީ ވަރަށް ބޮޑު ހިތާމައެއްގައި ކަމެވެ. އެއީ ކުލިގޮތަކަށް އޭނާގެ ފިރިމީހާ ނިޔާވުމުންނެވެ. އޭނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަވެސް އަޙްމަދާއި ޙިއްސާކުރިއެވެ. އެއިރު އަންހެން މީހާގެ ޢުމުރަކީ 47 އަހަރެވެ. އޭނާ ބުނީ އޭނާއަށް ފިރިއަކާ ނުލައި ނުއުޅެވޭނެ ކަމަށެވެ. އެހެންވެ މިހާރުވެސް އުޅެންޖެހިފައިވަނީ ވަރަށް ބޮޑު ވޭނެއްގައި ކަމަށެވެ. ނަމަވެސް ދަރިން ނުރުހޭތީ އިތުރު ކައިވެންޏެއް ކުރެވެން ނެތުމުން ވޭނުގައި ކެތްތެރިވާން ޖެހެނީ ކަމަށެވެ. 

އަޙްމަދު ބުންޏެވެ! "ދައްތާއެވެ! އަހުރެންނަށް މިހިސާބަށް މިއައުދެވުނީ ދައްތަގެ އެހީތެރިކަމުގައެވެ. އަހުރެންގެ އަތުގައި ފައިސާކޮޅެއްވެސް އެބަހުއްޓެވެ. މިއައީ ކުރަންވީ ވިޔަފާރިވެސް ދަސްކޮށްގެންނެވެ. ތަޖުރިބާ ހޯދީ މަސައްކަތްކުރިތަނުންނެވެ. ދައްތަ އަހުރެންނަށް ވަރަށް ގިނަ ކަރަދުކޮށްދީފީއެވެ. ދައްތަ ތަނަވަސް ނަމަވެސް މިހާރަކު ދައްތަގެ އަތަކުން ފައިސާއެއް ބޭނުމެއް ނޫނެވެ. ދައްތަ ކޮށްދިން ކަންކަމަށް ޝުކުރުއަދާކުރަން ބޭނުމެވެ. ދައްތަގެ ކިބައިގައި ތަނަވަސްކަން ހުރުމުން އަހުރެންގެ އަތުން އެއްވެސް އެއްޗެއް ބޭނުން ނުވާނެކަން އެނގެއެވެ. ދިނަސް ނުހިފާނެކަން އެނގެއެވެ. ކިޔަވްން ފޮނުވަމުން ބުނިބަސް މިހާރުވެސް ހަނދާން އެބަހުއްޓެވެ. އެއީ މިކަން މިކޮށްދެނީ ދުނިޔެއިން އެއްވެސް ބަދަލަކަށް ބޭނުންވެގެން ނޫންކަމަށް ބުނި ބަހެވެ. 

އެކަމަކު އަހުރެންދޭ ދަޢުވަތެއް ޤަބޫލުކުރިއްޔާ ވަރަށް ރަނގަޅެވެ. އެއީ 10 ވަރަކަށް ދުވަހަށް ނަމަވެސް އަހުރެންނާއިއެކު މެލޭސިޔާއަށް ގޮސްލައިދިނުމެވެ. ދަތުރަށް ޚަރަދުކުރާނީ އަހުރެނެނެވެ." 

ދަޢުވަތު ޤަބޫލުކުރުމުން އަހްމަދު ދައްތަގޮވައިގެން މެލޭސިޔާއަށް ގޮސްފައި ރޭގަނޑު ކާންތިބެގެން އަޙްމަދު ބުންޏެވެ. "ދައްތަ މިގެނައީ ވަރަށް ބޮޑު ކަމަކު އެވެ. ދައްތަ އަހުރެންނަށް ކޮސްދިން ކަންތަކުގެ ބަދަލުގައި ހެޔޮކަމެއް ކޮށްދޭން ބޭނުންވާތީއެވެ. ލަދެއް ނެތި މިބުނަނީއެވެ. އެއީ އަހުރެންނާއި ކައިވެނިކުރުމެވެ. ދައްތަ ބޭނުންނަމަ ކައިވެނި ސއްރުކޮށްފައިވެސް ބޭއްވިދާނެއެވެ. ދައްތަގެ ތަނަވަސްކަން ދަރިންނަށް ދޭށެވެ. އެއިރުން ފަހަރެއްގައި ސިއްރު ބޭޒާރުވިޔަސް ދައްތަގެ ދަރިން އަހުރެންނަކަށް ހިތްބުރައެއް ނުކުރާނެއެވެ. ދައްތަގެ ތަނަވަސްކަން ބޭނުންވެގެން އުޅެނީކަމަކަށް ނުދެކޭނެއެވެ. އަހުރެންގެ ހަމައެކަނި ބޭނުމަކީ ދައްތައަށް އުފުލަންޖެހިފައި ތިއަވާ ވޭނުން ސަލާމަތްކޮށްދިނުމެވެ. އަހުރެންގެ ކިބައިން ދައްތައަށްދޭ އިޚްލާޞްތެރި ބަދަލެއްގެ ގޮތުގައެވެ." ޖަވާބުގައި ދައްތަ ބުނީ ވިސްނާލާފައި މާދަންރޭ ޖަވާބެއް ދޭނެ ކަމަށެވެ. 

އަނެއް ރޭ ދައްތަ ބުނީ އަޙްމަދުގެ ހުށަހެޅުން ޤަބޫލުކޮށްފާނެ ކަމަށެވެ. އެއީ 2 ޝަރުޠެއްގެ މަތީން ކަމަށެވެ. އެ ދެ ޝަރުޠަކީ ކައިވެނި ސިއްރުކުރުމާއި އަޙްމަދާއި އެއް އުމުރުގެ އަންހެނަކާއި އަޙްމަދު އިތުރަށް ކައިވެނިކޮށް ދިރިއުޅުމެއް ހޯދަން މަސައްކަތްކުރުން ކަމަށެވެ. 

ދައްތަގެ ހުށަހެޅުން އަހްމަދު ޤަބޫލުކޮށް ދެމީހުން ކައިވެނިކުރީއެވެ. އެއްބަސްވި ގޮތަށް ދެމީހުން ދިރިއުޅެމުން އައިސް ދައްތަ ނިޔާވީ އެއިގެ 15 އަހަރު ފަހުން ކުއްލި ގޮތަކަށެވެ. 15 އަހަރު ދޮށީ ދައްތަ އާއިކުރި ކައިވެނި ސިއްރެއްގެ ގޮތުގައި އޮވެ 15 އަހަރު ފާއިތުވި ފަހުންނެވެ. 

މިހާދިސާއަށް ކޮމެންޓެއް ކުރާކަށް ނެތީމެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ އަޙްމަދަކީ މިހާރު އޭނާގެ އަމިއްލަ މަސައްކަތުން ތަނަވަސްކަން ލިބިފައިވާ މީހެއްކަމަށެވެ. ކައިވެންޏަށްފަހު އެދައްތަގެ އަތުން އެންމެ ރުފިޔާއެއްވެސް ނުހޯދައެވެ. ދިނަސް ނުހިފައެވެ. އެދައްތައަކީ އަހުރެންގެ އަބްލު ދައްތަވީމާ އަހުރެންނަށް ކިޔައިދިނީތީ އެނގެނީއެވެ. މި ބޮޑު ސިއްރު އެނގޭނެ އަހުރެން ނޫން އިތުރު މީހަކު ހުރިކަމެއް އެނގިފައެއް ނެތެވެ.

 

- ރަމީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން